ރަޝިޔާ ކުޑަކަކޫ ޖެއްސުވުމަށް ރާވައިފައިވާ އަޅި ނުވަތަ ކައްޗަރު ހަނގުރާމަ

Wed, 07 Jun 2023 08:58 PM

View on this article on Adhives Online

ރަޝިޔާ ކުޑަކަކޫ ޖެއްސުވުމަށް ރާވައިފައިވާ އަޅި ނުވަތަ ކައްޗަރު ހަނގުރާމަ

ރަޝިޔާ ކުޑަކަކޫޖެއްސުވުމަށް ޓަކައި އަދި އެތެރެއިން ބަލިކޮށްލުމަށް ޓަކައި "އަޅި ހަނގުރާމަ"އިގެ ނުވަތަ "ކައްޗަރު ހަނގުރާމަ"އިގެ ނަމުގައި ރޭވުންތަކެއް ހުޅަނގުން ރާވައިފައިވާ ކަމަށް ސްކައި ނިވްސް ބުނެފިއެވެ.

މި ހަނގުރާމައިގައި ހިމެނެނީ ޚަރާބުކުރަނިވި ޢުންޞުރުތައް އިންދުމާއި ސިޔާސީ މުހިއްމު ބޭފުޅުން އަވަހާރަކޮށްލުމާއި ރަޝިޔާގެ ސަރަޙައްދީ ރޮނގު ފޫއަޅުވައިލާ އެތެރެއަށް ވަނުމާއި ރަޝިޔާގެ އެތެރެއަށް ޑްރޯން ޙަމަލާތައް ދިނުމާއި ކަޅު ޕްރޮޕެގެންޑާތައް ފެތުރުމާއި ޑޭމްތަކާއި މުއައްސަސާތައް ގޮއްވުމެވެ. ރަޝިޔާގެ ތަޖްރިބާކާރުން ތުހްމަތުކުރައްވާ ގޮތުގައި މި ހަނގުރާމައިގެ އަމާޒަކީ ރަޝިޔާގެ ކެރިފޯރުންތެރިކަމާއި ޤާބިލުކަން މަޑުމަޑުން ނީރުންކޮށް ރަޝިޔާ އެތެރެއިން ބަލިކޮށްލުމެވެ. 

ރަޝިޔާގެ ތަޖްރިބާކާރަކު ސްކައިނިވްސް އަށް ވިދާޅުވިގޮތުގައި ޔުކްރޭންގެ ޚަރސަން ސަރަޙައްދުގައި ނޯވޯ ކަޚޮވްކާ ޑޭމް  ގޮއްވައިލި މަސްއަލައިގައި ކިޔީވާއި މޮސްކޯއިން އެއްބަޔަކު އަނެއް ބަޔެއްގެ ބޮލުގައި ތުހްމަތުތައް އަޅުވައެވެ.

އަޅި ހަނގުރާމަޔަކީ ކޮބާ

ޢަސްކަރީ ރިޕޯޓްތައް ބުނާގޮތުގައި މި ހަނގުރާމަ ބަރޯސާ ވަނީ އާދައިގެ ހަނގުރާމަޔާއި ޣައިރު ނިޒާމީ ހަނގުރާމަޔާއި ސައިބަރާނީ ހަނގުރާމައިގެ ކައްޗަރަށެވެ. މި ހަނގުރާމައިގައި ސީދާ ހަނގުރާމައަކަށް ނުވަދެ، ދުޝްމަނުން ބަލިކޮށްލުމަށް ދޭ ޙަމަލާތައް ބައިނަލްއަޤްވާމީ ޤާނޫނުގައި ހަނގުރާމައިގެ ޢަމަލަކަށް ނުވާނެއެވެ. މި ކަމުގައި ދޭ ޙަމަލާތައް ވާނީ އޭގެ މަޞްދަރު ވަންހަނާ ކަމަކަށެވެ. މި ހަނގުރާމައިގައި ބޭނުންކުރާނީ ކުލީ ސިފައިންނާއި ނިރުބަވެރި ޖަމާޢަތްތަކެވެ. މި ޙަމަލާތަކުގެ މަޤްޞަދަކަށް ވާނީ ޤައުމުގެ އެތެރެ ދާއިމީ ނުތަނަސް ޙާލަތެއްގައި ބޭއްވުމެވެ. ދެންމެދެންމެ ފަޅައިގެންދާ ފަދަ ނާޒުކު ޙާލަތަކަށް ގެންދިޔުމެވެ.

