ސްކޭމްކޯލާއި ވަގު ސިމް ހުއްޓުވަން ޑީއެންއާރާއިި ދިރާގުން އެއްބަސްވުމަކަށް

Fri, 26 Apr 2024 12:21 AM

View on this article on Avas.mv

ސްކޭމްކޯލާއި ވަގު ސިމް ހުއްޓުވަން ޑީއެންއާރާއިި ދިރާގުން އެއްބަސްވުމަކަށް

ދިރާގުގެ ކަސްޓަމަރުންގެ ވެރިފިކޭޝަން ޕްރޮސެސް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެކުންފުނިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާ (ޑީއެންއާރް)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަ، ކަސްޓަމާ ސާވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސް މަސްއޫދު އަލީ އެވެ. ޑީއެންއާރްގެ ފަރާތުން ސޮއިކުރެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އާލީ އެވެ.

ދިރާގުން ބުނީ މިއެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެން ދިރާގުން ޑީއެންއާރް މެދުވެރިކޮށް، ހިދުމަތްތަކަށް އެޕްލައިކުރުމަށްޓަކައި ކަސްޓަމަރުން ހުށަހަޅާ ގައުމީ އައިޑީ ކާޑުގެ ވެރިފިކޭޝަން އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ކަށަވަރުކޮށްދީ، ކުރިއަށްވުރެ ރަނގަޅުވެގެންވެސްދާނެ ކަމަށްވެސް ބުންޏެވެ.

ޑެޕިއުޓީ މިނިސްޓަރު އަހްމަދު އާލީ ވިދާޅުވީ މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް އިތުރު ސަލާމާތްތެރިކަން ލިބިގެންދާނެކަން ޔަޤީންކޮށްދެވޭނެ ކަމަށެވެ.

"މި ފުރުސަތުގައި ޑީއެންއާރްގެ ފުރިހަމަ އެއްބާރުލުން ދިރާގަށް އަބަދުވެސް ލިބިގެންދާނެކަމުގެ ޔަގީންކަން ދެން،" އާލީ ވިދާޅުވި އެވެ.

ދިރާގުގެ ފަރާތުން މަސްއޫދު އަލީ ވިދާޅުވީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާ ގުޅިގެން މުހިއްމު ޑިޖިޓަލް އިނީޝިއޭޓިވިއެއް ފެށުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ސަލަމާތްތެރިކަން ފޯރުކޮށްދީ، އެފަރާތްތައް އަޅުގަނޑުމެންނާ ކުރެވޭ މުއާމަލާތްތަކުގެ ސައްހަކަން ޔަގީންވެގެން ދާނެ. އަދި މީގެ ސަބަބު ކަސްޓަމަރުންނަށް ހިދުމަތްދޭ އިތުރު ޗެނަލްތައް ގާއިމުވެ، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ މަގުތައް ހުޅުވިގެންދާނެކަން ޔަގީން،" މަސްއޫދު ވިދާޅުވި އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށްދީ، 'ޑިޖިޓަލް ރާއްޖެ'އަކަށް އެފަރާތްތައް ވާސިލްކޮށްދިނުން ކަމަށެވެ.





More from Avas.mv