ގުރޭޑް އެކަކަށް ވަނުމަށް 2،000 އަށް ވުރެ ގިނަ ފޯމު

Sun, 05 May 2024 08:02 PM

View on this article on Avas.mv

ގުރޭޑް އެކަކަށް ވަނުމަށް 2،000 އަށް ވުރެ ގިނަ ފޯމު

ކުރިއަށް އޮތް ދިރާސީ އާ އަހަރު މާލޭގެ ސްކޫލުތަކުގެ ގުރޭޑް އެކަކަށް ވަނުމަށް އެދި 2،290 ފޯމު ލިބިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މާލޭގެ ސްކޫލުތަކަށް ވަނުމަށް އެދޭ ދަރިވަރުންގެ ފޯމު އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހެޅުމަށް އެ މިނިސްޓްރީން ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މާލޭގެ ސްކޫލުތަކުގެ ގުރޭޑް އެކަކަށް ވަނުމަށް މިހާތަނަށް 2،290 ފޯމު ލިބިފައިވާ ކަމަށެވެ. ގުރޭޑް އެކެއް ފިޔަވައި އެހެނިހެން ގްރޭޑްތަކަށް ވަނުމަށް 1،450 ފޯމު އަދި އަތޮޅުތަކުގެ ސްކޫލްތަކުން މާލެ ސްކޫލްތަކަށް ބަދަލުވުމަށް އެދި 790 ފޯމު ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލިބޭ ހުރިހާ ފޯމަކަށް މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޖަވާބު ދިނުމަށް މިދަނީ މަސައްކަތް ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހަ އަހަރު ފުރިފައިވާ އެކަމަކު 7 އަހަރު ނުފުރޭ ކުދިންނަށް ގުރޭޑް އެކަކަށް ވަނުމުގެ ފުރުސަތު ދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ރާއްޖޭގައި 2021 ވަނަ އަހަރުގެ ނިޔަލަށް ދިރާސީ އަހަރުގެ ކިޔެވުން ފަށަމުން ދިޔައީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން ވަނީ 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓް މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާ، އެގޮތަށް އަމަލުވެސް ކޮށްފަ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އަނެއްކާވެސް ވަނީ ޖެނުއަރީ މަހުގެ ތެރޭގައި ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ނިންމާފަ އެވެ. މިބަދަލާ އެއްގޮތަށް ޖެނުއަރީގައި ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުން ފެށިގެންނެވެ. އަދި މިބަދަލަށް މަޑުމަޑުން ތައްޔާރުވުމުގެ ގޮތުން މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.





More from Avas.mv