އަޅިހަނގުރާމައިގައި ބޭނުންކުރާ އުސްލޫބުތައް

 ދުޝްމަނުންގެ ބިންތަކުގައި ހުޅުޖެހުމާއި ނިރުބަވެރި ޙަމަލާތައް ދިނުމާއި ތަންތަން ގޮއްވުމާއި ރަހީނުންގެ ގޮތުގައި މީހުން ހިފެހެއްޓުމާއި ބްލެކްމޭލްކުރުމާއި އެތެރޭގެ އިދިކޮޅު ސިޔާސީ ޖަމާޢަތްތަކަށް ފަންޑުކޮށްދިނުމާއި އިލެކްޓްރޯނިކް ޙަމަލާތައް ދިނުމާއި ޖާސޫސްކުރުމާއި އިޤްތިޞާދު ޚަރާބުކުރުމާއި މަގުފުރެއްދުމަށްޓަކައި ޕްރޮޕެގެންޑާތައް ފެތުރުމާއި ޤައުމުގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމެވެ.

ތަންފީޒު ކުރުމުގެ އާލަތްތައް

  އަޅި ހަނގުރާމަ ތަންފީޒު ކުރުމަށް ބޭނުންކުރާ އާލަތްތަކުގެ ތެރޭގައި ސައިބަރާނީ ފަޒާއީ އިންޓަރނެޓްގެ މައިދާނާއި މީސްމީޑިއާއާއި ސުމޭކީ ޕްރޮޕެގެންޑާއާއި ޑްރޯން ޙަމަލާތަކާއި ޖާސޫސީ ވަސީލަތްތައް ވެއެވެ. މި ހަނގުރާމައިގައި ތަންތަން ގޮއްވުމާއި ހުޅުޖެހުމާއި ކުއްލި ޙަމަލާތައް ދިނުމާއި ޖަހައިފާ ފިލުން ވެއެވެ.  

ޔުކްރޭން ހަނގުރާމައިން ފެންނަ ކަންތައްތައް

އެންމެ ފަހުން ހިންގައިފައިވާ ޢަމަލަކީ ޚަރސަން ސަރަޙައްދުގެ ނޯވާ ކަޚޮވްކާ ޑޭމް ގޮއްވައިލުމެވެ. ރަޝިޔާއިން މި ކަމުގެ ތުހްމަތު ޔުކްރޭންގެ ބޮލުގައި އަޅުވާ އިރު ކިޔީވުން މި ކަމުގައި ފޫޅު ކަނޑަނީ ރަޝިޔާ ބޮލަށެވެ. 

