ރިތިކާ ރައްޓެހިވެގެން އުޅޭތީ ފުރުސަތެއް ނުދޭ!

Sat, 15 Jun 2024 11:39 AM

View on this article on adduLive

ރިތިކާ ރައްޓެހިވެގެން އުޅޭތީ ފުރުސަތެއް ނުދޭ!

ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް ތަރި ކަމަށްވާ ރިތިކް ރޯޝަނާ މިހާރު ރައްޓެހިވެގެން އުޅޭތީ ކުރިން މަސައްކަތް ލިބޭ ވަރަށް މިހާރު މަސައްކަތް ނުލިބޭ ކަމަށް ބުނެ ބަތަލާ ސަބާ އާޒާދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.



ބަތަލާއްގެ ގޮތުގައި މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނެތަސް އޭނަ އަކީ ވޮއިސް-އޯވާ އާޓިސްޓެއްގެ އިތުރުން މިއުޒިޝަނެއް ވެސް މެ އެވެ.

އިންސްޓަގްރާމް ސްޓޯރީގައި ސަބާ އާންމުކުރި ޕޯސްޓްތަކެއްގައި ބުނީ ތިން ވަރަކަށް އަހަރު ކުރިއަށް ޖެހިލާ އިރު، އަޑު އަޅަން އޭނަ އަށް ކުރިން މަހެއްގެ ތެރޭގައި 8-9 ވަރަކަށް ޕްރޮޖެކްޓް ލިބޭ ކަމަށެވެ. އަދި އެ މަސައްކަތަކީ ކެރިއަރުގެ އެންމެ ހިތްހަމަޖެހޭ، އެންމެ ކުރާ ހިތުން ކުރާ މަސައްކަތް ކަމަށް ވެސް ބުންޏެވެ.

"އެކަމަކު މި ވޭތުވެ ދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ވޮއިސް-އޯވާގެ އެއްވެސް މަސައްކަތެއް އަހަންނަކަށް ނުލިބޭ،" ސަބާ ބުންޏެވެ. "އަހަރެން ވޮއިސް-އޯވާ އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރާތާ ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ. އެކަމަކު ފާއިތުވި ތިން އަހަރެއްހާ ދުވަހު ހުންނަން މި ޖެހުނީ އެ ދާއިރާ އިން އެއްވެސް މަސައްކަތެއް ނެތި."

އޭނަ ބުނީ ކެރިއަރަށް މިފަދަ "ވެއްޓުމެއް" އައިކަން ފާހަގަވީ ރިތިކްއާ ރައްޓެހިވި ފަހުން ކަމަށެވެ. އަދި ރިތިކަކީ ވަރަށް ކާމިޔާބު، މުއްސަނދި، ނުފޫޒު ގަދަ އެކްޓަރަކަށްވާތީ އެކަމާ ގުޅުވައިފައި މިހާރު މަސައްކަތް ނުދޭން ބައެއް މީހުން ތިބި ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ސަބާ ބުންޏެވެ.

"އަހަރެން ވަކި މީހަކާ ޑޭޓްކުރުމަކީ އަހަރެންގެ އަމިއްލަ ކެރިއަރަށް ބުރޫއަރުވަން ޖެހޭ ކަމެއް ކަމަކަށް ނުދެކެން،" އޭނަ ބުންޏެވެ. "ކުރިން މަސައްކަތްތައް ދިން ބައެއް މީހުން މިހާރު ބުނެފައި އެބަހުރި ސަބާ ދެން މި ޒާތުގެ މަސައްކަތްތައް ކުރާނެ ކަމެއް ނެތޭ. އެބަހުއްޓެއް ނޫންހޭ ވަރުގަދަ މީހަކު ފަހަތުގައި."

ސަބާ ބުނީ މިފަދަ ވިސްނުންތައް ބައެއް މީހުން ގެންގުޅެނީ ކީއްވެގެންކަން ނޭނގޭ ކަމަށެވެ. އެކަމަކު މިއީ މި ޒަމާނަށް ފެތޭ ކަހަލަ ވިސްނުންތަކެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ބުންޏެވެ.

ރިތިކް، 50، އާއި ސަބާ، 38، ރައްޓެހިވީ 2019 ގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސަބާ މިހާރު އަންނަނީ ޑައިރެކްޓަރު އަނޫރާގް ކޭޝަޕްގެ ތުރިލާއެއްގެ މަސައްކަތް ކުރަމުންނެވެ. އޭގެ ކާސްޓްގައި ބޮބީ ޑިއޯލް އާއި މަލަޔާޅަމް އެކްޓަރު ޖޯޖޫ ޖޯޖް ވެސް ހިމެނެ އެވެ.

The post ރިތިކާ ރައްޓެހިވެގެން އުޅޭތީ ފުރުސަތެއް ނުދޭ! appeared first on adduLIVE.



More from adduLive