ލައިލަތުލް ޤަދުރި ވިލޭރޭ މި ލިބެނީ މުޅި އުމުރު ތިބާ ކޮށްފައިވާ ފާފައިން ޠާހިރުވުމުގެ ފުރުސަތު: ހުކުރު ޚުޠުބާ

Fri, 29 Mar 2024 01:20 PM

View on this article on Dhuvas.mv

ލައިލަތުލް ޤަދުރި ވިލޭރޭ މި ލިބެނީ މުޅި އުމުރު ތިބާ ކޮށްފައިވާ ފާފައިން ޠާހިރުވުމުގެ ފުރުސަތު: ހުކުރު ޚުޠުބާ

މުޅި އުމުރު ތިބާކޮށްފައިވާ ފާފަތަކުން ޠާހިރުވުމުގެ ފުރުސަތު ބަރަކާތްތެރި މި ރަމަޟާން މަހުގައި އަންނަ ލައިލަތުން ޤަދުރި ވިލޭރެއިން ލިބޭކަން މިއަދުގެ ހުކުރު ޚުޠުބާގައި މުސްލިމް އަޚުންނާއި އުޚްތުންނަށް ހަނދުމަކޮށްދީފިއެވެ.



މިއަދު ހުކުރު ޚުޠުބާގެ މައުލޫއަކީ “ކާމިޔާބީތަކެއްގެ މައްސަރު” މި މައުލޫއެވެ. ހިނގަމުންމިދާ މަހަކީ ބަރަކާތުން ފުރިގެން ވާ މައްސަރުކަން ފާހަގަކޮށް މި މަހުގައި މާތް اللهُ އިސްލާމީ އުއްމަތަށް ގިނަގުނަ ކަމިޔާބީތަކެއް ދެއްވާފައިވާކަން ފާހަގަކޮށްފައިވެއެވެ. އޭގެ ތެރެއިން އެއް ކާމިޔާބީއަކީ، ބަދުރު ހަނގުރާމާގައި މުސްލިމުންނަށް ދެއްވި ނަޞްރާއި އެ ހަނގުރާމައިން ލިބޭ ފިލާވަޅުތަކުގެ މައްޗަށް އަލި އަޅުވާލާފައިވެއެވެ.  

“މި ހަނގުރާމައިން ލިބޭ އެއް ފިލާވަޅަކީ ޢަދުލުވެރިކަމުގެ ފިލާވަޅު، އަނެއް ފިލާވަޅަކީ، މަޝްވަރާކުރުމުގެ މަތިވެރި ފިލާވަޅު، އަނެއް ފިލާވަޅަކީ އިސްލާމްދީނުގެ ޢަޤީދާ ހިތުގައި ވަރުގަދައަށް އަށަގެންފިނަމަ، އެމީހަކަށް ދެންހުރި ހުރިހާކަމެއް ފަސޭހަވާނެކަން” ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

މިމައްސަރުގައި ދެއްވާފައިވާ އަނެއް ކާމިޔާބީއަކީ މީހާގެ މުޅި ޢުމުރުގައި ކޮށްފައިވާ ފާފައިން ޠާހިރުވުމުގެ ފުރުޞަތުކަން ފާހަގަކޮށް އަދި އެއީ ލައިލަތުލް ޤަދުރި ވިލޭރޭގެ މަތިވެރި ފުރުޞަތު ކަމާއި އެރޭގެ ހެޔޮކަން އެއްހާސް މައްސަރުގައި ކޮށްފައިވާ ހެޔޮކަމަށްވުރެ ބޮޑުކަން ހަނދުމަކޮށްދީފައިވެއެވެ.

ބަރަކާތުން ފުރިފައިވާ ދުވަސްތައް  ފެށުނުތާ އަދި މާގިނަ ދުވަސްތަކެއް ވީހެނެއް ހީ ނުވާކަމާއި ނަމަވެސް މިހާރު މިވަނީ ނިމުމަކާ ގާތްވެފައިވާކަމާއި އަހަރުގެ ތެރޭގައި އަންނަ އެންމެ މާތް ރޭގެ ދަރުމަ ލިބޭތޯ ރޭ އަޅުކަން އިތުރު ކުރުމަށް މަސައްކަތް ކުރުމަށް ހުކުރު ޚުޠުބާގައި ގޮވާލާފައިވެއެވެ.



More from Dhuvas.mv