ވޭޕް ރާއްޖެ އެތެރެ ކުރުން މަނާކުރުން، އުނދަގޫ އެކަމަކު މުހިންމު ނިންމުމެއް!

Tue, 15 Oct 2024 09:56 AM

View on this article on XeeTimes

ވޭޕް ރާއްޖެ އެތެރެ ކުރުން މަނާކުރުން، އުނދަގޫ އެކަމަކު މުހިންމު ނިންމުމެއް!

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އާބާދީ ކަންބޮޑުވާ މިންވަރަށް އިތުރުވަމުން އަންނައިރު މި ފަހުގެ ޓްރެންޑަކީ ތަފާތު ޑިޒައިންތަކަށް ހަދާފައި ހުންނަ ވޭޕް އެވެ. ވޭޕް ކުރާ އާލާތްތަކާއި އީ ސިނގިރޭޓާއި މި ޒާތުގެ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކުމުގައިވެސް ނުހަނު ވާދަވެރިކަން ބޮޑެވެ. އޮންލައިންކޮށް މުޅި ދުނިޔެއަށް ހުޅުވާލެވިފައި އޮތް މި ކުޑަކުޑަ ރާއްޖެއަށް ޕޯސްޓްގެ ޒަރިއްޔާއިންވެސް މި ތަކެތި އެތެރެކުރާލެއް މަދެއް ނޫނެވެ. ޑިއުޓީ ނަގަނީ އިލެކްޓްރޯނިކް އާލާތެއްގެ ގޮތުގައި ބަލައިގެންނެވެ. ކިތަންމެ ބޮޑު ޑިއުޓީ އެއް ނުވަތަ ޓެރިފެއް ދައްކައިގެން އެތެރެ ކުރަން ޖެހުނަސް އެއަށް ދެވި ހިފާފައިވާ ބަޔަކަށް އެ އެތެރެ ނުކޮށެއްވެސް ނުގަނެއެއްވެސް ނުތިބެވޭނެއޭ ބުނާތީ އަޑު އަހަމެވެ. 



ދިވެހިރާއްޖޭގައި ވޭޕްކުރުން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މުހިންމު ނިންމެވުންތަކެއް ނިންމެވީ އިއްޔެގެ ވަގުތެއްގައެވެ. މި ނިންމެވުންތައް ހާމަކުރައްވައި، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން އިއްޔެ ޙިއްޞާކުރެއްވި ޕޯސްޓެއްގައި "ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބޭހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް" އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ ހަރުދަނާ އަދި މުހިންމު ފިޔަވަޅެއް ކަމަށް ސިއްހީ މާހިރުންވެސް ދެކެއެވެ. ޑޮކްޓަރުންގެ ޖަމްއިއްޔާފަދަ ޖަމްއިއްޔާތަކުން ވޭޕް ހުއްޓުވުމަށް ސަރުކާރާއި ކަމާބެހޭ އިދާރާތަކަށް މިދިޔަ މަހު އިލްތިމާސް ކޮށްފައިވެސް ވެއެވެ. އެ އިލްތިމާސަށް ރައީސް އިޖާބަދެއްވީ ކަމަށް ވެދާނެއެވެ. އަނެއްކޮޅުގައި އޮތީ ޒުވާނުންނެވެ. ނޫކަށިފުރައިގެ ޒުވާނުން ފަތުއަޑު ކިޔާފައި ނިކުމެ ހަރުމީހުންނާއި އެކު ގެނެސްދިން މި ސަރުކާރަށް މިފަދަ ފިޔަވަޅެއް އަޅަން ކެރުނީތީ ހިތްހަމަ ނުޖެހޭ އެތައްބަޔަކުވެސް ސޯޝަލްމީޑިއާގައި އެ ގެންދަނީ ޝޫއޫރުތައް ފާޅުކުރަމުންނެވެ. ނަމަވެސް މިއީ ދުރު މުސްތަގުބަލަށް ވިސްނައިފިނަމަ އެ ޒުވާނުންނަށްވެސް ރަނގަޅު ބަދަލެކެވެ. އަމިއްލަ ހަށިގަނޑަށް އެދެވޭ "އަނިޔާ" ނުވަަތަ ނުރައްކާތެރި ކެމިކަލްތަކާއެކު އުފައްދާފައިވާ ވޭޕް އާއި ސިނގިރޭޓުން "ލަސްލަހުން މީހާ މަރާލާ މެރުމުގެ" ސްޕީޑް  އެތައް ގުނައަކުން ލަސްކޮށްދޭނެއެވެ.

