ކުރިއަށް އޮތީ އިންފްލުއެންޒާ ވައިރަސްގެ ޕެންޑެމިކެއް

Fri, 26 Apr 2024 02:48 PM

View on this article on Adhives Online

ކުރިއަށް އޮތީ އިންފްލުއެންޒާ ވައިރަސްގެ ޕެންޑެމިކެއް

ކުރިއަށް އޮތް ޕެންޑެމިކްގެ އަސްލަކަށް ވާނީ އިންފްލުއެންޒާ ވައިރަސް ކަމަށް ސައިންސްވެރިން އިންޒާރު ދީފިއެވެ.



މޫސުމާ ގުޅޭ ގޮތަށް ފެތުރޭ އިންފްލުއެންޒާއަކީ ބަލިމީހާ މަރަށް ހުށަހަޅާ ނުރައްކާތެރި ވައިރަސްއެކެވެ.

ކުރިއަށް އޮތް އިންފްލުއެންޒާ ޕެންޑެމިކްގައި ވާނީ ކިހިނެތްކަން ނޭނގޭ ކަމަށާއި ނަމަވެސް ވަރަށް ބޮޑު ނުރައްކާތެރިކަމެއް އިންސާނުންނަށް ކުރިމަތިވާނެ ކަމަށްވެއެވެ.

އަންނަ ހަފުތާބަންދުގައި ހާމަކުރަން ހަމަޖައްސާފައިވާ ބައިނަލްއަގުވާމީ ދިރާސާއެއްގައި ބަލިތައް ދިރާސާ ކުރާ ތަޖުރިބާކާރުންގެ ތެރެއިން 57 މީހުން ބުނެފައިވަނީ ކުރިއަށް މުޅި ދުނިޔެއަށް ނުރައްކާ ކުރާނީ އިންފްލުއެންޒާ ވައިރަސްގެ ބާވަތެއް ކަމަށެވެ.

އދ.ގެ ސިއްހަތާ ބެހޭ ޖަމިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ.)އިން ބުނީ އިންފްލުއެންޒާއަކީ ހަރީފު މޫސުމާ ގުޅޭ ބައްޔެއް ނޫން ކަމަށާއި ކޮންމެ އަހަރަކު އެއް ބިލިއަން މީހުންނަށް އިންފްލުއެންޒާ ޖެހޭ ކަމަށާއި އެތައް މިލިއަން މީހުންނަށް މި ބަލީގެ ނުރައްކާތެރި އިތުރު އަސަރުތައް ނުވަތަ ކޮމްޕްލިކޭޝަންސް ކުރިމަތިވާ ކަމަށެވެ.

"އެންމެ ނުރައްކާތެރީ ކޮންމެ އަހަރަކު އިންފްލުއެންޒާ ޖެހިގެން އެތައް ހާސް ބަޔަކު މަރު ވާތީ،" ޑަބްލިޔު.އެޗް.އޯ.އިން ބުންޏެވެ.

އެ ޖަމިއްޔާއިން އިންޒާރު ދީފައިވަނީ އިންފްލުއެންޒާ ވައިރަސްއަށް ބަދަލުތަކެއް އަންނަމުންދާ ކަމަށާއި މިހެންވެ އިންފްލުއެންޒާގެ އާ "ސްޓްރެއިންތައް" އުޅޭ ކަމަށާއި މި ސްޓްރެއިންތަކަށް ވެކްސިން އާއި ބޭސް ނުގުޑާ ކަމަށާއި މިހެންވެ އިންސާނުންގެ ސިއްހީ ދިފާއީ ނިޒާމު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.

"އެހެންކަމުން އިންފްލުއެންޒާގެ ސީރިއަސްކަމާމެދު ސަމާލުވާން އެންމެނަށް ގޮވާލަން،" ޑަބްލިޔު.އެޗް.އޯ.އިން ބުންޏެވެ.

ޖަރުމަން ވިލާތުގެ ކޮލޯން ޔުނިވާސިޓީގެ ޖޮން ސޭމަންޓަން ގާސީއާ ކުރެއްވި ދިރާސާތަކުން މި ކަން ވަނީ ކަށަވަރުވެފައެވެ. އެ ގޮތުން ކުރިއަށް މުޅި ދުނިޔެއަށް ފެތުރިގެންދާނެ ޕެންޑެމިކެއް އެބަ އަންނަން އުޅޭ ކަމަށާއި މި ޕެންޑަމިކްގައި އެންމެ ނުރައްކާތެރި ދައުރެއް އަދާ ކުރާނީ އިންފްލުއެންޒާ ކަމަށްވެއެވެ. ސަބަބަކީ އިންފްލުއެންޒާ ވައިރަސް އަވަސްއަވަހަށް "މިއުޓޭޓް" ނުވަތަ ބަދަލު ވާތީއެވެ.

"ކޮންމެ ހަރީފު މޫސުމެއްގައި އަންނަ އިންފްލުއެންޒާއަކީ 'ކުދިކުދި އިންފްލުއެންޒާތަކެއް' ކަމަށް ބެލެވިދާނެ. ސަބަބަކީ އޭގެ ސްޓްރެއިންތައް އެހާ ބާރުގަދަ ނުވާތީ،" ޖޮން ވިދާޅުވިއެވެ.

