ޕާޓީތަކުން ވިޔަފާރި ފެށުމަކީ ކޮރަޕްޝަނަށް އިތުރުކުރެވޭ ބޮޅެއް

Sat, 05 Oct 2024 06:03 AM

View on this article on adduLive

ޕާޓީތަކުން ވިޔަފާރި ފެށުމަކީ ކޮރަޕްޝަނަށް އިތުރުކުރެވޭ ބޮޅެއް

ސިޔާސީ ޕާޓީތަކުން ވިޔަފާރިކުރަން ފެށުމަކީ ކޮރަޕްޝަނަށް އިތުރުކުރެވޭ ބޮޅެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.



އުމަރު މިހެން ވިދާޅުވެފައިމިވަނީ އާމްދަނީ ހޯދުމުގެ ގޮތުން އެމްޑީޕީން ވިޔަފާރީއެއް ފެށުމަށް ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅިގެން އުމަރު "ފޭސްބުކް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ ވިޔަފާރިކޮށް، ބޭސްވަރުވާ ކޮށްދީ، ހިލޭ އެހީ ދީ، ގޭގެއަށް ވަދެ ރޮށިފިހެދީ ހަދާ ބައެއް ކަމަށް މި ޤައުމުގައި ހީވެފައި އޮންނަ އޮތުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށާއި މީގެ ސަބަބުން ޕާޓީތަކުގެ ވެރިކަންތަކުގައި ކޮރަޕްޝަން އާއި ނާޖާއިޒު ފައިދާ ހޯދުން އާންމު ވެފައިވާ ކަމަށެވެ.

"ޕާޓީތަކުން ވިޔަފާރި ކުރަން ފެށުން ވާނީ ކޮރަޕްޝަން އަށް އިތުރުކޮށްލެވޭ ބޮޅަކަށެވެ،" އުމަރު ވިދާޅުވި އެވެ.

ޕާޓީތައް އުފެދުނު ފަހުން، ރާއްޖެއަށް އަންނަ އިންވެސްޓަރުންނާ ދިވެހި ވިޔަފާރިތަކުން ޕާޓީ އަށް ހޯދާ "އެހީ" ގެ ނަމުގައި ރިޝްވަތު ނެގުން އާންމު ކަމަކަށްވެފައިވާ ކަމަށާއި 20 އަހަރު ފުރެން އަންނަ މަލްޓި ޕާޓީ ޑިމޮކްރަސީގެ ސަބަބުން ޤައުމަށްވީ ފައިދާއެއް ނެތް ކަމަށް އުމަރު ވިދާޅުވި އެވެ.

"ފައިދާވީ ޕާޓީ ތަކަށެވެ. ޕާޓީތައް ވަށައިގެން އެނބުރޭ މީހުންނަށް، ހަމައެއް ލަމައެއް ނެތި ވަޒީފާތައް ބަހާ، ފަޅުރަށްތައް ބަހާ، ބިންތައް ބަހާ، ފްލެޓްތަށް ބަހާ، ދައުލަތުގެ ކޮންޓްރެކްޓްތަށް ދީ، ކޮންމެ ޕާޓީ އަކުންވެސް އެ ބަޔެއްގެ 5 އަހަރު މުޅި ދައުލަތް ލޫޓުވާލާތީ މި ޤައުމު މިވަނީ ދަރާފައެވެ. އަޚުލާގް ގެއްލިފައެވެ. މަސަކަތްތެރިކަން ގެއްލިފައެވެ. މުރާލިކަން ގެއްލިފަ އެވެ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ޕާޓީ އަށް ވެރިކަން ލިބިއްޖެނަމަ މަސައްކަތެއް ކުރަން ނުޖެހޭ ބޮޑު މުސާރަ ހިނގާ ވަޒީފާ ލިބޭނެކަން ކަށަވަރުވާތީ، ޕާޓީތަކަށް ގުލާންކޮށްދިނުން އެއީ، ދާ އޮހޮރައިގެން މަސައްކަތެއް ކުރުމަށްވުރެ ފަސޭހަ ކަމަކަށް މިހާރު ވެފައިވާ ކަމަށެވެ. ދެކޮޅު ނުޖެހޭ އިސްރާފުގެ ޕްރޮޖެކްޓްތަކާ، ބޭކާރު ވަޒީފާތަކާ، ކޮރަޕްޝަން ނޫން އެއްޗެއް މަލްޓި ޕާޓީ ސިސްޓަމަށް ގެނެސްދެވިފައި ނެތް ކަމަށާއި ޕާޓީތަކުން އަލަށް ކިޔާދޭނެ ވާހަކައެއް އަލަށް ނެރޭނެ ސްލޯގަންއެއް ނެތް ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

މީގެއިތުރުން އުމަރު ވަނީ 2028 ގެ ރިޔާސީ އިންތިޚާބުގައި މި ހުރިހާ ސިޔާސީ ޕާޓީ ތަކަކަށް ދިވެހިން ނޫނެކޭ ބުނާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

The post ޕާޓީތަކުން ވިޔަފާރި ފެށުމަކީ ކޮރަޕްޝަނަށް އިތުރުކުރެވޭ ބޮޅެއް appeared first on adduLIVE.



More from adduLive