ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ހުޅުވާލައިފި

Sat, 25 Mar 2023 09:07 PM

View on this article on Hathaavees

ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ހުޅުވާލައިފި

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އޮބްޒާވްކޮށް މޮނިޓާ ކުރުމަށް ޝައުގުވެރިވާ ބައިނަލްއަގްވާމީ އެސޯސިއޭޝަންތަކާއި ސޮސައިޓީތަކާއި ބޭރުގެ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އީސީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ފޯމު ބަލައިގަންނާނީ މިއަދުން ފެށިގެން ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވުމާއި،
ބައިނަލްއަގްވާމީ އެސޯސިއޭޝަންތަކާއި ސޮސައިޓީތަކުގެ މަންދޫބުކަމަށްވުން ހިމެނެއެވެ.

އަދި އެއްވެސް ކެނޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ކެމްޕެއިން ކުރުމުގައި ބައިވެރިވާ ފަރާތަކަށް ވެގެން ނުވުން ޝަރުުތަތަކުގެ ތެރޭގައި ހިމެނެއެވެ.

ރިޔާސީ އިންތިހާބަށް ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި މޮނީޓަރުން އަމަލުކުރަންވާނީ އިންތިހާބުގެ އާންމު ގާނޫނުގެ 40 ވަނަ މާއްދާއާއި 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނާއި، ރިޔާސީ އިންތިހާބުގެ ގަވާއިދު 2023 ގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އީސީގެ އިއުލާުނުގައިވެއެވެ.

އަދި އެކްރެޑިޓް ކޮށްފައިވާ ހުރިހާ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ލޮޖިސްޓިކް އިންތިޒާމުތައް ހަމަޖެއްސުމަށް އީސީން ގުޅާނެއެވެ.

އީސީން ބުނީ އެރައިވަލް އިން ފެށިގެން ރާއްޖެ އިން ފުރައިގެން ދިއުމާ ހަމައަށް ކުރަންޖެހޭ ހުރިހާ ހަރަދެއް، ވިސާ އަދި އިންޝުއަރެންސް އުފުލަން ޖެހެނީ އޮބްޒާވަރު ނުވަތަ މޮނިޓަރު އަމިއްލައަށް ނުވަތަ އޭނާ ތަމްސީލުކުރާ މުއައްސަސާއަކުން ކަމަށެވެެ.

އޮބްޒާވަރުންނާއި މޮނިޓަރުންގެ އެކްރެޑިޓޭޝަނަށް ބޭނުންވާ ތަމްރީނުތަކާއި ކުރު ސެޝަންތައް ހިންގުމަށް މަގުފަހިކޮށްދިނުމާއި އިންތިޒާމްތައް ހަމަޖައްސައިދޭނީ އީސީންނެވެ.ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަން ބޭނުންވާ އޮބްޒާވަރުންނާއި މޮނީޓަރުން ހުރިހާ ލޮޖިސްޓިކްސް އަކާއި އެހެނިހެން އިންތިޒާމުތައް އަމިއްލައަށް އިންތިޒާމު ކުރަން ޖެހެ އެވެ.

އެހެން ފަރާތްތަކާއި ސިޔާސީ ޕާޓީތަކާ ބައްދަލުކުރަން ބޭނުންވާ އޮބްޒާވަރުންނާއި މޮނީޓަރުން ހުރިހާ ބައްދަލުވުންތަކާއި ލޮޖިސްޓިކް އިންތިޒާމްތަކާއި އެހެނިހެން ހަރަކާތްތައް ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންތިޒާމު ކުރަން ޖެހޭނީ އަމިއްލަ ހަރަދުގައެވެ.

The post ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ހުޅުވާލައިފި first appeared on Hathaavees.More from Hathaavees