ވަކި މީހަކު ބުނާ މީހަކަށް މަޤާމު ދީގެން ވެރިކަން ކުރާކަށް އަޅުގަނޑު ނޫޅެން، އައްޔަންކުރާނީ ޤާބިލް ބޭފުޅުން: މުއިއްޒު

Tue, 19 Sep 2023 10:47 PM

View on this article on Dhen.mv

ވަކި މީހަކު ބުނާ މީހަކަށް މަޤާމު ދީގެން ވެރިކަން ކުރާކަށް އަޅުގަނޑު ނޫޅެން، އައްޔަންކުރާނީ ޤާބިލް ބޭފުޅުން: މުއިއްޒު

ވަކި މީހަކު ނުވަތަ ވަކި ޕާޓީއަކުން ވިދާޅުވާ މީހަކަށް މަޤާމް ދެއްވައިގެން ވެރިކަން ކުރައްވަން ބޭނުންފުޅު ނުވާކަމަށާއި މަޤާމްތަކަށް އައްޔަންކުރައްވާނީ އެ ދާއިރާއަކަށް އެންމެ ޤަބިލު ބޭފުޅުންކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަންގު ޓީވީ އަދި ޗެނަލް 13 އާ ގުޅިގެން މިހާރު ކުރިއަށްގެންދާ "އާސްކް މުއިއްޒު" ޕްރޮގްރާމުގައި އާންމު ބޭފުޅަކު ވަނީ ޑރ.މުޢިއްޒުގެ ވެރިކަމެއްގައި އެޑިއުކޭޝަން މިނިސްޓަރުގެ މަޤާމަށް އައްޔަންކުރައްވާނީ ޖަމްއިއްޔަތުއް ސަލަފުން ނަން ފޮނުވާ ބޭފުޅެއްކަމަށް ބުނާ ވާހަކައާ ހަވާލާދީ މުއިއްޒުއާއި ސުވާލުކުރައްވާފައެވެ. އެގޮތުން މުއިއްޒުގެ ވެރިކަމެއްގައި އެޑިއުކޭޝަން މިނިސްޓަރުކަމަށް އައްޔަންކުރައްވާނީ ކޮން ބޭފުޅެއްތޯ ނުވަތަ ކޮންކަހަލަ ބޭފުޅެއްތޯ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ވަކި ޖަމްއިއްޔާއަކުން ނަން ފޮނުވާ ބޭފުޅެއް މަޤާމަކަށް އައްޔަންކުރައްވަން ނޫޅުއްވާ ކަމަށެވެ. އަދި ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދަކީ ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދޭނެ ވެރިކަމެއް ކުރެއްވުންކަމަށާއި، އެބޭފުޅާގެ ވެރިކަމެއްގައި ކެބިނެޓުގައި ތިއްބަވާނީ އެ ބޭފުޅެއްގެ މަސައްކަތުގެ ދާއިރާއިން ތައުލީމާއި ތަޖުރިބާ ހާސިލުކުރައްވާފައިވާ ބޭފުޅުން ކަމަށްވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

"މިސާލަކަށް އެޑިއުކޭޝަން މިނިސްޓަރުކަމަށްލާ ބޭފުޅާ، އެބޭފުޅާވާނީ އެ ދާއިރާގެ ބޭފުޅަކަށް، އެ ދާއިރާ އެނގޭ ބޭފުޅަކަށް، އެ ދާއިރާއިން ތަޖުރިބާ ހޯދިފައިވާ އެ ދާއިރާގެ ތައުލީމު ލިބިފައިވާ ބޭފުޅަކަށް. އެގޮތަށް ނުބަލައި ވަކި މީހަކު ބުނާ މީހަކު ލައިގެން، އަޅުގަނޑު ނޫޅެން މިގޮތަށް ކަންކަން ކުރާކަށެއް.،" ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ބޭނުންފުޅުވަނީ ރައްޔިތުންނަށް ހަޤީޤީ މާނައިގައި ކުރިއެރުން ގެނެސްދެއްވަން ކަމަށާއި ވަކި ބަޔަކު ބުނާ ބަޔަކު މަޤާމްތަކަށް ލައިގެން އެކަން ނުކުރެއްވޭނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުން ރައްޔިތުންނަށް ހަޤީޤީ މާނައިގައި ކުރިއެރުން ގެނެސްދޭން، ކަންކަން ރަނގަޅު ވެގެންދާން، އެކަންކަމެއް ނުކުރެވޭނެ ވަކި މީހަކު ބުނާ މީހަކު ލައިގެން، ވަކި ޕާޓީއަކުން ބުނީމަ ލައިގެން، ނޫނިއްޔާ ވަކި މީހެއްގެ ރިކޮމެންޑޭޝަނެއް އައިސްގެން، އަޅުގަނޑަށް އެމީހަކާ ދޭތެރޭގައި ޔަޤީންކަން އޮންނަންޖެހޭނެ" މުއިއްޒު ވިދާޅުވިއެވެ.

"މިހުރިހާ ކަމެއް ކުރެވޭ މިންވަރުގެ ތައުލީމާއި ތަޖުރިބާހުރި ބޭފުޅަކު އެ ވުޒާރާއަށް [ތައުލީމީ ވުޒާރާއަށް] ލާނީ، އަދި ދެންހުރި ވުޒާރާތަކަށްވެސް. ކެބިނެޓަށް ލާ ބޭފުޅުންވާނީ ހިންގުންތެރި ހީވާގި، ޓެކްނިކަލީ އެ ދާއިރާގެ ތައުލީމާއި ތަޖުރިބާ ހުރި ބޭފުޅުން. އެފަދަ ބޭފުޅުންނާއެކު އެކުލަވައިލާނީ ރައްޔިތުން ފަޚުރުވެރިވާ ފަދަ ކެބިނެޓެއް،" ޑރ.މުއިއްޒު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާއަށް އިޝާރާތްކުރައްވަމުން މުއިއްޒު ވިދާޅުވީ އެ ދާއިރާއިން ބޭނުންފުޅުވަނީ ރަނގަޅު ހެޔޮ ބަދަލުތަކެއް ގެންނަވައި، ތައުލީމީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރައްވާނެ ބޭފުޅެއްކަމަށާއި އެހެންކަމުން އެ ދާއިރާގެ މަސައްކަތް ހަވާލުކުރައްވާނީ އެ ދާއިރާގެ ތަޖުރިބާއާއި ތައުލީމު ހުރި ބޭފުޅަކަށް ކަމަށެވެ.More from Dhen.mv