އިރުމަތީ ސޫރިޔާގައި އީރާނާ ދެކޮޅަށް އެމެރިކާގެ ޙަމަލާތައް ކުރިއަށް

Sat, 25 Mar 2023 04:52 PM

View on this article on Adhives Online

އިރުމަތީ ސޫރިޔާގައި އީރާނާ ދެކޮޅަށް އެމެރިކާގެ ޙަމަލާތައް ކުރިއަށް

އިރުމަތީ ސޫރިޔާގައި ހުރި އީރާނަށް ތާއީދު ކުރާ މިލީޝިޔާ ބާރުތަކުގެ މަރްކަޒުތަކަށް އެމެރިކާއިން ދެމުންގެންދާ ވައިގެ ޙަމަލާތައް މިއަދު ވެސް ކުރިއަށް ގެންގޮސްފިއެވެ. މިއީ ސޫރިޔާގައި އޮންނަ އެމެރިކާގެ ވައިގެ ބޭސްތަކަށް ހުކުރުދުވަހު ރޮކެޓުންނާއި ޑްރޯނުން ރައްދު ޙަމަލާއެއް ދިނުމުން ބަދަލުހިފުމުގެ ގޮތުން ދިން ޙަމަލާއެކެވެ.  

އިންސާނީ ޙައްޤުތަކާބެހޭ ސޫރިޔާގެ ޖަމްޢިއްޔާއެއް ކަމުގައި "އަލްމަރްޞަދު" ބުނާގޮތުގައި އެމެރިކާއިން ދީފައިވާ ޙަމަލާތަކުގެ ސަބަބުން 19 މީހަކު މަރުވެފައިވެއެވެ. އޭގެ ތެރޭގައި ސޫރިޔާ ސަރުކާރު ސިފައިން ބަޔަކުވެސް ހިމެނެއެވެ. އެމެރިކާ ސިފައިންގެ ތެރެއިން ޒަޚަމުވި މީހުން މިހާރު ވަނީ ފަރުވާ ދިނުމަށް ޓަކައި ޢިރާޤަށް ގެންގޮސްފައެވެ.

އެމެރިކާގެ ޢަސްކަރީ މަސްއޫލުވެރިއަކު ޖަޒީރާއަށް ހާމަކުރެއްވި ގޮތުގައި ސޫރިޔާގެ އިރުމަތީގައި ތިބި އެމެރިކާ ސިފައިންނަށް ހުކުރުވިލޭރޭ ތަފާތު ދެ ޙަމަލާއެއް ދީފައި ވެއެވެ. މި ދެ ޙަމަލާދީފައިވަނީ ރޮކެޓުންނާއި ޑްރޯނުންނެވެ. މި ދެ ޙަމަލާގެ ސަބަބުން އެމެރިކާ ސިފައިން މީހަކު ޒަޚަމުވިއެވެ. 

އެމެރިކާގެ ޢަސްކަރީ މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި ރޭ އެމެރިކާގެ ކޮނޮކޯ ބޭހަށް ރޮކެޓް ޙަމަލާއެއް ދިނެވެ. މި ޙަމަލާގެ ސަބަބުން އެމެރިކާ ސިފައިންގެ މީހަކު ޒަޚަމުވިއެވެ.

މި މަސްއޫކުވެރިޔާ ވިދާޅުވި ގޮތުގައި އިރުމަތީ ސޫރިޔާގެ "އަލް ޤަރްޔަތުލް ޚަޟްރާއު" އަށް ރޭ ދަންވަރު ޑްރޯނުގެ ތިން ޙަމަލާއެއް ދިނެވެ. އެމެރިކާގެ ދިފާޢުތައް ދެ ޑްރޯން ވައްޓައިލިއެވެ. ތިންވަނަ ޑްރޯން ވެއްޓުނީ އެ ރަށުގައި ހުންނަ އެމެރިކާގެ ބޭހަށެވެ. މި ކަމުގެ ސަބަބުން ޢިމަރާތަކަށް ގެއްލުން ލިބި އެތައް ބަޔަކު ޒަޚަމުވިއެވެ. 

މި ޙަމަލާއާ ވިދިގެން އެމެރިކާގެ މަތިންދާބޯޓުތަކުން ދައިރުއް ޒައުރިއާއި ބޫކަމާލާއި މަޔާދީނުގައި ހުރި އިރާނަށް ތާއީދު ކުރާ މިލިޝިޔާ ބާރުތަކުގެ މަރްކަޒުތަކަށް ވައިގެ ޙަމަލާތަކެއް ދިނެވެ.