ނަމަވެސް އޭނާ ވިދާޅުވީ ހަރީފު މޫސުމުގައި މިހާރު ފެތުރޭ އިންފްލުއެންޒާއަކީ އެހާ ނުރައްކާތެރި އެއްޗަކަށް ނުވިޔަސް، މި ކަން މި ގޮތުގައި އަބަދަކު ދެމިއެއް ނުހުންނާނެ ކަމަށެވެ.

ސްވިޒަލެންޑްގައި ހުންނަ ހިލޭސާބަހަށް މަސައްކަތް ކުރާ ސިއްހީ ޖަމާއަތް، ޔޫރަޕިއަން ސޮސައިޓީ އޮފް ކްލިނިކަލް މައިކްރޯބަޔޮލޮޖީ އެންޑް އިންފެކްޝަސް ޑިޒީސަސް (އީ.އެސް.ސީ.އެމް.އައި.ޑީ.)އިން އަންނަ ހަފުތާބަންދުގައި، ކުރިއަށް އޮތް އިންފްލުއެންޒާ ޕެންޑެމިކްއާ އުޅޭ ގޮތުން ހެދި ދިރާސާގެ ނަތީޖާތައް ހާމަ ކުރާނެއެވެ. އިންފްލުއެންޒާގެ މި އާ ސްޓްރެއިނަށް މިހާރު ދީފައިވާ ނަމަކީ "ޑިޒީޒް އެކްސް"އެވެ. ތަޖުރިބާކާރުން ވިދާޅުވީ ކޮވިޑް-19 ކުއްލިއަކަށް ފާޅުވި ފަދައިން މި އިންފްލުއެންޒާ ސްޓްރެއިން ވެސް ފާޅު ވެދާނެ ކަމަށެވެ. ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އެތައް ގައުމަކުން އެތައް މިލިއަން ބަޔަކު މަރުވިއެވެ. އަދި މިހާރު ވެސް އެތައް ބަޔަކަށް މީގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައިވެއެވެ.

އިންފްލުއެންޒާގެ ޕެންޑެމިކެއް މުޅި ދުނިޔެއަށް އަންނަން އުޅޭ ކަމަށް ތަޖުރިބާކާރުން މި ވިދާޅުވީ ދޫނި ރޯގާ ނުވަތަ އެޗް.އެފް.އެން.ވަން. ވައިރަސް އެމެރިކާގެ އެކި ސްޓޭޓްތަކުގައި ހަލުއި ކަމާއެކު ފެތުރެމުންދާ މި ދަނޑިވަޅުގައެވެ. ޑަބްލިޔު.އެޗް.އޯ.އިން ބުނީ ކުރިން ހީނުކުރާހާ ވެސް ބޮޑަށް ދޫނި ރޯގާ އެމެރިކާގައި ފެތުރިދާނެ ކަމަށެވެ.

"ކޮވިޑް-19 އަށްވުރެ ސަތޭކަ ގުނަ ނުރައްކާ. އަދި އާ ސްޓްރެއިނެއް އުފެދި، މަރުވާ މީހުންގެ އަދަދު ނިސްބަތުން މައްޗަށް ހިނގައްޖެ ނަމަ، ކޮވިޑް-19 އަށް ވުރެ ވެސް ނުރައްކާތެރި ވެދާނެ. (ދޫނި ރޯގާ)ގެ އާ ސްޓްރެއިނެއް އުފެދި، އިންސާނުންގެ މެދުގައި ފެތުރިއްޖެ ނަމަ، އަހަރެމެންނަށް ކުރެވޭނެހާ ވެސް ކަމަކީ އިންސާނުން މަރުވާ ނިސްބަތް މަދުވާނެ ކަމަށް އުއްމީދު ކުރުން،" ބޭސްވެރިކަމާ ބެހޭ ކޮންސަލްޓަންޓެއް ކަމަށްވާ ޖޯން ފުލްޓަން މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ޑަބްލިޔު.އެޗް.އޯ.ގެ ރެކޯޑުތަކުން ދައްކާ ގޮތުގައި 2003 ވަނަ އަހަރުން ފެށިގެން ދޫނި ރޯގާ ޖެހޭ ކޮންމެ 100 ބަލިމީހުންގެ ތެރެއިން 52 މީހުން ވަނީ މަރުވެފައެވެ. މީގެ މާނައަކީ ދޫނި ރޯގާގައި މަރުވާ މީހުންގެ ނިސްބަތް އުޅެނީ 50 ޕަސެންޓަށް ވުރެ މަތީގައެވެ. މިއީ ކޮވިޑް-19 ޖެހިގެން މިހާރު މަރުވަމުންދާ 0.1 ޕަސެންޓް ބަލިމީހުންނާ ބަލާއިރު މާ މަތީ ނިސްބަތެކެވެ.

The post ކުރިއަށް އޮތީ އިންފްލުއެންޒާ ވައިރަސްގެ ޕެންޑެމިކެއް first appeared on އަދިވެސް އޮންލައިން.



More from Adhives Online