އެމްބާއްޕޭ ސައުދީ ލީގަށް ދާތަން ބަލަން ރެއާލަށް ކެތެއް ނުވާނެ

Thu, 27 Jul 2023 07:37 PM

View on this article on Hathaavees

އެމްބާއްޕޭ ސައުދީ ލީގަށް ދާތަން ބަލަން ރެއާލަށް ކެތެއް ނުވާނެ

ޔޫރޮޕު ފުޓުބޯޅައިގައި މިވަގުތު އެންމެ ހޮޓް ޓޮޕިކަކީ ފްރާންސްގެ ހުނަރުވެރި ފޯވާޑް ކިލިއަން އެމްބާއްޕޭގެ ޓްރާންސްފާގެ ވާހަކަތަކެވެ. ޕީއެސްޖީއަށް ކުޅެމުން އައި އެމްބާއްޕޭ ވިއްކާލަން މިހާރު ސޭލުގައި އޮތް އިރު، އޭނާ ހޯދަން ޔޫރޮޕުގެ ކުލަބުތަކުން އޮތީ ކިޔޫ ހަދާލައިފައެވެ. އޭގެ ތެރެއިން އެންމެ ކުރީގައި އޮތީ އެމްބާއްޕޭ ހޯދަން އެތައް ފަހަރަކު މީގެ ކުރިން ވެސް މަސައްކަތްކޮށް ނާކާމިޔާބުވި ރެއާލް މެޑްރިޑެވެ. އެކަމަކު މިހާރު ފެންމަތިވެފައިވާ ވާހަކަތަކުން ރެއާލަށް އަނެއްކާވެސް އެމްބާއްޕޭ ގެއްލިދާނެކަމުގެ ބިރު އޮތީ އިންތިހާއަށެވެ.

އެމްބާއްޕޭ މިދިޔަ ސީޒަނުގައި ޕީއެސްޖީ ދޫކޮށްލާނެ ކަމުގެ އަޑުތައް ފެތުރުނު އިރު، އޭނާ ވަނީ ރެއާލަށް ދާން ބޭނުންވާ ކަމަށް ވެސް ފާޅުގައި ބުނެފައެވެ. އަދި ރެއާލުންވެސް އެގޮތަށް އުންމީދުކޮށްގެން ހުއްޓާ އެމްބާއްޕޭ ވަނީ ކުއްލިޔަކަށް ޙިޔާލު ބަދަލުކޮށް ޕީއެސްޖީގެ އެއްބަސްވުން އާ ކޮށްފައެވެ. މި އެއްބަސްވުމާއެކު ކުލަބު ލެވެލްގައި ބަސް ކިޔުމުގެ ބާރު ވެސް އެމްބާއްޕޭއަށް ޕީއެސްޖީން ދިން ކަމަށް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އިތުރަށް މުސާރަވެސް އޭނާ ބޭނުންވާ ވަރަށް ޕީއެސްޖީން ބޮޑުކޮށްދިނެވެ.

އެއްބަސްވުން އާ ކުރިތާ އަހަރެއް ނުވަނީސް އެމްބާއްޕޭ އަލުން ޕީއެސްޖީ ދޫކޮށްލަން ވަނީ ދިމާކޮށްފައެވެ. އަންނަ އަހަރަށް އެއްބަސްވުން ހަމަވާއިރު، ޕީއެސްޖީއަށްވެސް ހެދޭނެ މާބޮޑު ގޮތެއް ނެތެވެ. އެއް ގޮތަކީ އެއްބަސްވުން ހަމަވަންދެން ޕީއެސްޖީގައި މަޑުކޮށްގެން ހުރުމެވެ. އެހެން ކަމަށްވާނަމަ ދުނިޔޭގެ މިވަގުތު އެންމެ އަގުބޮޑު އެއް ކުޅުންތެރިޔާ، އެމްބާއްޕޭއަށް މުޅިން ހިލޭ ޓްރާންސްފާއެއްގައި ކުލަބު ބަދަލު ކުރެވޭނެއެވެ. އޭރުން ބޮޑު އަގު ދީފައި ގެނެސް އެމްބާއްޕޭގެ ބޭނުން ނުހިފި ޕީއެސްޖީއަށް ލިބޭނީ ލަނޑެކެވެ.

