މެސީ އިންޓަ މައިއެމީއަށް ދިއުމުން ބާސެލޯނާ ސަޕޯޓަރުން މާޔޫސްވެފައި

Thu, 08 Jun 2023 04:31 PM

View on this article on Hathaavees

މެސީ އިންޓަ މައިއެމީއަށް ދިއުމުން ބާސެލޯނާ ސަޕޯޓަރުން މާޔޫސްވެފައި

ޕީއެސްޖީ ދޫކޮށް ބާސެލޯނާއަށް އަލުން އަނބުރާ ދާނޭ ކަމަށް ގިނަބަޔަކު އުންމީދުކޮށްގެން ތިއްބާ ލިއޮނެލް މެސީ އެމެރިކާގެ އިންޓަ މައިއެމީއަށް ސޮއިކޮށްފިއެވެ.

މިދިޔަ ދެ ސީޒަނަށްފަހު ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން މެސީ ނިންމީ އެކުލަބާ އެކު އެއްބަސްވުން އައު ނުކުރުމަށެވެ.

އެއާއެކު ބާސެލޯނާއިން ވަނީ އެ ޓީމުގެ ކުރީގެ ފޯވާޑް އަދި ލެޖެންޑް، މެސީ އަލުން އަނބުރާ ގެނައުމަށް މަސައްކަތް ފަށައިފައެވެ. އަދި އެކަމާ ގުޅުވައިގެން މެސީގެ އެޖެންޓް އަދި އޭނާގެ ބައްޕަ ޖޯޖް މެސީ ވަނީ ބާސެލޯނާގެ ރައީސް ޖޯއާން ލަޕޯޓާއާ ބައްދަލުކޮށް އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

މެސީއާއި ބާސެލޯނާއާ ދެމެދު މަޝްވަރާތައް ކުރިއަށް ގޮސް، ސޮއި ކުރުމާ ގާތަށް ޖެހިލި ނަމަވެސް ފަހުވަގުތު އެ ޑީލް ކުރިއަށް ނުގޮސް ވަނީ ހުއްޓިފައެވެ. އަދި ރޭގެ ވަގުތެއްގައި މެސީ ވަނީ އެމެރިކާގެ އެމްއެލްއެސްގައި ވާދަކުރަމުން އަންނަ މައިއެމީ ޓީމަށް ސޮއިކުރިކަން ހާމަކޮށްފައެވެ.

މެސީ އެ ޓީމަށް ސޮއި ކުރުމަށްފަހު މީޑިއާއަށް ދިން އިންޓަވިއުގައި ވަނީ އޭނާ އެ ނިންމުން ނިންމި ސަބަބު ބަޔާންކޮށްދީފައެވެ.

އެގޮތުން އޭނާ އަލުން އަނބުރާ ބާސެލޯނާއަށް އަންނަން ބޭނުންވި ކަމަށާއި، އެކަމަށް މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް ބާސެލޯނާއިން އޭނާ ގެންދިއުމަށް ބައެއް ކުޅުންތެރިން ދޫކުރަން ޖެހުމަކީ އޭނާ އެހާ ހިތްހަމަ ޖެހޭ ކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ. އަދި މުހިއްމީ ފައިސާ ނޫން ކަމަށާއި، ފައިސާ ބޭނުންވާ ނަމަ ދާނީ ސައުދީ އަރަބިއްޔާ ފަދަ ގައުމަކަށް ކަމަށް އޭނާ ބުންޏެވެ.

މެސީ ބުނީ ބާސެލޯނާގައި އޭނާ ގެންދަން ބޭނުންނުވާ ބައެއް ފަރާތްތައް ތިބިކަން އޭނާއަށް އެނގޭ ކަމަށެވެ. އަދި މި ވޭތުވެ ދިޔަ ދެ ތިން އަހަރު އޭނާއަށް ކުރިމަތިވި ޕްރެޝަރުގެ ސަބަބުން އާއިލާއަށް ވެސް އަސަރު ކޮށްފައިވާ ކަމަށާއި، މިހާރު ބޭނުންވަނީ އެ ޕްރެޝަރާ ދުރުގައި އުޅުމަށް ކަމަށެވެ.

ބާސެލޯނާއިން އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ މެސީއާއި ލަޕޯޓާއާ ދެމެދު ވާހަކަ ދެއްކުމަށްފަހު މެސީގެ ނިންމުން ސާފު ވެގެން ދިޔަ ކަމަށާއި، އޭނާ ގެންދިއުމަށް ކުލަބުން ކުރެވެން ހުރި މަސައްކަތެއް ކުރި ކަމަށެވެ. ނަމަވެސް ފަހުގެ ނިންމުން ނިންމާނީ މެސީ ކަމަށް ބާސެލޯނާއިން ބުންޏެވެ.

The post މެސީ އިންޓަ މައިއެމީއަށް ދިއުމުން ބާސެލޯނާ ސަޕޯޓަރުން މާޔޫސްވެފައި first appeared on Hathaavees.



More from Hathaavees