އޯރިއޯ، ކެޑްބެރީ ކުންފުނި 366 މިލިއަން ޑޮލަރުން ޖޫރިމަނާ

Fri, 24 May 2024 01:44 PM

View on this article on Adhives Online

އޯރިއޯ، ކެޑްބެރީ ކުންފުނި 366 މިލިއަން ޑޮލަރުން ޖޫރިމަނާ

ދިވެހީންގެ ތެރޭގައި ވެސް ވަރަށް މަގުބޫލު އޯރިއޯ ބިސްކޯދާއި ކެޑްބެރީ މިލްކް ޗޮކްލެޓް އުފައްދާ ކުންފުނި ކަމަށްވާ މޮންޑެލެޒް 337.5 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފިއެވެ.



ޔޫރަޕްގެ އިއްތިހާދުގެ ކެބިނެޓް ކަމަށްވާ ޔޫރަޕިއަން ކޮމިޝަނުން އިއްޔެ މި ފިޔަވަޅު އިއުލާންކުރީ ޔޫރަޕްގެ އެކި ގައުމުތުގައި ޗޮކްލެޓާއި ބިސްކޯދާއި ކޮފީ މިނިވަން ކަމާއެކު ވިޔަފާރި ކުރުމަށް މޮންޑެލެޒްއިން ހުރަސްއަޅާފައިވާތީއެވެ. އެއީ މި ތަކެތި އަގުބޮޑުކޮށް ވިއްކުމުގެ ނިޔަތުގައެވެ. އެ ގޮތުން 2019 ގައި މި މައްސަލަ ބަލަން ފަށައި 2021 ގައި ވަނީ ރަސްމީ ތަހުގީގެއް ފަށައިފައެވެ. 

ޔޫރަޕިއަން ކޮމިޝަންގެ ވެރިޔާ މާގްރައިތު ވެސްޓެޖާ ވިދާޅުވީ މޮންޑެލެޒުގެ މި ވިޔަފާރީގެ އުކުޅަކީ ޔޫރަޕްގެ އިއްތިހާދު ގާނޫނުތައް މަނާ ކުރާ ކަމެއް ކަމަށެވެ.

"މި މައްސަލައަކީ ކާބޯތަކެތީގެ އަގުތަކާ ގުޅިފައިވާ މައްސަލައެއް. މިއީ ޔޫރަޕްގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް. ވަކިން ހާއްސަކޮށް ތަކެތީގެ އަގުތައް (އިންފްލޭޝަން) މިހާރު ވަރަށް މައްޗަށް ގޮސް، ދިރިއުޅުމުގެ ހަރަދުތައް ބޮޑު މި ފަދަ ދުވަސްވަރެއްގައި،" މާގްރައިތު ވިދާޅުވިއެވެ.

އެ ކޮމިޝަނުން ބުނީ ޗޮކްލެޓް ވިއްކުމުގައި މޮންޑެލެޒްގެ އިސް ދައުރުގެ ނާޖާއިޒު ފައިދާ އެ ކުންފުނިން ނަގާފައިވާ ކަމަށެވެ. އެ ގޮތުން ފާހަގަ ކުރެވުނު ބައެއް ކަންތައްތަކުގެ ތެރޭގައި މޮންޑެލެޒްއިން ވަނީ ނެދަލޭންޑްސްގައި ޗޮކްލެޓް ވިއްކުން ހުއްޓާލައިފައެވެ. ސަބަބަކީ ނެދަލެންޑްސްއަށް ވުރެ މަތީ އަގެއްގައި ބެލްޖިއަމްގައި ޗޮކްލެޓް ވިއްކަމުން ގެންދާށެވެ. 

