ސަރުކާރުން އިސްތިއުފާ ދޭން ގައްސާނަށް ޔާމީން ގޮވާލައިފި

Thu, 17 Oct 2024 10:29 PM

View on this article on adduLive

ސަރުކާރުން އިސްތިއުފާ ދޭން ގައްސާނަށް ޔާމީން ގޮވާލައިފި

ސަރުކާރުން އިސްތިއުފާ ދެއްވަން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ގޮވާލައްވައިފި އެވެ.



ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ގައްސާންގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ވަރަށް ހިދުމަތްތެރި އަދި ރާއްޖޭގެ މިނިވަންކަން ވަރަށް ވަރުގަދަ އަށް ދިފާއުކުރެއްވި ބޭފުޅެއް ކަމަށާއި އެއީ ދިވެހިން ފަހުރުވެރިވާ ރައީސެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުރިހާ ގޯހެއް ހައްދަވަނީ މައުމޫންގެ ދަރިކަލުން ލައްވާ ކަމަށާއި، ބައްޕާފުޅު ކުރެއްވި މަސައްކަތަށް އިހުތިރާމް ކުރެއްވުމުގެ ގޮތުން ނަމަވެސް ގައްސާން ސަރުކާރުން އިސްތިއުފާ ދެއްވަން ޔާމީން ވަނީ ގޮވާލައްވާފަ އެވެ. ސަރުކާރުން އިސްތިއުފާ ދެއްވި ނަމަވެސް ގައްސާނަށް ދިރިއުޅެވޭނެ ގޮތް އޮންނާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"ފިރިހެނަކު ވެއްޖެއްޔާ އިސްތިއުފާ ދީފައި ދުރަށް ދާންވީ މިހާރު. އެއްގޮތަކަށް ވެސް ނުޖެހޭ މިތާ ހުންނާކަށް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މި ސަރުކާރުގެ ކިބައިން ފެނިގެން ދަނީ ގައުމަށް ޢައްދާރުވުމުގެ އެންމެ މަތީ ސިފަ ކަމަށާއި އެ ކުށުން މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ބަރީއަނުވާ ކަމަށެވެ. އެގޮތުން އުތުރުތިލަފަޅުގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދައްކާލަން ސަރުކާރަށް އަދިވެސް ނުކެރޭ ކަމަށާއި ރައީސް މުއިއްޒު ރައްޔިތުންނަށް ފުރަތަމަ ވެވަަޑައިގެންނެވި ވައުދުތަކާއި ވެސް މިހާރު ހުންނެވީ ހިލާފުވެފައި ކަމަށް ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ޔާމީން ވަނީ ރައީސް މުއިއްޒު އިންޑިއާ އަށް ދާދިފަހުން ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު އުތުރުތިލަފަޅު ކުރިއަށް ވުރެ މާ ވަރުގަދަ އަށް އިންޑިއާ އަށް ދީފައިވާ ކަމަށްވެސް ތުހުމަތު ކުރައްވާފަ އެވެ.

The post ސަރުކާރުން އިސްތިއުފާ ދޭން ގައްސާނަށް ޔާމީން ގޮވާލައިފި appeared first on adduLIVE.



More from adduLive