ލަދުން ބޯފަޅައިގެން ދިޔަޔަސް އަޅުގަނޑަކީ އިހުލާސްތެރިއެއް: އަބްދުއްރަހީމް

Fri, 19 Apr 2024 12:13 AM

View on this article on Dhen.mv

ލަދުން ބޯފަޅައިގެން ދިޔަޔަސް އަޅުގަނޑަކީ އިހުލާސްތެރިއެއް: އަބްދުއްރަހީމް

އޭނާ އަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސް ވަޒީރު ކަމުގައިވުމުން ބަޔަކު ލަދުން ބޯފައިގެން ދިޔަޔަސް އެކަމުގައި ކުރާނެ ކަމެއް ނެތް ކަމަށް ވިދާޅުވެ އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހޫނު ރައްދެއް ދެއްވައިފިއެވެ.



Ads by STELCO

މި ފަހުން ޕީއެންސީ/ޕީޕީއެމުން ބޭއްވި ޕެނަލް ޑިސްކަޝަންގައި އަބްދުއްރަހީމް ޔާމީންއާ ގުޅުވައި ދެއްކި ވާހަކަތަކާއި އެކު ދެ ބޭފުޅުންގެ ދެމެދުގެ ބަހުގެ ހަމަލާތައް ދަނީ ބަދަލުކުރެވެމުންނެވެ. އަބްދުއްރަހީމް ވިދާޅުވާ ކޮންމެ އެއްޗަކަށް ޔާމީން ގެންދަވަނީ ރައްދު ދެއްވަމުންނެވެ. ކްރިމިނަލް ކޯޓުން އެމަނިކުފާނަށް ކޮށްފައިވާ ހުކުމް ހައިކޯޓުން މިއަދު ބާތިލުކޮށް މިނިވަންވެ ވަޑައިގެން ފުރަަތަމަ ފަހަރަށް މީޑިއާތަކާއި ވާހަކަ ދައްކަވަމުންވެސް ޔާމީން ވަނީ އަބްދުއްރަހީމަށް ފާޑުވިދާޅުވެފައެވެ.

''..ތިމަންނަގެ (ރައީސް މުއިއްޒު) ރޯލް މޮޑެލް އަކީ އަބްދުއްރަހީމޭ ވިދާޅުވާ ހިސާބުން ތަސައްވަރު ކުރައްވާ ކިހާ ހިސާބަކަށްތޯ މި ދެމިގެންދަނީ'' ސިޔާސީ ގޮތުން އެންމެ ކަމުދާ ބޭފުޅަކީ އަބްދުއްރަހީމް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ވިދާޅުވުމަށް އިޝާރާތް ކުރައްވާ ޔާމީން ވިދާޅުވިއެވެ.

''ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސް ވަޒީރޭ އަޅުގަނޑަކީ ބުނީމަ ލަދުން ބޯފަޅައިގެންދާ މީހުން ދިޔަޔަސް ކުރާނެ ކަމެއް ނެތް'' ނަން ނުގެންނަވައި ޔާމީނަށް ބަހުގެ ހަމަލާތައް ފޮނުއްވަމުން މިރޭ ފުވައްމުލަކުގައި ބޭއްވި ޕީއެންސީ/ޕީޕީއެމް ކެމްޕޭނު ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ގާތުގައި ހުންނާނީ އޭނާ ކަމަށެވެ. އިހުލާސްތެރިން ވަކިކުރަން ޔާމީނަށް އެނގިވަޑައިނުގަތުމުން އެކަމާއި ހިތާމަކުރާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

''އަޅުގަނޑުމެންނަކީ އިހުލާސްތެރިން، އަޅުގަނޑުމެންނަކީ ވަފާތެރިން، އެކަން އެމަނިކުފާނަށް އެނގިވަޑައިނުގަތީމަ ދެރަވޭ'' އަބްދުއްރަހީމް ވިދާޅުވިއެވެ.

ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ ޖަލުގައި އޮންނެވި ނަމަވެސް އެމަނިކުފާނު މިނިވަން ކުރަން މަސައްކަތް ކުރި މީހުންގެ މައުލޫމާތު ލިބިވަޑައިގެންނެވި ކަމަށެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެ ބޭފުޅުންނަކީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އަދި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އެވެ.



More from Dhen.mv