މަގު ހުރަސްކުރާ މީހުންނަށް ހުޅުމާލޭގައި ހާއްސަ ލައިޓުތަކެއް، އޮޕަރޭޓްކުރާނީ ސޯލާއިން

Fri, 26 May 2023 07:02 PM

View on this article on Hathaavees

މަގު ހުރަސްކުރާ މީހުންނަށް ހުޅުމާލޭގައި ހާއްސަ ލައިޓުތަކެއް، އޮޕަރޭޓްކުރާނީ ސޯލާއިން

މަގު ހުރަސްކުރާ މީހުންނަށް ހާއްސަކޮށްގެން، ހުޅުމާލެގައި ފުރަތަމަ ފަހަރަށް “މަގުހުރަސް ބައްތި” އިފްތިތާޙްކޮށްފިއެވެ.

މިއަދު މިއަދު ހުޅުމާލޭގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މަގުހުރަސް ބައްތިތައް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މަގު ހުރަސް ކުރަން ބޭނުންވާ މީހަކު އެ ލައިޓުގައިވާ ފިތަށް ފިއްތާލުމުން، ހަ ސިކުންތު ތެރޭގައި އުޅަނދުތައް މަޑުކުރާނެވެ. އަދި އެއް މިނެޓް ވަންދެން މަގު ހުރަސްކުކުރަން ވަގުތު ލިބޭނެއެވެ. ހުޅުމާލޭގައި މަގުހުރަސް ބައްތި މިއަދު ބޭނުންކުރަން ފެށީ ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައްޔާއި ހިޔާ ސަރަހައްދުގައެވެ.

އާބަންކޯގެ ޓްރެފިކް އެންޑް ރޯޑް ސާވިސްގެ މެނޭޖަރު އަހުމަދު ސަފްވާން “ހަތާވީސް”އަށް މިއަދު ވިދާޅުވީ ހުޅުމާލޭގެ ދެ ސަރަހައްދެއްގައި މިއަދު ބޭނުންކުރަން ފެށި މަގުބައްތިތަކަށް ކަރަންޓު ދޭން ނުޖެހޭނެ ކަމަށާއި އެ ބައްތިތައް އޮޕަރޭޓް ކުރާނީ ސޯލާއިން ކަމަށެވެ.

މަގު ހުރަސް ބައްތި އިފްތިތާހުކޮށްދެއްވި ރަސްމިއްޔާތުގެ ތެރެއިން– ފޮޓޯ/ އާބަންކޯ

މަގުހުރަސް ބައްތި ނުވަތަ ޕެޑެސްޓްރިއަން ކްރޮސިންގ ލައިޓްތަކަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިހާރުވެސް ބޭނުން ކުރެވެމުން އަންނަ ލައިޓްތަކެކެވެ. އަދި މި ލައިޓްތައް އާއްމުކޮށް ބަހައްޓަނީ ދުއްވާ އުޅަނދުތައް ހުއްޓުވައި، ހިނގާފައިދާ ގިނަ އަދަދެއްގެ މީހުންނަށް ރައްކާތެރިކަމާއެކު ހުރަސްކުރުމަށް ފަސޭހަކޮށްދިނުމަށެވެ.

އާބަންކޯއިން ބުނީ މަގުހުރަސް ބައްތި ބެހެއްޓުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކާއި، އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޤާއިމު ކޮށްދިނުމަށް ކަމަށެވެ. އަދި އެ ބައްތިތަކުގެ ސަބަބުން މަގު ހުރަސް ކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

އާބަންކޯއިން ބުނީ ހުޅުމާލޭގެ ނުވަ ސަރަހައްދެއްގައި މަގުހުރަސް ބައްތި ހަރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އާއްމުން އެންމެ ގިނައިން ބޭނުން ކުރާ ކަފި ހުރަސްތައް އަދި މަގު ހުރަސް ކުރުމަށް ބޭނުންކުރާ ސަރަހައްދުތައް ދެނެގަނެ މި ތަންތަނަށް އިސްކަން ދެވޭނެ ކަމަށް އާބަންކޯއިން ބުންޏެވެ.

ހުޅުމާލެ ރައްކާތެރި މާހައުލަކަށް ހެދުމުގެ ގޮތުން، ވަކިން ޙާއްސަކޮށް މިހާރުވެސް މަގުމަތީގެ ރައްކާތެރިކަން އިތުރުކޮށް ގިނަ މަސައްކަތްތަކެއް ރޭވިގެން ކުރެވެމުންދެއެވެ. އަދި ހުޅުމާލޭގައި ދިރި އުޅޭ އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ދުޅަހެޔޮ، ހިތްފަސޭހަ ވެއްޓެއް ޤާއިމުކޮށްދިނުމަށް މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދާނެއެވެ.

The post މަގު ހުރަސްކުރާ މީހުންނަށް ހުޅުމާލޭގައި ހާއްސަ ލައިޓުތަކެއް، އޮޕަރޭޓްކުރާނީ ސޯލާއިން first appeared on Hathaavees.More from Hathaavees