އެމެރިކާގެ ސީއެންއެން މި ދިޔަ ހޯމަ ދުވަހު ބުނިގޮތުގައި ޔުކްރޭނުން ވަނީ އެމީހުންނަށް ތާއީދުކުރާ އެތައް އުންޞުރުތަކެއް ރަޝިޔާގެ އެތެރޭގައި އިންދައިފައެވެ. އެމީހުން ދަނީ ރަޝިޔާގެ އެތެރޭގައި ތަޚްރީބީ އެތައް ޢަމަލުތަކެއް ހިންގަމުންނެވެ. އޭގެތެރޭގައި ރަޝިޔާގެ ތެޔޮ ކާރުޚާނާތަކަށް ޙަމަލާދިނުމާއި ޑްރޯން ޙަމަލާތައް ދިނުންވެއެވެ. މި ހުސްވި މޭމަހުގައްޔާއި މި މަހުގެ ކުރީކޮޅު މޮސްކޯއަށް ދެވުނު ޑްރޯން ޙަމަލާތައް ފާހަގަ ކުރެވެއެވެ. މި ޙަމަލާތަކުގެ ބޭނުމަކީ ޢާންމު ރައްޔިތުންގެ ހިތަށް ބިރުވެރިކަން ވެއްދުމާއި މޮސްކޯގެ ވެރީން ހާސްކުރުވުމެވެ. ރަޝިޔާގެ ބެލްގޯރޯޑް ސަރަޙައްދަށް އެމެރިކާއާއި ބެލްޖިއަމްގެ ތަފާތު ހަތިޔާރުތައް ބޭނުންކޮށްގެން ދީފައިވާ ޙަމަލާތައް ފާހަގަ ކުރެވެއެވެ. މި ދިޔަ އަންގާރަ ދުވަހު ރަޝިޔާއިން ވަނީ ޔުކްރޭންގެ "ނިރުބަވެރި" ދެ ޖަމާޢަތެއް ހައްޔަރުކޮށްފައެވެ.

މިހުސްވި މޭމަހު ވަނީ ރަޝިޔާގެ އިވަނޯވޯގެ ވައިގެ ބަނދަރަށް ޑްރޯން ޙަމަލާތަކެއް ދީފައެވެ. މީގެ އިތިރަށް މި ހުސްވި މޭމަހުގެ ފަހުކޮޅުގައި ވަނީ ރަޝިޔާގައި ބޭނުންކުރާ އެޕަލް ފޯނުތަކަށް ސައިބަރާނީ ޙަމަލާތަކެއް ދީފައެވެ. މި ޙަމަލާގެ ލަނޑުދަނޑިތަކުގެ ތެރޭގައި ކެސްބަރސްކީ އެންޓިވައިރަސް ލެބްގެ އިސް ބައެއް މުވަޒްޒަފުންނާއި ބައެއް އެންބެސީތަކާއި ޑިޕްލޮމެޓިކް މިޝަންތައް ވެއެވެ. 

ރަޝިޔާގެ އިސްތިރާޖީ ތަޖްރިބާކާރެއް ކަމުގައިވާ ވްލެޑިމީރު އީގޯރު ސްކައި ނިވްސް އަށް ވިދާޅުވިގޮތުގައި ޑޭމް ގޮއްވައިލުމަކީ ރަޝިޔާއަށް ތާއީދުކުރާ ޢާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ގަޑުބަޑުތައް އުފެއްދުމަށް ހިންގި އެންމެ ފަހު ޢަމަލެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ޔުކްރޭނުން ރަޝިޔާއާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައަކީ "ކައްޗަރު ހަނގުރާމައެކެވެ. "އެއީ ހަތިޔާރުއެޅި ޢަސްކަރީ ޙަމަލާތަކާ މަސްހުނިކޮށްގެން ކުރާ "އަޅި ހަނގުރާމަ" އެކެވެ. ބޭނުމަކީ ރަޝިޔާ ބިރުގެންނެވުމާއި ރަޝިޔާ ދިފާޢީ ޙާލަތަށް ވައްޓައިލުމެވެ. 

އީގޯރު ތުހްމަތުކުރެއްވި ގޮތުގައި ކިޔީވުން ޙަރަކާތްތެރިވަމުން ދަނީ "ހުޅަނގުގެ ރޭވުމުގެ" މަތިންނެވެ. ބޭނުމަކީ ރަޝިޔާ ބަލިކޮށްލުމެވެ. 

The post ރަޝިޔާ ކުޑަކަކޫ ޖެއްސުވުމަށް ރާވައިފައިވާ އަޅި ނުވަތަ ކައްޗަރު ހަނގުރާމަ first appeared on އަދިވެސް އޮންލައިން.



More from Adhives Online