ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ ކަމަށް ދައުވާ ކުރާ އިންޑިޔާގެ އާއްމު އިންތިހާބުގެ ފުރަތަމަ ފޭހުގެ ވޯޓުލުން މިއަދު ނިންމާލައިފިއެވެ.
އާބާދީގައި 1.4 ބިލިއަން ހިމެނޭ އިންޑިއާގެ ފުރަތަމަ ފޭހުގައި ވޯޓު ލީ 166 މިލިއަން މީހުންނެވެ. އެއީ 21 ސްޓޭޓްގެ 102 ދާއިރާއަކުންނެވެ.
ހަތް ފޭހަކަށް ބަހާލައިގެން ހަތް ހަފުތާއަށް ކުރިއަށްގެންދާ އިންތިހާބުގެ މައިގަނޑު ވާދަވެރިންނަކީ ދެ ދައުރު ހަމަކޮށްފައިވާ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ.) އާ ގުޅިފައިވާ ކޯލިޝަން ކަމަށްވާ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް އާއި އިދިކޮޅު އިންޑިއަން ނެޝަނަލް ކޮންގްރެސް އާ ގުޅިފައިވާ ކޯލިޝަން ކަމަށްވާ އިންޑިއަން ނެޝަނަލް ޑެވެލޮޕްމެންޓަލް އިންކްލޫސިވް އެލަޔަންސެވެ.
އިންޑިއާގެ މި އިންތިހާބުގައި 969 މިލިއަން މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ. އަންނަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ނަތީޖާ ފާޅުކުރާ އިންތިހާބުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލިހުގެ ތިރި ގެ ކަމަށްވާ ލޯކް ސަބާ އަށް އިންތިހާބު ކުރަނީ 543 މެންބަރުންނެވެ. އިންތިހާބުން މެޖޯރިޓީއެއް ލިބޭ ޕާޓީ ނުވަތަ ކޯލިޝަނުން އާ ސަރުކާރެއް ގާއިމު ކުރާނެއެވެ.
އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ބުނީ ޖީ.އެމް.ޓީ. ގަޑިން މިއަދު ހަވީރު ފަހެއް ޖެހިއިރު 60 ޕަސެންޓް މީހުން ފުރަތަމަ ފޭހުގެ ވޯޓުލުމުގައި ބައިވެރިވެފައިވާ ކަމަށެވެ.
ދެން އޮންނަ ދެވަނަ ފޭހުގެ ވޯޓުލުން ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މި ފޭހުގައި 13 ސްޓޭޓުން 89 މެންބަރުން ހޮވާނެއެވެ.
މި އިންތިހާބު މޯދީ އަށް ކާމިޔާބު ކުރެވިއްޖެ ނަމަ އޭނާ ވެގެން ދާނީ އިންޑިއާގެ ބޮޑު ވަޒީރުކަން ތިން ވަނަ ދައުރެއްގައި އަދާ ކުރައްވާ ދެވަނަ ލީޑަރަށެވެ. މީގެ ކުރިން އިންޑިއާގެ ބޮޑު ވަޒީރުކަން ތިން ދައުރެއްގައި އަދާކުރައްވާފައިވަނީ އިނގިރޭސީންގެ އަތުން އިންޑިއާ މިނިވަންވެ، އިންޑިއާގެ ބޮޑު ވަޒީރުކަން ފުރަތަމަ ފަހަރަށް ކުރެއްވި ޖަވާހަރްލާލު ނެހްރޫއެވެ.
ބީ.ޖޭ.ޕީ.ގެ ނުފޫޒު މިހާރު އެންމެ ބޮޑީ ހިންދީ ބަހުން ވާހަކަ ދައްކާ އުތުރާއި މެދު ތެރޭގެ ސަރަހައްދުތަކުގައެވެ. ބީ.ޖޭ.ޕީ.އިން މިހާރު މަސައްކަތް ކުރަނީ އިންޑިއާގެ އިރުމައްޗާއި ދެކުނު ސަރަހައްދުތަކަށް ވެސް ނުފޫޒު ފޯރުވުމަށެވެ. ބީ.ޖޭ.ޕީ.އަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވަނީ ދެކުނު ޓެމިލް ނާޑޫ ސްޓޭޓުންނެވެ. އެ ސްޓޭޓަށް 39 ގޮނޑި ލިބިގެންވެއެވެ.
މޯދީ ބެލެވިގެންވަނީ ގަދަބާރުން އިންޑިއާގައި ވެރިކަން ކުރާ ބޮޑު ވަޒީރެއްގެ ގޮތުގައެވެ. މި އިންތިހާބު ކައިރިވީއިރު ނޫސްވެރިކަމުގެ މިނިވަންކަން ވަނީ ވަރަށް ބޮޑަށް ހިފަހައްޓައިފައެވެ. އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ނޫސްވެރިން ވަނުން ވަނީ ހުރަސްއަޅައިފައެވެ. އަދި ބޭރުގެ ނޫސްވެރިން އިންޑިއާގެ މަސްރަހު ރިޕޯޓް ކުރުމާ ދެކޮޅަށް ވެސް ވަނީ ފިއްތުންތައް ކުރިމަތިކޮށްފައެވެ.
މީގެ އިތުރުން ސުލްހަވެރި އެއްވުންތަކާއި މުޒާހަރާތައް ވެސް ވަނީ ބާރުގެ ބޭނުންކޮށްގެން ރޫޅާލައިފައެވެ. އަދި ފަރުދީ ހައްގުތަކަށް ވެސް ވަނީ ތަފާތު ހުރަސްތައް އަޅައިފައެވެ.
މޯދީގެ ވެރިކަމުގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއް ކަމަކީ އިންޑިއާގެ 200 މިލިއަނެއްހާ މުސްލިމުންގެ ހައްގުތައް ނިގުޅައިގަނެވޭ ސިޔާސަތުތަކާއި ގާނޫނުތައް ތައާރަފު ކޮށްފައިވުމެވެ.
މީގެ އިތުރުން މޯދީ އާ ދެކޮޅުވެރި ސިޔާސީ ލީޑަރުންތައް ވެސް ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކުގައި ހައްޔަރުކޮށްފައެވެ.
"ތިން ވަނަ ދައުރަކަށް ކުރިމަތިލާ، އަދި ބާރުގެ ބޭނުންކުރާ އަގުލަބިއްޔަތަކާއެކު ވެރިކަމަށް އަންނަ ޕާޓީއަކީ ޑިމޮކްރެސީ އަށް ހުރި ބިރުވެރިކަމެއް،" ސިޔާސީ ތަޖުރިބާކާރެއް ކަމަށްވާ އަރާތީ ޖަރާތު ވިދާޅުވިއެވެ.
The post އިންޑިއާ އިންތިހާބުގެ ފުރަތަމަ ފޭހުގެ ވޯޓުލުން ނިންމާލައިފި first appeared on އަދިވެސް އޮންލައިން.