އެޗްޑީސީއަށް ފައިސާ ނުދައްކާ މީހުންގެ ނަން އާންމުކުރަނީ

Mon, 21 Oct 2024 07:06 PM

View on this article on adduLive

އެޗްޑީސީއަށް ފައިސާ ނުދައްކާ މީހުންގެ ނަން އާންމުކުރަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިޔަފާރީގެ އުސޫލުން ދެމުން އަންނަ ހިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަން އަދި ތަރައްގީކުރަމުން އަންނަ ތަންތަނަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމަށް އެ ކޯޕަރޭޝަނުން ނިންމައިފި އެވެ.



އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެކި ވިޔަފާރިތަކުން ދައްކަންޖެހި، ނުދައްކާ ހުރި ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، މި ކޯޕަރޭޝަނުން ވިޔަފާރި އުސޫލުން ދެމުން އަންނަ ހިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަން އަދި ތަރައްގީކުރަމުން އަންނަ ތަންތަނަށް ފައިސާ ދައްކަންޖެހި، ނުދައްކާ ހުރި ފަރާތްތަކުން، މިއަދުން ފެށިގެން 30 ނޮވެމްބަރު 2024 ގެ ނިޔަލަށް އެ ފައިސާ ދައްކައި ހަލާސްކޮށް، އެ ކޯޕަރޭޝަނަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނެތްކަން ޔަގީންކުރުމަށް ވަނީ އަންގާފަ އެވެ.

އެޗްޑީސީން ބުނީ އެ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިހެއް ދިނުމަށްފަހު، އެ ފަރާތްތަކުގެ މައުލޫމާތާއި ދައްކަންޖެހޭ ފައިސާގެ ތަފްސީލުތައް އެ ކޯޕަރޭޝަންގެ ވެބްސައިޓުގައި ޝާއިއުކުރެވޭނެ ކަމަށެވެ.

އެ ކޯޕަރޭޝަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށާއި، އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ނަމަ، އީމެއިލް މެދުވެރިކޮށް [email protected] އަށް މެއިލްކޮށްގެން ކުރިއަށްގެންދިއުމަށް ދަންނަވާ ކަމަށާއި އެފަދަ ކަންކަމުގައި ވިޔަފާރިތަކުން އެ ކޯޕަރޭޝަނަށް ދޭ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް އެޗްޑީސީން ބުންޏެވެ.

The post އެޗްޑީސީއަށް ފައިސާ ނުދައްކާ މީހުންގެ ނަން އާންމުކުރަނީ appeared first on adduLIVE.



More from adduLive