ޔާމީން މިހެން ވިދާޅުވި އިރު، ބީއެމްއެލްގެ ޗެއާމަންގެ މަގާމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހުމަދު އަލީ ހަބީބު އައްޔަނުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް (ޕީސީބީ)ސަރުކާރުން ވަނީ ނަން ފޮނުވާފަ އެވެ.
ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ސަރުކާރުން ބީއެމްއެލް ހަބޭހަށް ސިޔާސީ ކުރަމުންދާ ކަމަށާއި މިއީ ބޮޑު ގޯހެއް ކަމަށެވެ. މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި ބޭފުޅާ މިކަންކަން ހުއްޓުވަންޖެހޭ ކަމަށާއި ނޫނީ މަގާމުން އިސްތިއުފާ ދޭންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
ބޭންކުތަކަކީ ސިޔާސީކޮށްގެން ވާނެ ތަންތަން ނޫން ކަމަށާއި ސަރުކާރުން އެކަން ކުރަމުންދަނީ ވެސް ގާނޫނުތަކާއި ހިލާފަށް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"ޕޮލިޓިސައިޒް ނުކުރޭ ތަންތަނުގެ ތެރޭގައި ހިމެނޭ ތަންތަން ބޭންކިން އިންޑަސްޓްރީ ކަހަލަ ތަންތަނަކީ. އެކަމަކު އެ ތަންތަން އެ ޕޮލިޓިސައިޒް ކުރަނީ. ދެން ހުރިހާ ގަވަނަންސް ލޯސް، ކޯޕަރޭޓް ގަވަނަންސް ލޯސްއާ ހިލާފަށް މިކަން މި ކުރަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.ބީއެމްއެލް ސިޔާސީ ކުރަން މަސައްކަތް ކުރާ ކަމަށް ޔާމީން ވިދާޅުވިއިރު، ސަރުކާރުގެ މަގާމުތަކުގައި ތިބި ސިޔާސީ މީހުން ބޭންކުތަކުގެ ބޯޑަށް އައްޔަން ކުރެވޭ ގޮތަށް އެމްއެމްއޭއިން ވަނީ އޯގަސްޓު މަހު ގަވާއިދެއް އިސްލާހުކޮށްފަ އެވެ.
އޭގެ ފަހުން މިދިޔަ އަންގާރަ ދުވަހު، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް އަހްމަދު އަލީ ހަބީބު އައްޔަން ކުރަން ވެސް ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ.