ޕާލިމަންޓްރީ ގްރޫޕުގެ ނިންމުންތައް ނިންމަނީ ރައީސްއާ މަޝްވަރާ ކުރުމަށްފަހު: ތަރުޖަމާން

Thu, 08 Jun 2023 01:07 PM

View on this article on Hathaavees

ޕާލިމަންޓްރީ ގްރޫޕުގެ ނިންމުންތައް ނިންމަނީ ރައީސްއާ މަޝްވަރާ ކުރުމަށްފަހު: ތަރުޖަމާން

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމާ ނިންމުންތައް ނިންމަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރުމަށްފަހު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން ވިދާޅުވީ ޕީޖީގެ ހުރިހާ މެންބަރުންނަށް ވެސް ރައީސާ މަޝްވަރާ ކުރެވޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) އިން ނިންމާ ނިންމުންތަކަކީ ރައީސް ސޯލިހުގެ މަޝްވަރާއާއެކު ނިންމާ ނިންމުންތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ހުރިހާ މެންބަރުންނާ ވެސް ރައީސާ މަޝްވަރާކުރެވޭ،" މިއުވާން ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމާ ނިންމުންތައް ނިންމުމުގައި ރައީސްއާ މަޝްވަރާ ކުރައްވާނެ ކަމަށް މިއުވާން ވިދާޅުވިއިރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ އެޕާޓީގެ ޕީޖީން ވަނީ ފާސްކޮށް އަދި އިއްޔެ ވަނީ 54 މެންބަރުންގެ ސޮއިއާއެކު ހުށަހަޅާފައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވި މެންބަރުންގެ ތެރޭގައި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މިނިވަން ދެ މެންބަރަކާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް) ހިމެނިވަޑައިގަންނަވައެވެ.

އެނގިފައިވާ ގޮތުގައި ނަޝީދުގެ މައްސަލަ ހުށަހެޅުމަށް ސޮއި ނުކުރައްވާ މެންބަރުންގެ ތެރޭގައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) އާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް) ހިމެނިވަޑައިގަންނަވައެވެ.

މަޖިލީހުގައި އެމްޑީޕީ އަށް ނިސްބަތްވާ މިހާރު ތިއްބަވަނީ 56 މެންބަރުންނެވެ. އޭގެތެރެއިން އިއްޔެ ބޭއްވި ޕީޖީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ 42 މެންބަރުންނެވެ. ޕީޖީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން އަސްލަމް އަށް ޕީޖީގައި ނެގޭ ވޯޓުތަކުގައި ބައިވެރިއެއްނުވެވެއެވެ. އެހެންކަމުން މިއަދުގެ ވޯޓުގައި ބައިވެރިވީ 41 މެންބަރުންނެވެ. އޭގެތެރެއިން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިޔަށް ގެންދިއުމަށް ވޯޓު ދެއްވީ 36 މެންބަރުންނެވެ.

މަޖިލީހަށް ހުށަހެޅި މައްސަލާގައިވާ ކަންކަން:

މަޖިލީހަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ މަޖިލީހުގެ ގަވާއިދުގައި މަޖިލިސް ރައީސަކީ ވަކި ފަރާތަކަށް ވަކި ޕާޓީއަކަށް ނުޖެހި ހަމަހަމަ ކަމާއެކު މަސައްކަތް ކުރައްވަން ޖެހޭނެ ބޭފުޅެއް ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ކޮމެޓީތަކުން ނިންމާ މަސައްކަތްތައް ވީ އެންމެ އަވަހަކަށް އެޖެންޑާ ކުރަން ވާނެ ކަމަށް ބަޔާން ކޮށްފައި ވާނެ ކަމަށް ވެސް އެ މައްސަލާގައިވެއެވެ.

މަޖިލީހުގެ މެންބަރުން އެކުލެވިފައިވާ ގޮތަށް އައި ބަދަލާއި ގުޅިގެން މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތް ކުރުން ކުރިޔަށް ނުގެންދިއުމަށް މަޖިލިސް ރައީސް އަންގަވާފައިވާ ކަމަށާއި އަދި ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ މަޖިލީހުގެ މެންބަރުންގެ ޒިންމާ ނިގުޅައިގެންފައިވާ ކަމަށް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބުނެފައިވެއެވެ.

އަދި ސަބަބު ބަޔާން ކުރުމަކާއި ނުލާ މަޖިލީހުގެ ރިޔާސަތު ދޫކުރައްވައި ވަޑައިގަންނަވާކަން ވެސް އެ މައްސަލާގައި ފާހަގަ ކޮށްފައިވެއެވެ.

The post ޕާލިމަންޓްރީ ގްރޫޕުގެ ނިންމުންތައް ނިންމަނީ ރައީސްއާ މަޝްވަރާ ކުރުމަށްފަހު: ތަރުޖަމާން first appeared on Hathaavees.



More from Hathaavees