މަތި ކޮމަންޑޫގެ ބިން ހިއްކަން ފަށައިފި، ހަފްތާއެއްގެ ތެރޭގައި ނިންމާލާނެ

Fri, 28 Jul 2023 02:05 PM

View on this article on Hathaavees

މަތި ކޮމަންޑޫގެ ބިން ހިއްކަން ފަށައިފި، ހަފްތާއެއްގެ ތެރޭގައި ނިންމާލާނެ

ށ. ކޮމަންޑޫގެ އިހުތިސޯސުގެ ތެރޭގައި ހިމަނާފައިވާ މަތި ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުގެ ކުންފުނި އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވަނީ މަތި ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ވީޑިއޯ އެއް އެމަނިކުފާނުގެ ޓްވީޓާގައި ހިއްސާ ކުރައްވާފައެވެ.

"ހަތާވީސް"އާ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެ މަސައްކަތަކީ ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް މަސައްކަތް ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަތި ކޮމަންޑޫގެ ބިން ހިއްކާ ނިންމާލެވޭނެ ކަމަށެވެ.

"އެއަށްފަހު ދެ ކޮމަންޑޫ ގުޅާލާ ބްރިޖުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އޮގަސްޓު މަހުގެ ތެރޭގައި ފަށާނަން،" އާޒިމް ވިދާޅުވިއެވެ.

ދެ ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުގެ ދަށުން މަތި ކޮމަންޑޫ އިން 16.7 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މަޝްރޫއުގެ މަސައްކަތުގެ އަގު 249 މިލިއަން ރުފިޔާއަށް އަރާނެއެވެ.

ދެ ކޮމަންޑޫ ގުޅާލާނީ 200 މީޓަރުގެ ބްރިޖަކުންނެވެ. މީގެއިތުރުން 1،520 މީޓަރުގެ ބޮޑުހިލައިގެ ތޮށި ލުމާއެކު 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 112 މީޓަރުގެ ޖީއޯބޭހުގެ ތޮށި މަތި ކޮމަންޑޫގައި ގާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

The post މަތި ކޮމަންޑޫގެ ބިން ހިއްކަން ފަށައިފި، ހަފްތާއެއްގެ ތެރޭގައި ނިންމާލާނެ first appeared on Hathaavees.



More from Hathaavees