އެމެރިކާގެ ޓައުނެއްގެ ކައުންސިލަށް މެންބަރުން ހޮވުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރި އުމުރުން 41 ގެ އެންޑްރޫ ވިލްއޮއި އަކީ ޕެންސިލްވޭނިއާ ސްޓޭޓްގެ ލެބަނަންގެ މީހެކެވެ. ނަމަވެސް ގިނަ ބަޔަކަށް ހައިރާންކަން ލިބުނީ "މާރޑާ" ނުވަތަ ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ ކޮށްފައިވަނިކޮށް އޭނާ އަށް ޕްރައިމަރީގައި ކާމިޔާބު ލިބުމުންނެވެ.
ކައުންސިލަށް މެންބަރުން އިންތިހާބު ކުރުމަށް 2022 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ކްލިންޓަން ޓައުންގެ ކައުންސިލަށް ހުޅުވާލި ތިން ސީޓުގެ ތެރެއިން ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކޮށް، 276 ވޯޓުގެ ތެރެއިން 60 ވޯޓު ކާމިޔާބު ކުރީ އެންޑްރޫއެވެ. ބޫން ކައުންޓީގެ ނަތީޖާ މި ގޮތަށް ދެއްކިއަސް، އޭނާ ފަހުން ވަނީ އޭނާގެ ނަން އަނބުރާ ގެންގޮސްފައެވެ. ޕްރައިމަރީގައި ވާދަ ކުރީ ތިން މީހުންނެވެ.
ބޫން ކައުންޓީގެ ކޯޓަކުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެންޑްރޫއަށް ކޮށްފައިވާ "މޭންސްލޯޓާ"ގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ނިންމާފައެވެ. މޭންސްލޯޓާ އަކީ ގަސްދުގައި ނޫން ގޮތެއްގައި ތިމާގެ އަތުން މީހަކު މަރުވުމެވެ.
އެންޑްރޫގެ މައްޗަށް ސާބިތުވީ އޭނާ އާ ރުޅިވެ، ގުޅުން ކެނޑިފައިވާ އަނބިމީހާ، އުމުރުން 41 އަހަރުގެ އެލިޒަބަތު ވިލްއޮއި މަރުވުމަކީ އޭނާގެ އަތުންވީ ކަމެއް ކަމަށެވެ. އެލިޒަބަތު ވަނީ 25 މާރިޗު 2022 ގައި ގެއްލިފައެވެ. އޭނާ ވަޒީފާ އަދާ ކުރާ ތަނަށް މަސައްކަތަށް ނުނިކުތުމުން އޭނާ ގެއްލުނުކަން އޭނާ މަސައްކަތް ކުރާ ތަނުގެ މުވައްޒަފުން ވަނީ ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ. އެލިޒަބަތުގެ ފުރާނަ ނެތް ހަށިގަނޑު އޭގެ އެއް ދުވަސް ފަހުން ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ކައިރީގައި ހުރި ކުޑަ ކޯރެއްގެ ތެރެއިންނެވެ.
އެންޑްރޫގެ ގާތުން ވަރިވާން އެދި އެލިޒަބަތު ކޯޓަށް މައްސަލަ ހުށަހެޅީ މާރިޗު 17 ގައެވެ. އެއީ އެލިޒަބަތު ކެންސަރަށް ކީމޯތެރަޕީގެ ފަރުވާ ނިންމާލިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.
އެންޑްރޫ ފުލުހުންގެ ގާތުގައި އިއުތިރާފުވީ އެލިޒަބަތާ ހިނގި ޒުވާބެއްގައި ރުޅި އައިސްގެން އެލިޒަބަތުގެ ބޮލުގައި ގަސް އިންދާފައިވާ މުށިގަނޑަކުން ޖެހި ކަމަށެވެ. އަދި އެލިޒަބަތުގެ ހަށިގަނޑު ކޯރަށް އެއްލާލީ ޚުދު އެންޑްރޫ އަމިއްލައަށް ކަމަށް އެއްބަސްވެފައެވެ.
އަންނަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ހުކުމްގެ ތަފުސީލު އިއްވާއިރު އެންޑްރޫއަށް 10 އަހަރާއި 30 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިއްވާނެ ކަމަށް ބެލެވެއެވެ.
އެންޑްރޫގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ޖެނިފާ ލޫކްމެޔާ ވިދާޅުވީ ހުކުމާ މެދު އެއްޗެކޭ ބުނަން ބޭނުމެއް ނޫން ކަމަށެވެ.