ދެވަނަ ގޮތަކީ މިހާރު މި ހުޅުވިފައި އޮތް ޓްރާންސްފާ މާކެޓުގައި އަގުބޮޑުކޮށް އެމްބާއްޕޭ ވިއްކާލުމެވެ. އެހެން ކަމަށްވާނަމަ ޕީއެސްޖީން މި ދަނޑިވަޅުގައި ބަލާނީ އެންމެ ބޮޑު އަގެއް ކިޔާ ކުލަބަކަށް އެމްބާއްޕޭ ދޫކުރުމަށެވެ. އެއީ އެމްބާއްޕޭ ވެސް ރުހޭ ނަމައެވެ.

ޕީއެސްޖީއާއި އެމްބާއްޕޭގެ ހާލަތު މިފަދައިން އޮތް އިރު، އިންގިރޭސިވިލާތުގެ ޓޮޓެންހަމް، މެންޗެސްޓާ ސިޓީ، ސްޕެއިނުގެ ބާސެލޯނާއިންވެސް އޭނާ ބޭނުންވެގެން ކިޔޫގައި ތިބި އިރު ޔޫރޮޕުގައި އެކުލަބުތަކެއްވުރެން މި ޑީލް ކާމިޔާބު ކުރުމާ އެންމެ ގާތުގައި އުޅެނީ އެމްބާއްޕޭ ކުޑައިރުން ފެށިގެން އެންމެ ގަޔާވާ ރެއާލްއެވެ. ރެއާލުން އެމްބާއްޕޭ ހޯދަން މަސައްކަތް ކުރާތާ ދުވަސްތަކެއް ވެފައިވާ އިރު، މިއީ އޭނާ ހޯދަން އެ ކުލަބަށް ލިބޭނެ އެންމެ ރަނގަޅު ވަގުތެވެ.

ނަމަވެސް އެމްބާއްޕޭގެ ޑިމާންޑު މިހާރު އޮތީ ޔޫރޮޕުގައި އެކަންޏެއް ނޫނެވެ. ސައުދީ އަރަބިއްޔާގެ މުއްސަނދި ކުލަބުތަކުންވެސް އޭނާ ގެންދަން ވަނީ ހިފާލައިފައެވެ. އެގޮތުން ސައުދީ ލީގުގައި ވާދަކުރާ އަލް ހިލާލްއިން އެމްބާއްޕޭ ހޯދަން ޕީއެސްޖީއަށް ވަނީ ހުށައަޅައިފައެވެ. މި ހުށައެޅުމަކީ މިހާތަނަށް ދުނިޔޭގައި އެތުލީޓަކަށް ނުދޭވަރުގެ ޑީލެކެވެ. ގައިގަނޑަކަށް 1 ބިލިއަން އަހަރަކު މުސާރައާއި ސްޕޮންސާޝިޕްގެ ގޮތުގައި އެމްބާއްޕޭއަށް ލިބޭ މި ޑީލުގައި ޕީއެސްޖީއަށް 300 މިލިއަން ވަނީ ހުށައަޅައިފައެވެ.

ރިޕޯޓްތައް ބުނާގޮތުން މި ޑީލަށް ޕީއެސްޖީން މިހާރު އޮތީ ރުހިފައެވެ. ޑީލް މަޑުކުރަނީ އެމްބާއްޕޭގެ އާ ބަހަކަށެވެ. އެހެން ނަމަވެސް މި ޑީލް ކުރިއަށް ދިއުމާ ގާތް ކަމަށާއި، އެމްބާއްޕޭ ބޭނުންވަނީ އަހަރެއް ވަންދެން ސައުދީގައި ކުޅެފައި އޭގެ ފަހުން ރެއާލަށް ދާން ކަމަށްވެސް ބައެއް ރިޕޯޓްތަކުން ބުނެއެވެ.

އެކަމަކު ތިން ވަނަ ފަހަރަށް އެމްބާއްޕޭ ހޯދަން ރެއާލުން މިކުރާ މަސައްކަތް ނާކާމިޔާބު ވުމަކީ އެކުލަބަށް ލިބޭނެ ބޮޑު ދެރައެކެވެ. ސަބަބަކީ އެކުލަބަށް މިހާރުވެސް ކަރިމް ބެންޒެމާ ނެތްތަން ފޫބައްދާނެ ކުޅުންތެރިޔަކު ބޭނުން ޖެހިފައިވުމާއި، އެމްބާއްޕޭ މީގެ ކުރިން ވެސް އެކުލަބަށް ދާނެ ކަމަށް ބުނެ އުންމީދު ދީފައިވުމެވެ


More from Hathaavees