މާލޭގައި އުޅޭތާ 20 އަހަރުވީ މީހުންނަށް ގޯއްޗާއި ފްލެޓް ދޭނަން: ރައީސް ޞާލިޙް

Tue, 19 Sep 2023 11:13 PM

View on this article on Dhen.mv

މާލޭގައި އުޅޭތާ 20 އަހަރުވީ މީހުންނަށް ގޯއްޗާއި ފްލެޓް ދޭނަން: ރައީސް ޞާލިޙް

މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުންނަށް ފްލެޓާއި ގޯތި ދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި މިރޭ ގަލޮޅު ކަންމަތީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ ހުރިހާ ރައްޔިތުންނާއި މާލޭގެ ދަފުތަރުގައި ޖެހިފައިވާތާ 20 އަހަރު ވެފައިވާ މީހުންނަށް ފްލެޓާއި ގޯތި ދޭނެ ކަމަށާއި އެކަމަށް ބޭނުންވާ ހައުސިން ސްކީމްގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ.

"މި ނިންމަނީ އާ ހައުސިން ސްކީމެއް ފެށުމަށް. އޭގެ ތެރޭގައި މާލޭގައި ދިރިއުޅޭ ދަފުތަރުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ތިބި މީހުންނާއި މާލޭގައި އުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިކާން ކަށަވަރުކޮށްދޭ ހުރިހާ އެންމެނަށް އެ ހައުސިން ސްކީމުގެ ތެރެއިން ފްލެޓާއި ގޯތި ދޫކުރާނަން," ރައީސް ޞާލިޙް ވިދާޅުވި އެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މާލޭގައި 20 އަހަރާއި 30 އަހަރު ވަންދެން އުޅެފައި ތިބި މީހުން ވެސް އެބަތިބި ކަމަށާއި މިގޮތަށް ތިބި މީހުންނަށް އެމީހުންގެ އަމިއްލަ ރަށުން ގޯތި ލިބުން މިހާރު ދަތި ކަމަށެވެ. އަދި މި ސްކީމުގެ ދަށުން އެކަން ހައްލުކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައި ހުރި ދަތިތަކެއް އެބަހުރި. 20 އަހަރު 30 އަހަރު 35 އަހަރު އަޅުގަނޑު ވެސް 50 އަހަރު ވަނީ މާލޭގައި އުޅޭތާ. މިގޮތަށް ތިބި މީހުންނަށް އެ މީހުންގެ އަމިއްލަ ރަށުން ގޯތި ލިބުން ދަތި. އެ ރަށުގައި ވަކި މުއްދަތަކު ނޫޅޭތީ ނުލިބޭ," ރައީސް ޞާލިޙް ވިދާޅުވި އެވެ.

މީގެ އިތުރުން، މާލޭގެ ރަށްވެހިންނާއި މާލެ އަށް ހިޖުރަކޮށްގެން ތިބި މީހުންގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް މި ސަރުކާރުން ގެނެސްދެއްވާނެ ކަމަށާއި ވިނަރެސް ފްލެޓް ލިބުނު ފަރާތްތަކުން ޑައުންޕޭމަންޓް އަދި ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ބޮޑުވުމުގެ ޝަކުވާ ކުރަމުންދާކަމަށް ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ އޭގެ ޑައުންޕޭމަންޑް ކުޑަކޮށް ކުއްޔަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށެވެ.



More from Dhen.mv