އިތުރު މަސައްކަތެއް ކުރެވޭނީ ނަޝީދު އާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ފަހު: އަސްލަމް

Thu, 08 Jun 2023 07:45 PM

View on this article on Hathaavees

އިތުރު މަސައްކަތެއް ކުރެވޭނީ ނަޝީދު އާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ފަހު: އަސްލަމް

ރައްޔިތުންގެ މަޖިލީހުގައި ދެން އިތުރު އެއްވެސް މަސައްކަތެއް ދެން ކުރެވޭނީ މަޖިލީހަށް ހުށަހަޅާފައިވާ މަޖިލިސް ނާއިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ފަހު ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ އިދާރާ އިން މިއަދު ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ސިޓީ އަކީ މަޖިލީހުގެ ނާއިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 11ވަނަ ދުވަހަށް ތާވަލު ކުރުމަށްފަހު އެ މައްސަލަ އަށް ބަދަލު އައިސްފައިވާކަން އެންގުމަށް އައިސްފައިވާ ސިޓީއެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެ މައްސަލާގައި އެމްޑީޕީން ދެކޭ ގޮތް ހާމަކޮށް މަޖިލީހުގެ އިދާރާ އަށް މިއަދު އަންގާފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އެއީ ހަމައެކަނި އެމްޑީޕީ އިން ގަބޫލުކުރާ ގޮތް ނޫން ކަމަށާއި އެއީ މަޖިލީހުގެ ގަވާއިދުގައި ވެސް އެކަން އޮންނަ ގޮތް ކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން މަޖިލީހުގެ ދާއިމީ ކޮމެޓީތަކަކީ އަބަދުވެސް އޮންނަ ކޮމެޓީތަކެއް ކަމަށާއި މަޖިލީހުން އެހެން ގޮތެއް ފާސް ނުކުރާހާ ހިނދަކު، އާއްމު ކޮމެޓީގެ މެންބަރުން އެ ކޮމެޓީގައި ދެމި ތިބޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"މައިނޯރިޓީގެ އެއްބަސްވުމެއް ނެތް ކަމަށް ބުނެ، މަޖިލީހުގެ ކޮމެޓީތައް ހުއްޓިފައި ބޭއްވޭނެ ކަމަށް ގަބޫލެއް ނުކުރަން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ފާހަގަކުރެއްވީ މަޖިލީހުގެ އިތުރު އެއްވެސް ކަމެއްގައި ބަހުސް ކުރެވޭނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ފަހު ކަމަށެވެ.

އެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ މަޖިލީހުގެ ކޮމެޓީތައް އަލުން އެކުލަވާލުމަށްޓަކައި މަޖިލީހުގެ އިދާރާ އިން އިންތިޒާމު ކޮށްގެން ސިޔާސީ ޕާޓީތަކާއެކު މިއަދު ބައްދަލުވުމެއް ބޭއްވުނު ކަމަށެވެ. އަސްލަމް ވިދާޅުވީ އެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ އަށް ދެވެން އޮތް ހުރިހާ ދުލެއް ދީފައި ވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ އާއްމު ކޮމެޓީގައި ހުރިހާ ސިޔާސީ ޕާޓީއެއް ހިމެނުމަށް މިނިވަން މެންބަރުން އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެއްވެސް ގާނޫނެއްގައި ވެސް އަދި ގަވާއިދެއްގައި ވެސް އެއީ ކޮންހެން ލާޒިމް ކަމެއްގެ ގޮތުގައި ބަޔާން ކޮށްފައި ނުވާ ކަމަށާއި އެކަމަކު އެކަމުގައިވެސް އެމްޑީޕީ އަށް އެއްވެސް މައްސަލައެއް ނެތް ކަމަށް ދެންނެވިން ކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ އަދަދަށް ބެލުމަށްފަހު އާއްމު ކޮމެޓީގައި އެމްޑީޕީ އަށް ލިބެން ވާނެ ސްލޮޓުތައް އެ ބައްދަލުވުމުގައި ލިބެން ވާނެ ކަމަށް އެމްޑީޕީން އެއްބަސްވިއިރު އެކަމަށް އިދިކޮޅު ޕާޓީތަކުގެ ބަހެއް ނުލިބޭ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

 

The post އިތުރު މަސައްކަތެއް ކުރެވޭނީ ނަޝީދު އާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ފަހު: އަސްލަމް first appeared on Hathaavees.



More from Hathaavees