ފޮތްފޮތުން: 5

Fri, 03 May 2024 02:12 AM

View on this article on Adhives Online

ފޮތްފޮތުން: 5

"ފޮތްފޮތުން' މި ސުރުޚީގެ ދަށުން އަޅުގަނޑު މިފަހަރު ލިޔާން ގަސްތު ކުރީ އަޅުގަނޑުމެންގެ އިސްއުސްތާޛުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ދިވެހިބަހަށް ނުހަނު ޚިދުމަތް ކުރެއްވި އެހައިމެ ފުންނާބުފުޅުއުސް ބޭފުޅެއްކަމުގައިވާ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤްއްޔޫމު ދިވެހިބަހަށް ކުރައްވާފައިވާ ޚިދުމަތްޕުޅުތަކުގެ ތެރެއިން ހިމެނޭ، ބަހަވީ ގޮތުން މަތިވެރި ފައިދާތަކެއް ޙާޞިލްވާނޭ ގޮތުން ލިޔުއްވާފައިވާ ކުރު ލިޔުންކޮޅެއް ހުށަހަޅައިލާށެވެ.



މި ލިޔުންކޮޅަކީ، ފަތްތޫރައިގައި އެމަނިކުފާނު "ފަހުބަސް" މިނަމުގައި ލިޔުއްވާ ކޮލަމްގެ ސިލްސިލާ ބަސްކޮޅުތަކުގެ ތެރެއިން ހޮއްވަވައިލައްވައިގެން "ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރައްވާ ޤައުމީ މަރުކަޒު' އިން ނެރުއްވި "މަލަސް 23″ ގެ 10 ވަނަ ޞަފްޙާގައި ލިޔުއްވާފައިވާ މަޒުމޫނެވެ. އެއީވެސް ބަހަވީ ގޮތުން ބޮޑެތި ފައިދާތަކެއް ޙާޞިލުވާނެ ބޭނުންތެރިކަން ބޮޑު ލިޔުއްވުމެކެވެ.

އެ ލިޔުއްވުމުގެ ސުރުޚީއަކީ "ޖިންސުއްލަޠީފު" މި ލަފުޒެވެ. އެމަނިކުފާނު އެ ލިޔުއްވުން ފައްޓަވާފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

"މިފަހަރުވެސް އަޅުގަނޑު އެއްޗެއް ދަންނަވާލާހިތް އޮތީ ދިވެހިބަހުގައި ވަރަށް ގިނައިން ބޭނުން ކުރެވެމުންދާ ބޭރުބަހެއްގެ ލަފުޒަކާ ބެހޭގޮތުންނެވެ. އެ ލަފުޒަކީ "جِنْسُ اللَّطِيْفُ" މި ލަފުޒެވެ. އާދެ، ޢަރަބި ބަހުގެ ލަފުޒެކެވެ. ދޫމައްޗަށް ފަސޭހަ ކިޔާލަން ރީތި، އަދި މާނަވެސް ރީތި ލަފުޒެކެވެ. އޭގެ ހަމަތަކާ އެއްގޮތަށް ބޭނުން ކުރެވިއްޖެނަމަ، ޖުމުލައަށް އިތުރު ފަށުވިކަމަކާއި ފުރިހަމަކަމެއް ގެނެސްދޭ ލަފުޒެއް މެއެވެ.

ނަމަވެސް، ހިތާމައަކީ، މި ރީތި ޖާދުވީ ލަފުޒުވެސް އޭގެ ހަމަތަކާ ދިމާ އިދިކޮޅަށް އަޅުގަނޑުމެންނަށް ބޭނުން ކުރެވެމުންދާ ކަމެވެ. އާދެ، "جِنْسُ اللَّطِيْفُ" ގެ މާނައަކީ، ލޫޅާފަތިކަމާއި، ރީތިކަމާއި، ހިތްގައިމުކަން ލިބިގެންވާ ޖިންސެވެ. އިނގިރޭސިބަހުން "ދަފެއަރސެކްސް" ބޭނުން ކުރަނީވެސް މި މާނައިގައެވެ.

ކިތަންމެ ކުޑަކޮށް ވިސްނާލެއްވިޔަސް އެނގިވަޑައިގަންނަވާނެއެވެ. "جِنْسُ اللَّطِيْفُ" މިއީ، ޖަމްޢެކެވެ. ދިވެހިބަހުގެ ގަވާއިދުން ބަލާއިރު ގިނަ ނަމެކެވެ. އެ ޖިންސުގެ ހުރިހާ އަފުރާދުން އެ ލަފުޒުގައި ހިމެނޭގޮތަށް ބޭނުންކުރެވޭ ލަފުޒެކެވެ. އެހެންކަމާއެކު، މުފުރަދެއް، ނުވަތަ އެކަހެރިނަމެއް ބޭނުންކުރަންވީ ތަނެއްގައި "جِنْسُ اللَّطِيْفُ" މިލަފުޒު ބޭނުމެއް ނުކުރެވޭނެއެވެ. މިސާލަކަށް ޢާއިޝާއަކީ މަޑުމައިތިރި މިޒާޖެއްގެ "جِنْسُ اللَّطِيْفُ" އެކޭ ނުބުނެވޭނެއެވެ. ސަބަބަކީ، ކޮންމެ އަންހެން ކުއްޖަކީވެސް، އަންހެން ޖިންސުގެ އެންމެ ފަރުދަކަށް ވާތީއެވެ.

ހަމައެފަދައިން، "جِنْسُ اللَّطِيْفُ" މިއީ، ގިނަ ނަމަކަށް ވުމާއެކު، އެލަފުޒު އަލުން ޖަމުޢުކޮށް "جِنْسُ اللَّطِيْفُން" މިހެނެއްވެސް ނުކިޔޭނެއެވެ.

އަޅުގަނޑުގެ ވާހަކައަކީ، ކޮންމެ ލަފުޒެއްވެސް ބޭނުން ކުރަންވާނީ، އެލަފުޒެއް ބޭނުންކުރަން އޮންނަ ހަމަތަކުގެ މަތިންނެވެ. އެ ހަމަތަކާ ޚިލާފަށް ބޭނުންކޮށްފިނަމަ އެ ލަފުޒެއްގެ ސަބަބުން ޖުމުލައަށް އިތުރު ފުރިހަމަކެމެއް ލިބުމުގެ ބަދަލުގައި ލިބޭނީ އުނިކަމެކެވެ.

"جِنْسُ اللَّطِيْفُ" މިއީ، ޢަރަބި ބަހުގައި ކިތަންމެ ރީތި ލަފުޒަކަށް ވިޔަސް އެ މާނަ ދޭހަކޮށްދޭ ރީތި ދިވެހިބަހެއް އޮއްވާ ނުވަތަ ބަސްތަކެއް ހުއްޓާ ބޭރު ލަފުޒެއް ބޭނުން ކުރަންވީ ކީއްކުރަންތޯއެވެ؟ ހަމަ ގައިމުވެސް އަޅުގަނޑަށް ރީތިވެފައި އަސަރުގަދައީ "އަންހެންކުދިން" މި ލަފުޒެވެ.

The post ފޮތްފޮތުން: 5 first appeared on އަދިވެސް އޮންލައިން.



More from Adhives Online