ކިތަންމެވަރަށް މުސާރަ ބޮޑުކުރިޔަސް އާންމުމީހާގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅެއްނުވޭ: ޔާސިރު

Thu, 08 Jun 2023 04:10 PM

View on this article on Bonthi News

ކިތަންމެވަރަށް މުސާރަ ބޮޑުކުރިޔަސް އާންމުމީހާގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅެއްނުވޭ: ޔާސިރު
ޚަބަރުސިޔާސީ

ކިތަންމެވަރަށް މުސާރަ ބޮޑުކުރިޔަސް އާންމުމީހާގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅެއްނުވޭ: ޔާސިރު

ސަރުކާރުން ކިތަންމެ ވަރަކަށް މުސާރަ ބޮޑުކުރި ނަމަވެސް އާންމު ރައްޔިތުމީހާގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޔާސިރު މިފަދައިން ވިދާޅުވެފައި ވަނީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 2 ވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ރާއްޖޭގައި މުދަލާ ޚިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުން ޔާސިރު ވަނީ އެމްޑީޕީގެ ސަރުކާރު ފެށުނީއްސުރެ ދަންނަވަމުން އައި ގޮތަށް ހުރިހާކަމެއް ރަނގަޅުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ވެއްޖެތޯ ސުވާލު ކުރައްވާފައެވެ. ޔާސިރު ވިދާޅުވީ މިއީ ދިވެހިން ވަރަށް ފުންކޮށް ވިސްނަންޖެހޭ ވަގުތެއް ކަމަށާއި، ކިތަންމެ ވަރަކަށް މުސާރަ ބޮޑުކޮށްދިން ކަމުގައިވީނަމަވެސް ސަރުކާރުން ވަޢުދުވީ ފަދައިން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ނުވާކަމަށެވެ. އަދި މަޖިލީހުގައި ކިތަންމެ ވަރަކަށް ރައީސުލް ޖުމްހޫރިއްޔާގެ މިންނެތް ހެޔޮފުޅުކަމުގެ ވާހަކަ ދެއްކިނަމަވެސް ޙާލަތު ބަދަލުނުވާކަމަށް އޭނާ ވިދާޅުވިއެވެ.

”ދަންނަވަމުން އައީ ދައުރު ފެށުނީއްސުރެ ހުރިހާކަމެއް ވަރަށް ރަނގަޅުވާނެއޭ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޙާލަތު ވަރަށް ރަނގަޅުވާނެއޭ. ޓެކްސް ބޮޑުކުރިޔަސް ދާނީ ރަނގަޅުވަމުންނޭ، އަގު އެންމެ ބޮޑުތަނުން ބޮޑުވިޔަސް ވާނީ އެންމެ2 ރުފިޔާ އޭ. އެހެން ނަމަވެސް މިއަދާ ހަމަޔަށް އައިއިރުގަ ކަންކަން މިފެންނަނީކީ އެހެންނެއްނޫން. ޙަޤީޤަތަކީ އަޅުގަނޑުމެންގެ އާންމު މީހާއަށް ލިބޭ އެއްޗެއް އިތުރުވެއްޖެތޯ؟ ކިތަންމެ ވަރަކަށްވެސް މިތާގަ ވާހަކަދެއްކިދާނެ ރައީސުލް ޖުމްހޫރިއްޔާގެ މިންނެތް ހެޔޮފުޅާ އެހެން ކަންކަމުގެ ވާހަކަ. އެހެންނަމަވެސް ޙަޤީޤަތަކީ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ވެއްޖެތޯ؟ މުސާރަ އަޅުގަނޑުމެން ކިތަންމެވަރަށް ބޮޑުކުރިޔަސް އެކަމެއް ހައްލެއްނުވޭ“ -ޔާސިރު ޢަބްދުއްލަޠީފް-

ޔާސިރު އިތުރަށް ވިދާޅުވީ މިއަދު ފެނިގެންދަނީ އިންތިޚާބެއް ކާމިޔާބު ކުރުމަށްޓަކާ ހިތުހުރިކަމެއް ހިތުހުރިގޮތަކަށް ޤައުމަކާ ދޭތެރޭ ކުރެވެމުންދާތަން ކަމަށާއި، މިއީ ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތީ އަނެއްކާވެސް ޕެންޑެމިކް އެއްކަމަށް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ކުރިމަތީގަ އަނެއް ޕެންޑެމިކް އެބައޮތް. އެހެންނަމަވެސް މި ޤައުމުން މީގެން އެއްވެސް ކަމަކާ ނުވިސްނާ ފެށުނީއްސުރެ އަޅުގަނޑުމެން ރުފިޔާ ޕްރިންޓްކޮށްގެން މިކަންކޮށްގެން އަޅުގަނޑުމެންނަށް ދެވޭނީ ކޮންތާކަށްތޯ ވިސްނާލަން އެބަޖެހޭ“ ޔާސިރު ވިދާޅުވިއެވެ.

ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހަކީ ”ރަންނަމާރި“ އެއްގެ ގޮތުގައި ޔާސިރު ވަނީ ސިފަ ކުރައްވާފައެވެ. އަދި އިހުޒަމާނުގައި ”ރަންނަމާރި“ އަރާ ފޭރިގަތީ އަންހެންކުދިންގެ ޢިއްފަތްތެރިކަން ކަމަށާއި، މިހާރު ފޭރެމުންދަނީ ކިޔަވާ ކުދިންގެ ލޯނުތަކާއި، ރައްޔިތުންގެ ފްލެޓްތަކާއި، ރަށްރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ކަމަށް ޔާސިރު ވިދާޅުވިއެވެ.



More from Bonthi News