މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން: ރައީސް

Fri, 03 Nov 2023 10:16 AM

View on this article on Hathaavees

މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން: ރައީސް

ގައުމުގެ ސިޔާދަތާއި މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން، އެއް ރޫހެއްގައި މަސައްކަތް ކޮށްގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ 36ވަނަ ނަސްރުގެ ދުވަހާ ގުޅިގެން ރައީސް ފޮނުއްވި ހިތާބެއްގައި ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރާއިރު އަޒުމަކަށް ހަދަންވީ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވެ ތިބެ، ފަރުދީ މަސްލަހަތުގެ މައްޗަށް ގައުމީ މަޞްލަޙަތު އިސްކުރުން ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިންނާ ކުރިމަތިވި ބިރުވެރި ހާދިސާގައި، ދިވެހިންނަށް ނަސްރު ލިބުމުގެ ސިއްރަކީ، ސަރުކާރާ ރައްޔިތުންނާއި ދެމެދު އޮތް ގުޅުމުގެ ހަރުދަނާކަން ކަމަށެވެ.

"ދުޝްމަނުންގެ ބަޔަކު ހަތިޔާރާއެކު މާލެ އަރައި، އެ ދުވަހު ހިންގި ޢުދުވާނީ އަމަލުތައް ނާކާމިޔާބުކޮށްލެވުނީ، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރު ގުޅިގެން ކުރި މަސައްކަތާއި ޖިހާދުގެ ސަބަބުންކަން ޔަގީނެވެ،" ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެދުވަހު ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވުނީ، ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި، މިނިވަންކަމަށްޓަކައި ގުރުބާންވުމުގެ ރޫހު ދިވެހިންގެ ކިބައިގައި ވަރުގަދަކަމުން ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަންވީ، އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ފަރުދީ ގޮތުން މަސައްކަތް ކުރުމުގެ ރޫޙު އަށަގެންނެވުމަށެވެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ހިތާބުގައި ދިވެހި ޅަދަރިންގެ ހިތްތަކުގައި ގައުމީ ލޯބި އާލާކޮށް، ގައުމީ މަސްލަހަތު އިސްކުރުމުގެ ސިފަ ހަރުލެއްވުމަކީ، މިފަދަ ދުވަހެއް ފާހަގަކުރުމުގެ ވަރަށް މުހިންމު ބޭނުމެއް ކަމަށް ވިދާޅުވިއެވެ.



More from Hathaavees