ގެދޮރުވެރިކަމުގެ ލުއި ލޯނުތައް އޮކްޓޫބަރުމަހު ދޫކުރަން ފެށޭނެ: ރައީސުލްޖުމްހޫރިއްޔާ

Sat, 27 Jul 2024 11:01 AM

View on this article on Adhives Online

ގެދޮރުވެރިކަމުގެ ލުއި ލޯނުތައް އޮކްޓޫބަރުމަހު ދޫކުރަން ފެށޭނެ: ރައީސުލްޖުމްހޫރިއްޔާ

ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ފަސް އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޫބަރުމަހު ދޫކުރަން ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.



ސަރުކާރުގެ އެންމެ ބޮޑު ވަޢުދަކީ ގެދޮރުވެރިކަން ފަހިކޮށްދިނުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް ނެގޭގޮތަށް ދޫކުރާ މި ލޯނުތައް ދޫކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއްހެން މިހާރު ނިމިފައިވާކަމުގައެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގެ ތެރެއިން ތިން ގިންތިއެއްގައި ލޯނު ދޫކުރެވޭނެކަމަށާއި އެއީ މާލެ ސިޓީގައި ހަ މިލިޔަން ރުފިޔާއާ ހަމައަށް އަދި އާބަންސެންޓަރުތަކުގައި ތިން މިލިޔަން ރުފިޔާއާ ހަމައަށް އަދި އެހެން ރަށްރަށުގައި އެއް މިލިޔަން ރުފިޔާއާ ހަމައަށް ލޯނަށް ޝަރުތު ހަމަވާ ފަރާތްތަކަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ލޯނުތައް މެދުވެރިކޮށް ގެދޮރު އަލަށް އިމާރާތްކުރުމަށާއި، މަރާމާތުކުރުމަށާ އަދި ހަދަންފަށައި ނުނިމި ހުރިބައި ނިންމުންފަދަ ކަންކަން ކުރެވޭނެކަމުގައި ރައީސުލްޖުމްރިއްޔާ ވިދާޅުވިއެވެ.

ދާދިފަހުން ސަރުކާރުގެ އިސްބޭފުޅުންގެ ވަފުދެއް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން މާލެ ސަރަހައްދުގެ ގެދޮރުވެރިކަމަށް ބޭނުންވާ ބިންތައް ގުޅައިލުމަށް ބާކީ އަޅަންޖެހޭ ދެ ބުރިޖުގެ މަސައްކަތްކުރުމަށް ގޮތްތަކެއް ހޯދާފައިވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މިހާރު ކުރިޔަށްދާ ބުރިޖު އެޅުމުގެ މަޝްރޫޢުގައި ގިރާވަރުފަޅާއި ގުޅުވާލުމާއި ގިރާވަރު ފަޅުން އުތުރުތިލަފަޅަށް ގުޅުވާލުން ނުހިމެނޭކަން ފާހަގަކުރައްވައި އެ ދެތަނާ ގުޅުވާލާ ބުރިޖު އެޅުމަށް މިހާރު ވަނީ ޕްރޮޕޯސަލް ހުށަހެޅުމަށް ހަވާލުކުރެވިފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަމާޒަކީ އެ ދެ ބުރިޖުގެ މަސައްކަތްވެސް 2026 ވަނަ އަހަރު ފަށައި 2029 ވަނަ އަހަރުގެ ނިޔަލަށް އުތުރުތިލަފަޅާ ހަމައަށް ބުރިޖުން ގުޅާލުން ކަމުގައެވެ. ބުރިޖު އުތުރުތިލަފަޅާ ހަމައަށް ގެންދަންޖެހެނީ، އުތުރު ތިލަފަޅަކީ އިޤްތިޞާދު ފުޅާކުރުމަށް ކުރެވޭ މަސައްކަތުގައި ހިމެނޭ ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢު ކުރިޔަށްގެންދާ ތަންކަމުގައި ވާތީކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަސްމާލެ މަޝްރޫޢުގެ މަސައްކަތް ވެސް އަލުން ފެށިފައިވާކަން ފާހަގަކުރައްވައި ޗައިނާގެ އެކިކަހަލަ ލުއި ލޯނުތަކުގެ އެހީގައި މި ދައުރުގެ ތެރޭގައި ރަސްމާލޭގައި އެކަނިވެސް އެކިކަހަލަ 30 ހާސް ހައުސިންގ ޔުނިޓް އަޅާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

The post ގެދޮރުވެރިކަމުގެ ލުއި ލޯނުތައް އޮކްޓޫބަރުމަހު ދޫކުރަން ފެށޭނެ: ރައީސުލްޖުމްހޫރިއްޔާ first appeared on އަދިވެސް އޮންލައިން.



More from Adhives Online