ރައީސްގެ އަނބިކަންބަލުން “މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ” ގެ ދެވަނަ ދައުރު އިފުތިތާޙުކޮށްދެއްވައިފި

Mon, 29 Apr 2024 11:42 AM

View on this article on Dhuvas.mv

ރައީސްގެ އަނބިކަންބަލުން “މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ” ގެ ދެވަނަ ދައުރު އިފުތިތާޙުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، “މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ” ގެ ދެވަނަ ދައުރު އިފުތިތާޙުކޮށްދެއްވައިފިއެވެ.



މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިސްނަންގަވައިގެން ކުރިއަށް ގެންދަވާ މި ކޮމިޓީ އިފުތިތާޙުކޮށްދެއްވާފައިވަނީ އިސްކަންދަރު ކޮށީގައި މިކަމަށްޓަކައި ރޭ ބޭއްވެވި ޚާއްޞަ ޙަފުލާއެއްގައެވެ.

މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ދިވެހި ފުލުހުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއްކަމަށާއި، އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރު އަދި ވަރަށް ބޮޑަށް މުހިންމުވާކަމުގައެވެ.

އެކަމަނާގެ ވާހަކަފުޅުގައި އަންހެން ފުލުހުންގެ ދައުރު މުހިންމުވާ ކަންކަމުގެމައްޗަށް އަލިއަޅުއްވާލައްވައި، އަންހެނުންގެ ބާރު ހަރުދަނާވެ، އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނަކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ފުލުންގެ މުއައްސަސާގެ އެކި ޚިދުމަތްތަކުގައި އެކި ދާއިރާތަކުގައި އަންހެން ފުލުހުންގެ ބަހާއި، އެކަނބަލުންގެ ބައިވެރިވުމާއި، އެ ކަނބަލުންގެ އިސްކަން ވަރަށް މުހިންމުކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ދިވެހިރާއްޖޭގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރައްވާ މުހިންމު ދައުރަށްޓަކައި އެކަމަނާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމުގައެވެ. އަދި އެ ގޮތުގައި ކުރިޔަށް ދިޔުމަށް އެކަމަނާ ގޮވާލެއްވިއެވެ. ހަމަ އެއާއެކު އަންހެން ކަނބަލުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގު ހޯދުމުގެ މުހިންމުކަމަށާއި، ކަނބަލުންގެ ޤާބިލުކަން އިތުރުވި ވަރަކަށް މުޖުތަމަޢުގައި އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ޙައްލު ލިބުމުގެ މަގު ފަހިވެގެންދާނެކަމުގައި ވިދާޅުވިއެވެ.

މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ‘މޯލްޑިވްސް ވިމެން އިން ޕޮލިސިންގ މަންތްލީ ނިއުސް ލެޓަރ’ “ސްޕެޝަލް އިނައުގުރަލް އިޝޫ” ފޮތްވެސް އިފުތިތާޙުކޮށްދެއްވާފައެވެ. މި ފޮތަކީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީން އެކުލަވާލައްވައި ޝާޢިއުކޮށްފައިވާ ފޮތެކެވެ.

މި ޙަފުލާގައި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލްމަރުޙޫމް މުޙައްމަދު ޒިޔާދުގެ ހަނދާނުގައި 1 މިނިޓުގެ ސުކޫތެއް ގެނެސްފައިވެއެވެ. އަލްމަރުޙޫމް މުޙައްމަދު ޒިޔާދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.



More from Dhuvas.mv