ޝިމާދު މިގޮތަށް ވިދާޅުވީ، ރާއްޖެ ހުރަސްކޮށް އުތުރުން ދަތުރުކުރާ ބައިނަލްއަގުވާމީ އާގު ބޯޓްފަހަރުތަކަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރުކޮށްދޭ އޮފްޝޯ ބަންކަރިންގެ ހިދުމަތް ފެއްޓުމަށް އިއްޔެ ހއ. ހޯރަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޝިމާދު ވިދާޅުވީ ރާއްޖޭގެ ބަންކަރިންގެ ހިދުމަތް ވިޓޯލްއިން މާކެޓުކުރަން ފެށުމުން ގިނަ ބަޔަކު ހިދުމަތަށް އެދެމުންދާ ކަމަށެވެ. ނަމަވެސް ބޭނުންވަނީ ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ ލަގްޒަރީ އުޅަނދުތަކަށް ހިދުމަތް ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިޓޯލްއާއި އެސްޓީއޯއާ ގުޅިގެން އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ ސަރަހައްދުން މިދާ ލަގްޒަރީ ވެސަލްތަކަށާއި ނީޝް މާކެޓް. މާނައަކީ އަޅުގަނޑުމެންނަށް ލިބޭނެ ބޮޑެތި ވެސަލްތަކަށް ޓާގެޓްކޮށް އެ ވެސަލްތަކަށް ސާވިސް ދިނުން. ހަމަ މިހެން ދާ ކޮންމެ ބޯޓަކަށް ސާވިސް ދިނުމެއް ނޫން،" ޝިމާދު ވިދާޅުވި އެވެ.
ބޭރުގެ ބޮޑެތި ގައުމުތައް އިގުތިސޯދީ ގޮތުން ކުރިއަރައިގެން ދިޔައީ އެ ގައުމުތަކުގެ ވިޝަނަރީ ލީޑަރުންގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ރާއްޖޭގެ އިގުތިސޯދު ޑައިވާސިފައި ކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވަމުން ކަމަށް ޝިމާދު ވިދާޅުވި އެވެ. ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތަކީ އެ އަމާޒުގެ ދަށުން ފެށި ހިދުމަތެއް ކަމަށް އޭނާ ވިދާޅުވި އެވެ."ވިޓޯލްއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެން މި މަޝްރޫއު މި ފަށަނީ، ފާޑަކަށް ޒީރޯ ވޯކިން ކެޕިޓަލްްއެއްގައި. މާނައަކީ، އަޅުގަނޑުމެންނަށް ތެޔޮ ފޯރުކޮށްދޭނީ ވިޓޯލްއިން. ތެޔޮ ވިއްކުމަށްޓަކައި ވިޓޯލްއިން އެހީތެރިވެދޭނެ އަދި ތެޔޮ ވިއްކައިގެން ލިބޭ ފައިސާއިން އަޅުގަނޑުމެން ވިޓޯލްއަށް ހޭދަ ކުރާނަން،" އޭނާ ވިދާޅުވި އެވެ.
މި ހިދުމަތް ދިނުމަށް އިންފްރަސްޓްރަކްޗާ ގާއިމްކުރުމަށް ވެސް ވީޓޯލްއިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިންކަން ވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.ޝިމާދު ވިދާޅުވި ގޮތުގައި ބަންކަރިންގެ ހިދުމަތް ފަށަނީ ޒީރޯ ވޯކިން ކެޕިޓަލްގަ އެވެ.
"އޭގެ މާނައަކީ އަޅުގަނޑުމެންނަށް ކާގޯ ފޯރުކޮށްދޭނީ ވިޓޯލުން. ކާގޯ ވިއްކުމަށްޓަކައި އަޅުގަނޑުމެންނަށް އެހީވެދޭނެ ވިޓޯލުން،" ޝިމާދު ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވި ގޮތުގައި ވިޓޯލަށް ހޭދަކުރާނީ ކާގޯ ވިއްކައިގެން ލިބޭ ފައިސާއިންނެވެ.
އޮފް-ޝޯ (ކަނޑުމަތީގައި އުޅަނދެއް ބާއްވައިގެން) ބަންކަރިންގެ ހިދުމަތް ދިނުމަކީ ދާއިމީ ހައްލެއް ނޫންކަން ފާހަގަކުރައްވާ ޝިމާދު ވިދާޅުވީ ދާއިމީ ހައްލެއް ލިބޭނީ ބިން ހިއްކާ އެތަނުގައި ފިއުލް ފާމްތަކާއި ޕޯޓު ގާއިމުކޮށް ހިދުމަތް ދެވިގެން ކަމަށެވެ.
ސަރުކާރުން އަންދާޒާކުރާ ގޮތުގައި އުތުރުގައި ފަށާ ބަންކަރިން ހިދުމަތާއި އެ ހިދުމަތުގެ ވަށައގެން އިތުރަށް ހިންގާ ވިޔަފާރިތަކާއި ތައާރަފުކުރާ އައު ހިދުމަތްތަކުން ގައުމީ އުފެއްދުންތެރިކަމަށް ކުރިއަށް އޮތް އެއް އަހަރު ތެރޭ 400 މިލިއަން ޑޮލަރު އިތުރުވާނެ އެވެ.