ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނުން ކަމަށް ދެކި އެ ނިޒާމުގެ ބާރުވެރިކަން ކަނޑުވާލީ މި ސަރުކާރުން: މުއިއްޒު

Tue, 19 Sep 2023 11:32 PM

View on this article on Dhen.mv

ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނުން ކަމަށް ދެކި އެ ނިޒާމުގެ ބާރުވެރިކަން ކަނޑުވާލީ މި ސަރުކާރުން: މުއިއްޒު

ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ދެކިގެން އެ ނިޒާމުގެ ބާރުވެރިކަން ކަނޑުވާލީ މި ސަރުކާރުން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ ސަންގު ޓީވީ އާއި ޗެނަލް 13އާ ގުޅިގެން މިހާރު ކުރިއަށް ގެންދާ "އާސްކް މުއިއްޒު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ ކެންޕެއިން ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެންނެވި އިރު ކައުންސިލްތަކާއި ސަރުކާރާއި ދެމެދު އޮންނަންޖެހޭ ގުޅުން ހީނަރުވެ ރަށްރަށަށް ބޭނުންވާ އެތައްކަމެއް ނުކުރެވި ލަސްވެފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް މިހާރު އޮތް ހުރަސްތައް ނައްތާލައި، ކައުންސިލްތައް ހަގީގީ މާނައިގައި ބާރުވެރި ކުރެވޭނީ ފުލްޓައިމް ވަޒީރެއް އެލްޖީއޭ ހިންގުމާއި ހަވާލުވެގެން ކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ.

ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަންކަމަށް ދެކި އެ ނިޒާމުގެ ބާރުވެރިކަން ކަނޑުވާލީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ކަމަށް މުއިއްޒު ވަނީ ތުހުމަތު ކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ރަށްތަކަށް ވަޑައިގަތުމުން ކައުންސިލްތަކަށް ބޭނުންވާ ކަންކަން ނުކުރެވި ލަސްވަމުންދާ މަންޒަރު ފެނިވަޑައިގެންފައިވާ ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ އިދާރާ އަޅަން އުޅެ ވެސް ނޭޅި ކައުންސިލަށް ބޭނުންވާ މުވައްޒަފުން ހޯދަން އުޅެއުޅެ އެކަން ވެސް ނުވެފައި އެބަހުރި ކަމަށެވެ.

ހަމަ އެހެންމެ ކައުންސިލަށް ބޭނުންވާ ސްޓޭޝަނަރީ އާއި ކޮމްޕިއުޓަރު ފަދަ ތަކެތި ނުލިބުމުގެ ޝަކުވާވެސް ލިބުނު ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެލްޖީއޭ ބެލެހެއްޓުން ޒިންމާއާއި މަތިކޮށްފައިވާ ފަރާތް ކަމަށްވާ ހޯމް މިނިސްޓަރަށް އެލްޖީއޭއަށް ދޭންވާ ސަމާލުކަން، އެންމެ އެދެވޭގޮތުގައި ނުދެވޭކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމެއްގައި އެލްޖީއޭއަށް ޚާއްސަ މިނިސްޓަރެއް ކަނޑައަޅުއްވައިގެން އުފައްދާ ފަށަލައަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކަމާއިއެކު ހިންގުމަށް އެޅޭ ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ.



More from Dhen.mv