ނާއިޝް އާއި މާޒިލް: ކުރެހުމުގެ ހުނަރުގައި އަޑުގަދަ ދެ ޒުވާނުން!

Sat, 20 Jul 2024 10:01 PM

View on this article on Bonthi News

ނާއިޝް އާއި މާޒިލް: ކުރެހުމުގެ ހުނަރުގައި އަޑުގަދަ ދެ ޒުވާނުން!

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވާ ”އަންވީލިންގ ވިޝަންސް“ އާޓްސް އެގްޒިބިޝަންގެ މިއަހަރުގެ ސީރީޒްގައި މާޒިލް މަމްދޫހުއާއި ހުސައިން ނާއިޝްގެ ތަފާތު ދެ ކުރެހުމެއް ދައްކާލައިފިއެވެ.

އުމުރުން 21 އަހަރުގެ ނާއިޝް، އިޝާރާތުން ވާހަކަ ފަށަމުން އޭނާ ވަނީ ކުރެހުމުގެ ތެރެއަށް އޭނާގެ ހިތް ލެނބިގެންދިޔަ ސަބަބު ހިއްސާކޮށްފައެވެ. އެއީ ކުޑައިރުއްސުރެ ކީރިތި ގުރުއާނަށް އޭނާގެ ހިތުގައި ދެވިފައިވާ ހާއްސަކަމާއި އަރަބި ބަހާއި އަކުރުތަކަށް އޮންނަ ލޯތްބެވެ. އަދި ހާއްސަކޮށް ކޯވިޑް-19 ގެ ދުވަސްވަރު ފުރަބަންދުގައި ގޭގައި އުޅުނުއިރު، ތަފާތު އެކި ބައްޓަމަށް އަރަބި އަކުރު އަޅަން ފެށީކަމަށް ނާއިޝް ބުންޏެވެ.

އެގޮތުން އެގްޒިބިޝަންގައި ނާއިޝް ދައްކާލީ އަރަބި އަކުރުތައް ބޭނުންކޮށްގެން ރާއްޖޭގެ ސަގާފަތް ރަމްޒުކޮށްދޭ ރިޔަލު ދޯންޏެކެވެ.

”ރާއްޖެއޭ ބުނެފިއްޔާ އަންނާނީ މުސްލިމް ގައުމެކޭ، މޫދާއި، ދޯނި ދެން އޭގެ ތެރެއަށް އަރަބިކް ލެޓަރސް އިންކްލޫޑް ކޮށްފިއްޔާ.. ދޯނި އަރަބިކް ލެޓަރސް އިން ދައްކައިފިއްޔާ ހިތަށް އެރީ ތަފާތު އައިޑިއާއަކަށް ވާނެއޭ.“ ނާއިޝް ބުންޏެވެ.

ރާއްޖޭގެ މަސްވެރިން ކުރަނީ ބުރަ މަސައްކަތްތަކެއްކަން ފާހަގަކުރަމުން ނާއިޝް ބުނީ މި ތަސްވީރުން މަސްވެރިން، މާ ކަނޑަށް ނިކުމެ މަސް ބޭނުމަށް އޭރު ގެންގުޅުނު ދޯނި ފެނިގެންދާ ކަމުގައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ނާއިޝް ކިޔައިދޭން ބޭނުންވާ ވާހަކަތައް އޭނާގެ ކުރެހުމުގެ ހުނަރުގެ ތެރެއިން ފެނިގެންދާނެ ކަމަށް ބުންޏެވެ.

ނާއިޝްގެ އިތުރުން އުމުރުން އެންމެ 17 އަހަރުގެ މާޒިލް މަމްދޫހުވެސް ވަނީ މިފަހަރުގެ އެގްޒިބިޝަންގައި ތަފާތު މޮޅު ކުރެހުމެއް ދައްކާލާފައެވެ.

އެގޮތުން މާޒިލް ކިޔައިދިންގޮތުގައި އޭނާ ދިރާސާކުރީ ރާއްޖޭގެ މަސްވެރިކަން ކުރާ ގޮތާއި މަސްއޮޑިފަހަރު ހުންނަގޮތާއި ކަނޑުއަޑީގައި މަސްއައިނު ހަރަކާތްތެރިވާގޮތެވެ. އެއަށްފަހު ހެދި ދިރާސާގެ މައްޗަށް ހިޔާލީ ކުރެހުމެއްގެ ތެރެއިން މާޒިލް ދައްކާލީ ދޮށީގެ މަސްވެރިކަން ކުރަމުން އަންނަ ފުރިހަމަ މަންޒަރެވެ.

”ވަރަށް ބޮޑަށް ބެލިން އިރުގެ ދޯދި ކަނޑުގެ އަޑިއަށް ފޭދިފައި ހުންނައިރު މަސްތަކަށް އެޅިފައި ހުންނަ އަލިތައް ގެނެސްގެން ސިންކްރޮނައިޒްޑް އާޓެއް ދެއްކޭތޯ. މަސްތައް އެއުޅެނީ އަތުނުވެ ފިލަން. މަސްވެރިން ހަމަ ހާޑުކޮށް މަސްބާނަން އުޅެނީ.“ ބުރަކަމެއްކަން ފާހަގަކުރަމުން މާޒިލް ބުންޏެވެ.

ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު އެއް ސިނާއަތް ކަމުގައިވާ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިން ކުރާ މަސައްކަތަށް ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ޝުކުރުއަދާކުރަން ބޭނުންވާކަން ފާހަގަކުރަމުން މާޒިލް ބުނީ، މިއީ އޭނާ މަސްވެރިންނަށް ޝުކުރު އަދާކުރަން ބޭނުންވާ ގޮތް ކަމުގައެވެ.

ވާހަކަ ދެއްކުމުގެ ހުނަރު ދެއްކުމުގެ ފުރުސަތު ގުދުރަތީގޮތުން ލިބިފައިނެތް ނަމަވެސް މާޒިލް އާއި ނާއިޝް އަކީ ކުރެހުމުގެ ހުނަރުން އެ ދެމީހުން ކިޔައިދޭން ބޭނުންވާ ކޮންމެ ވާހަކައެއް ކިޔައިދިނުމުގައި އާދަޔާ ހިލާފް އަޑު ގަދަ ދެ ފަންނުވެރީންނެވެ.





More from Bonthi News