އިންޑިއާއިން 50 މިލިއަން ދަރަނި ފަސްކޮށްދީފައިވާއިރު ޗައިނާއިން އިން ވަނީ ފެހި ސިގްނަލްދީފަ: ރައީސް

Sat, 27 Jul 2024 11:09 AM

View on this article on Adhives Online

އިންޑިއާއިން 50 މިލިއަން ދަރަނި ފަސްކޮށްދީފައިވާއިރު ޗައިނާއިން އިން ވަނީ ފެހި ސިގްނަލްދީފަ: ރައީސް

ރާއްޖެއިން އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރުގެ ލޯން ފަސްކޮށްދީފައިވާއިރު ރާއްޖޭގެ ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގައިފައިވާ ދަރަނި ފަސްކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.



ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޗައިނާ އާއި އިންޑިއާއާ ދެގައުމަކީ އަބަދުވެސް އެންމެ ބޮޑު އެއްޗެއް އެހީގެ ގޮތުގައި ދެމުން އަންނަ ދެގައުމު ކަމަށާއި އެ ދެގައުމުން ރާއްޖޭގެ ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް ވަރަށް ބޮޑު އެހީ ތެރިކަމެއް ދެމުން އަންނަ ކަމަށެވެ.

ރާއްޖޭގެ އިގުތިސާދީީ ސިޔާދަތު ޔަގީންކުރުމަށްޓަކައި މިސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ޗައިނާ އާއި އިންޑިއާއިން އެއްބާރުލުން ދެމުން ގެންދާތީ އެކަމަށްޓަކައި އެ ދެގައުމުގެ ސަރުކާރަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

"އިންޑިއާ ސަރުކާރުން ދާދި ފަހުން ވަނީ ރާއްޖެއިން ދައްކަން ޖެހުނު 50 މިލިއަން ޑޮލަރު ރޯލްއޯވާ ކޮށްދެއްވާފައި. އަދި ބޭސިކް ކޮމޮޑިޓީޒްގެ ކާބޯތަކެތީގެ ކޯޓާ ވެސް ދެ އަހަރު ދުވަހަށް އިތުރުކޮށްދެއްވާ. ލައިން އޮފް ކްރެޑިޓްގައި ބާކީ ހުރި ފައިސާ ވެސް ބޭނުން ކުރެވޭނެ ގޮތް މަގު ފަހިކޮށްދެއްވާފަ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ޗައިނާ ސަރުކާރުން ވަނީ ރާއްޖެއިން ދައްކަން ޖެހޭ ލޯންތައް ކުރިއަށް އޮތް ފަސް އަހަރު ނުދައްކާ ގޮތަށް ނިންމާދޭނެ ކަމުގެ ފެހި ސިގްނަލް ދީފައި ކަމަށާއި މިހާރު ކުރިއަށް ދަނީ އެކަމުގެ ފަންނީ މަސައްކަތްތައް ކަަމަށް ރައީސް ވިދާޅުވި އެވެ.

"ތަރައްގީގެ އެކިއެކި މަޝްރޫޢުތަކަށް ޗައިނާގެ އެގްޒިމް ބޭނުންކުން ނަގާފައި ހުރި ލޯންތައް ނުދައްކާ، ކުރިއަށް އޮތް ފަސް އަހަރު އެ ލޯންތަކާއި އެލޯނުގެ އިންޓަރެސްޓް ނުދައްކާ ގޮތަށް ނިންމައިދޭނެ ކަމުގެ ފެހި ސިގްނަލް ދެއްވާފަ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ޔޫއޭއީގެ ސަރުކާރުން ވެސް އެގައުމަށް ރާއްޖެއިން ދައްކަން ޖެހޭ ދަރަނި ވެސް ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ލަސްކޮށްދޭނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ގައުމެއްގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި ހާރިޖީ ސިޔާސަތު ބައްޓަންކުރަން ޖެހޭނެ ގޮތަކީ މިއީ ކަމަށާއި މިސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ ރާއްޖެއިން އެކިއެކި ކަންކަމުގައި ނަގާފައި ހުރި ލޯންތައް ލުއި ގޮތަކަށް ބަހާލައިގެން، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އިގުތިސާދު މެނޭޖުކުރުމަށްޓަކައި ރޭވިފައި އޮތް ގޮތަށް ކަންކަން ކުރުމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިކަންކަން ކުރަމުން ގެންދާއިރު ވެސް މިސަރުކާރުން ފާއިތުވި އަށް މަސްދުވަހުގެ ތެރޭގައި ބޭރުގެ ދަރަނި ދެއްކުމަށްޓަކައި ފައިސާ ޗާޕްކުރުމަކާ ނުލައި އަދި އެއްވެސް ލޯނެއް ޑިފޯލްކުރުމަކާއި ނުލައި 3.8 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބޭރުގެ ދަރަނިތައް ދެއްކުމަށް އުފައްދާފައިވާ ސޮވެރިން ޑިވޮލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު ކަމުގައި ވިނަމަވެސް މިސަރުކާރުން ފައިސާ ޗާޕްނުކޮށް އިއްޔެއާ ހަމައަށް 65 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

މިދިޔަ ޖޫން މަހުގެ ނިޔަކަށް ދައުލަތަށް އާއްމު ދަނީގެ ގޮތުގައި ޖުމްލަ ގޮތެއްގައި 18.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އެފައިސާގެ ތެރެއިން ދައުލަތު ހިންގުމަށްޓަކައި ރިކަރެންޓް ހަރަދުގެ ގޮތުގައި 16.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެފައިސާ ހަރަދުކޮށްފައިވަނީ ފައިސާ ޗާޕްނުކޮށް، ދައުލަތަށް ލިބުނު އެއްޗަކުން ކަމަށް ވިދާޅުވި އެވެ.

ރައިސް ޑރ. މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން އެކި ނަންނަމުގައި ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދިން ގޮތަށް، މިސަރުކާރުން އެންމެ ރުފިޔާއެއް ވެސް ބަދަލުގައި ދީފައިނުވާނެ ކަމަށެވެ.

"އެއީ ސިޔާސީ ބޭނުމެއްގައި ކުރި މަސައްކަތެއް އޭރުގަ (ކުރީގެ ސަރުކާރުގައި) އަޅުގަނޑުމެން އެކަން ނުކުރާނަން އެއަށްވުރެ އަޅުގަނޑުމެން ގައުމުގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި އިގުތިދާސީ ސިޔާދަތު ޔަގީންކުރަން ބޭނުން އިހުލާސްތެރިކަމާ އެކު،" ރައީސް ވިދާޅުވި އެވެ.

މިސަރުކާރުން ދީފައިވާނީ ކުރީގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެކި ގޮތްގޮތުން ކޯޓަށް ގޮސްގެން މިސަރުކާރުން ހަވާލުވިފަހުން ކޯޓުގެ ހުކުމް ތަންފީޒުކުރުމަށްޓަކައި ދީފައިވާ 119.7 މިލިއަން ރުފިޔާ ކަމަށާއި އެއީ މިސަރުކާރުގައި ދިޔަ މައްސަލަތަކެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

The post އިންޑިއާއިން 50 މިލިއަން ދަރަނި ފަސްކޮށްދީފައިވާއިރު ޗައިނާއިން އިން ވަނީ ފެހި ސިގްނަލްދީފަ: ރައީސް first appeared on އަދިވެސް އޮންލައިން.



More from Adhives Online