އެމެރިކާއިން ބުނާގޮތުގައި އީރާނަށް ތާއީދު ކުރާ މިލިޝިޔާ ބާރުތަކުން ދިން ޙަމަލާތަކުގައި ޒަޚަމުވި މީހުންގެ ތެރެއިން ހަތް މީހަކު ވަނީ ބޭސް ފަރުވާއަށް ޓަކައި ޢިރާޤަށް ފޮނުވިފައެވެ. ފަރުވާ ދިނުމަށްފަހު އޭގެތެރެއިން ދެ މީހަކު އެނބރި ސޫރިޔާއަށް އަތުވެއްޖެ ކަމަށް ވެސް އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. ޒަޚަމުވި މީހުންގެތެރެއިން ބަޣްދާދުގައި ފަރުވާ ދެވުނު މީހުން އިތުރު ފަރުވާއަށް ޓަކައި އެމެރިކާއަށް ގެންދެވޭނެއެވެ.

އެމެރިކާގެ ޙަމަލާތަކުގެ ސަބަބުން މިލީޝިޔާ ބާރުގެ 11 މީހަކު މަރުވިއެވެ. އޭގެ ތެރޭގައި ސަރުކާރު ސިފައިންގެ ތިން މީހަކާއި އެހެނިހެން ޤައުމުތަކަށް ނިސްބަތްވާ ފަސް މީހަކު ވެއެވެ.   

ބައިޑްންގެ ކޮމެންޓު

އެމެރިކާގެ މި ޙަމލާއަށް ކޮމެންޓު ކުރައްވަމުން ރައީސް ބައިޑްން ވިދާޅުވި ގޮތުގައި އީރާނާއެކު އެމެރިކާއިން އަރާރުމަކަށް ދާކަށް ބޭނުމެއް ނުވެއެވެ. އެހެނަސް އެމެރިކާއިން އެ ޤައުމުގެ ރައްޔިތުން ޙިމާޔަތް ކުރުމަށް އަބަދުވެސް އޮންނާނީ ތައްޔާރުވެގެންނެވެ. އޮޓަވާގައި ކެނެޑާގެ ބޮޑުވަޒީރާއެކު ބޭއްވެވި ނޫސް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ބައިޑްން ވިދާޅުވިއެވެ. "އީރާނުން ވާގިވެރިވާ ޖަމާޢަތްތަކަކުން ސޫރިޔާގައި ތިބި އަހުރެމެންގެ  ބާރުތަކަށް ބުރާސްފަތި ދުވަހު ޙަމަލާދިނުމުން އެކަމަށް އަވަހަށް ރައްދު ދިނުމަށް އަހުރެން އަމުރުކުރީމެވެ."  

އެމެރިކާގެ މި ޙަމަލާއަށް ތާއީދު ކުރައްވަމުން އެމެރިކާގެ ހައުސްގެ ޢަސްކަރީ ބާރުތަކާބެހޭ ކޮމެޓީގެ މުޤައްރިރު ވިދާޅުވިއެވެ. "އީރާނުގެ އިންޤިލާބީ ލަޝްކަރާއި އެ ލަޝްކަރުގެ އޭޖެންޓުންނަކީ  ނިރުބަވެރީންނެވެ. އެއީ އެމެރިކާގެ ޤައުމީ ސަލާމަތާ ކުޅެން އުޅޭ ބައެކެވެ."

ސޫރިޔާގެ އިރު ދެކުނު ސަރަޙައްދުގައި އެމެރިކާގެ ހާހެއްހާ ސިފައިން ތިބެއެވެ. އެމެރިކާ ސިފައިން 55 ކީލޯމީޓަރުގެ ބޮޑު ސަރަޙައްދެއްގައި ޙަރަކާތްތެރިވެ ޢަސްކަރީ ޢަމަލުތައް ހިންގައެވެ. 

The post އިރުމަތީ ސޫރިޔާގައި އީރާނާ ދެކޮޅަށް އެމެރިކާގެ ޙަމަލާތައް ކުރިއަށް first appeared on އަދިވެސް އޮންލައިން.



More from Adhives Online