ދަންވަރު ގަޑީގައި އައިސް ކްރީމާއި ޕިއްޒާ ވިއްކުން މަނާކުރަނީ

Tue, 07 May 2024 11:58 AM

View on this article on Adhives Online

ދަންވަރު ގަޑީގައި އައިސް ކްރީމާއި ޕިއްޒާ ވިއްކުން މަނާކުރަނީ

އިޓަލީގެ ފެޝަން ސިނާއަތުގެ މުހިންމު ސިޓީއެއް ކަމަށްވާ މިލާންގައި ދަންވަރު އައިސް ކްރީމާއި ޕިއްޒާ ވިއްކުން މަނާ ކުރާ ގާނޫނެއް ފާސް ކުރަން ހުށަހަޅައިފިއެވެ. މިއީ މީގެ ކުރިން 2013 ގައި ވެސް ފާސް ކުރަން މަސައްކަތްކޮށް، ނަމަވެސް ފާސްނުކުރެވި އޮތް ގާނޫނެކެވެ.



ސަރުކާރުން ބުނީ މި މަހުގެ ތެރޭގައި މި ގާނޫނު ފާސް ކުރެވިއްޖެ ނަމަ، މިލާންގެ ރަށްވެހިންނަށް ރޭގަނޑުގެ "އަމާންކަން" ލިބޭނެ ކަމަށެވެ.

ދަންވަރު އައިސް ކްރީމް ބުއިމަކީ އިޓަލީގެ ރައްޔިތުންގެ ސަގާފަތުގައި ހިމެނޭ ކަމެކެވެ.

މި ގާނޫނުގެ ދަށުން މިލާންގެ 12 އަވަށެއްގައި އައިސް ކްރީމާއި ޕިއްޒާގެ އިތުރުން ބައެއް ކަހަލަ ބުއިންތައް ވިއްކުން ވެސް އޮތީ މަނާ ކުރާ ގޮތަށެވެ.

އޮފިޝަލުން ވިދާޅުވީ މި ގާނޫނު ފާސްކުރަން މަސައްކަތް ކުރަނީ ދަންވަރު މަގުމަތީގައި މީހުން އަޑުގަދަކުރާތީ، މިލާންގެ ރަށްވެހިން ނިދުމުން މަހްރޫމްވާތީ ކަމަށެވެ.

"އަމާޒަކީ އިޖުތިމާއީ ހަރަކާތްތަކާއި މުނިފޫހިފިލުވުން، އަމަންއަމާންކަމާއި ހިމޭންކަމާ ދޭތެރޭގައި ބެލެންސްކުރުން،" މިލާންގެ މޭޔަރުގެ ނައިބު މާކޯ ގްރެނެލީ ވިދާޅުވިއެވެ.

މި ގާނޫނު ހިންގުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހާ ހަމައަށެވެ. އެ ގޮތުން މި ގާނޫނުގެ ދަށުން ހަފުތާގެ މަސައްކަތްކުރާ ދުވަސްތަކުގައި މެންދަމުން އަލިވެ 12.30 ގައި، އަދި ހަފުތާބަންދުގައި މެންދަމުން އަލިވެ 1.30 ގައި އައިސް ކްރީމް ފަދަ ތަކެތި ވިއްކުން މަނާވާނެއެވެ.

މި މަހުގެ މެދުތެރޭގައި މި ގާނޫނު ތަންފީޒު ކުރަން ހުށަހަޅާފައިވާއިރު މި ގާނޫނަށް ގެންނަން ފެންނަ ބަދަލުތައް މި މަހުގެ ކުރީކޮޅު ސަރުކާރަށް ހުށަހެޅުމަށް ރައްޔިތުންނަށް ވަނީ ފުރުސަތު ދީފައެވެ.

މީގެ ކުރިން 2013 ވަނަ އަހަރު މިލާންގެ އެއިރުގެ މޭޔަރ ޖުލިއާނޯ ޕީސަޕިއަ އެ ސިޓީގައި ދަންވަރު އައިސް ކްރީމް ބުއިން މަނާ ކުރަން އުޅުމުން އެތައް ބައެއްގެ ނުރުހުން އަމާޒުވިއެވެ. މިހެންވެ، ދަންވަރު އައިސް ކްރީމް ބޯން މަނާ ކުރާ ގާނޫނު ތަންފީޒެއް ނުކުރިއެވެ.

"ބޭނުމިއްޔާ ބޭނުން ގަޑިއަކު ބޭނުން ތަނަކު އައިސް ކްރީމް ބޯންވީ،" ޖިއުލިއާނޯ އެއިރު ވިދާޅުވެފައިވެއެވެ.

The post ދަންވަރު ގަޑީގައި އައިސް ކްރީމާއި ޕިއްޒާ ވިއްކުން މަނާކުރަނީ first appeared on އަދިވެސް އޮންލައިން.



More from Adhives Online