އިންޓަ ކަނެކްޝަން ގްރިޑު ކޭބަލް މައްޗަށް ދަގަނޑު ނުޖެހުމަށް ސްޓެލްކޯގެ އެމްޑީ އެދިލައްވައިފި

Fri, 29 Mar 2024 04:34 AM

View on this article on Dhuvas.mv

އިންޓަ ކަނެކްޝަން ގްރިޑު ކޭބަލް މައްޗަށް ދަގަނޑު ނުޖެހުމަށް ސްޓެލްކޯގެ އެމްޑީ އެދިލައްވައިފި

މާލެ، ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމަށް ޤާއިމްކޮށްފައިވާ ގްރޭޓަރމާލެ އިންޓަކަނެކްޝަން ގްރިޑްގައި ހިމެނޭ ކޭބަލް ވިއުގައިގެ މައްޗަށް ދަގަނޑު ނުޖެހުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އިލްތިމާސް ކުރައްވައިފިއެވެ.



އެގޮތުން އޭނާ މިރޭ ވިދާޅުވީ އެ ކޭބަލް ވިއުގައިގެ މައްޗަށް ދަގަނޑު ޖަހައި އިސްތިހާރު ބޯޑުތައް އަދިވެސް ބަހައްޓަމުން ގެންދިއުމާއި މިވަގުތު ޖަހާފައިވާ ބޯޑުތައްވެސް އެ ކޭބަލް ވިއުގައިގެ މަތީގައި ހުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެ ކޭބަލް ވިއުގައިގައި ހިމެނޭ ކޭބަލްތަކަށް ގެއްލުމެއްވެއްޖެނަމަ، އެ މަރާމާތު ކުރުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ. އަދި މީގެ ސަބަބުން، ސްޓެލްކޯއިން މާލެ އަދި ހުޅުމާލެއަށް ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެ ކަމަށެވެ.

“މިދެންނެވި އިސްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަ ދެއްވާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުވެ، މިކަންކަން ބައްލަވައި ކޭބަލް ވިއުގަ ރައްކާތެރިކޮށް ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް އިލްތިމާސް ކުރަން. އަދި މިއީ ކޭބަލް ވިއުގައިގެ މަތީގައި އިސްތިހާރު ބޯޑު ޖެހުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ފުރާނައަށްވެސް ނުރައްކާތެރިކަމެއް ކަމުގައި ތަކުރާރުކޮަށް ފާހަގަ ކުރަން” އެމްޑީ ވިދާޅުވެފައިވެއެވެ.

އެމްޑީ ހުސެއިން ފަހުމީ މިކަމަށް އިލްތިމާސް ކުރައްވާފައިވާއިރު އެމްޑީ ވިދާޅުވެފައިވާގޮތުގައި ސްޓެލްކޯގެ މުވައްޒަފުންނަކީ ރައްޔިތުންނަށް މެދުނުކެނޑި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާ އަދި އެޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ހުއްޓުމެއްނެތި ކުރަމުން އަންނަ ބައެކެވެ. އެ މުވައްޒަފުން މެދުނުކެނޑި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަމުން މިގެންދާ މަސައްކަތްތަކުގެ ހުރަހަކަށް އެއްވެސް ބަޔަކު ނުވުމަކީ އޭނާގެ ވަރަށްބޮޑު އެދިލެއްވުމެއްކަމުގައި ވިދާޅުވެފައިވެއެވެ.

އެ ކޭބަލް ގްރިޑް މައްޗަށް ދަގަނޑު ނުޖެހުމަށް އިލްތިމާސްކޮށް މީގެ ކުރިންވެސް ސްޓެލްކޯއިން ނޫސްބަޔާނެއް ނެރެފައިވެއެވެ.



More from Dhuvas.mv