"މޮންޑެލެޒްގެ ގާނޫނާ ހިލާފު އަމަލުތަކުގެ ސަބަބުން ރީޓޭލް ވިޔަފާރި ކުރާ ފަރާތްތަކަށް މިނިވަން ކަމާއެކު ޔޫރަޕްގެ އިއްތިހާދުގެ މެންބަރު ގައުމުތަކުގައި އަގުހެޔޮކޮށް މި ބާވަތުގެ ކާބޯތަކެތި ވިއްކުމަށް ހުރަސްއެޅިފައިވޭ،" ޔޫރަޕިއަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މޮންޑެލެޒްގެ ދިފާއުގައި އެ ކުންފުނީގެ ތަރުޖަމާނަކު ވިދާޅުވީ ޔޫރަޕިއަން ކޮމިޝަނުން އެ ކުންފުނި ޖޫރިމަނާކުރީ ވަކިވަކި ހާދިސާތަކާ ގުޅިފައިވާ މައްސަލަތަކެއްގައި ކަމަށާއި މި ކަންތައްތައް ވަނީ ޔޫރަޕިއަން ކޮމިޝަނުން ފެށި ތަހުގީގުގެ މާ ކުރިން ވެސް އިސްލާހު ކޮށްފައި ކަމަށެވެ.

"މި ތާރީހީ ފިޔަވަޅު އެޅިއިރު މި ފަދަ ގާނޫނާ ހިލާފު އަމަލުތައް ކުރުމަކީ މި ކުންފުނީގެ އާއްމު އުސޫލެއް ނޫން. އަހަރެމެންނަކީ ގާނޫނަށް ތަބާވުމުގެ ވަރުގަދަ ސަގާފަތެއް އޮތް ކުންފުންޏެއް. މިހެންވެ ގާނޫނުތަކަށް ތަބާވުމުގެ ސަގާފަތް މި ކުންފުނިން ކުރިއަށް ގެންދާނަން. އަދި ކޮންމެ އަހަރަކު ވެސް ޔޫރަޕްގެ އިއްތިހާދުގެ ގާނޫނުތަކާ އެއްގޮތްވާ ގޮތަށް އަހަރެމެން ކުރިއަށް އަޅާ ފިޔަވަޅުތަކުގައި ދެމިހުންނާން،" މޮންޑެލެޒްގެ ތަރުޖަމާނު ވިދާޅުވިއެވެ. 

ޔޫރަޕްގެ އިއްތިހާދުން ބުނީ މޮންޑެލެޒްގެ ގާނޫނާ ހިލާފު އަމަލުތައް ފަށާފައިވަނީ 2006 ގައި ކަމަށެވެ. އެ ގޮތުން ޖަރުމަނު ވިލާތުގެ ހޯލްސޭލް ކުރާ ފަރާތަކަށް އެ ކުންފުނީގެ ޗޮކްލެޓް ވިއްކުން ހުއްޓާލާފައިވެއެވެ. ބޭނުމަކީ އޮސްޓްރިއާ، ބެލްޖިއަމް، ބަލްގޭރިއާ އަދި ރުމޭނިއާގައި ޗޮކްލެޓް އަގުބޮޑުކޮށް ވިއްކަމުން ގެންދިއުމަށް ފުރުސަތު ހުޅުވާލާފައި ބޭއްވުމެވެ. އެހެން މައްސަލައްގައި މޮންޑެލެޒްއިން ވަނީ ޔޫރަޕްގެ ތެރޭގައި ވިއްކާ އަގަށްވުރެ އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރާ އަގުތައް ބޮޑު ކުރަން އެ ކުންފުނީގެ ކަސްޓަމަރަކަށް އަންގައިފައެވެ.  

މޮންޑެލެޒް ކުންފުނިން ވަނީ އެކި ފަހަރު މަތިން ފައިސާ ދައްކަމުން މި އަގުބޮޑު ޖޫރިމަނާގެ މައްސަލަ މިދިޔަ އަހަރު ނިންމާލައިފައެވެ. މިހެންވެ ޔޫރަޕިއަން ކޮމިޝަނުން އެ ކުންފުނި އިއްޔެ ޖޫރިމަނާ ކުރުމަކުން އެ ކުންފުނިން ދެން އިތުރަށް ދައްކާނެ އެއްޗެއް ނެތެވެ.

The post އޯރިއޯ، ކެޑްބެރީ ކުންފުނި 366 މިލިއަން ޑޮލަރުން ޖޫރިމަނާ first appeared on އަދިވެސް އޮންލައިން.



More from Adhives Online