ދެން އޮތީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ތިމާގެ ޖީބުން އަންދާ ފައިސާއެވެ. އިގްތިސާދު އަނދަވަޅަކާއި ދިމާއަށް މިސްރާބު ޖަހާފައިވާ މިފަދަ ކަމީނާ އިގްތިސާދެއް އޮތް ގައުމެއްގައި ޒުވާނުން އިގްތިސާދު ކުރުމާއި، އަމިއްލަ ގައުމުގެ އިގްތިސާދުގެ ތެރޭގައި ފައިސާ ދައުރުވާ މިންވަރު އިތުރުކުރެވިގެން ދިއުމަށްވެސް މިކަމުން މަގުފަހިވުން އެކަށީގެންވެއެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާއި އެމެރިކާފަދަ ބޮޑެތި ގައުމުތަކުންވެސް ވޭޕްގެ ނުރައްކަލާއި ދެކޮޅަށް އަޑު އުފުލަމުން އަންނަ "އެލާމިންގ" މިންވަރަކަށް ކަންބޮޑުވުން އޮތް ވޭޕްގެ މައްސަލައަށް ހައްލެއް ގެނައުމަށް ރާއްޖޭން މި އެޅުއްވީ ހަރުދަނާ ފިޔަވަޅެއް ކަމަށް ސިއްހީ އިދާރާތަކުންވެސް ބަލައިގަންނާނެއެވެ.

ވޭޕް ކުރުމާއި މަސްތުވާތަކެއްޗާއި ސިނގިރޭޓް ފަދަ ތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް އެކަށީގެންވާ ފަރުވާ ރާއްޖޭން ނުލިބޭ ވާހަކައަކީވެސް އަބަދު އަޑު އިވޭ ވާހަކަތަކެވެ. ނަމަވެސް މިއަދު އާސަންދައިގެން ދަށުން ހިލޭ ކްލިނިކް ތަކަށް ދެއްކޭނެ މަގު ރާއްޖޭގައި ވަނީ ފަހިވެފައެވެ.
"ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް، ކޮންމެ ދިވެއްސަކަށްވެސް މާލޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި، ދަމަނަވެށި އަދި ހުޅުމާލޭ ހޮސްޕިޓަލުންވެސް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީ ހޯދޭނެ މަގު އޮތީ ތަނަވަސްވެފައެވެ. އެތަންތަނުން އެޕޮއިންޓްމެންޓް ހޯދައިގެން ޑޮކްޓަރުންގެ އިރުޝާދާއި ލައިފްސްޓައިލްއަށް ގެންނަ ބަދަލުތަކާއި، އެދޭ ބޭސް ފަރުވާގެ އެހީގައި ވޭޕް ކުރުމާއިވެސް ދުރިހެލިވެވި، އަތުގައި ފައިސާ ހަރުލާ މިންވަރުވެސް އިތުރުވެގެންދާނެ އެވެ. ދެކޮޅު ޖެހޭ އުފާވެރި ދިރިއުޅުމަކަށް، އަދި ދުލަހެޔޮ ސިއްހަތަކަށް ވޭޕް ކުރުމާއި މުޅިން ދުރުހެލިވާން ޖެހެއެވެ.

އަންހެނުންނާއި ފިރިހެންނުންވެސް މި ނުބައި ވަބާގައި ޖެހިފައިވާއިރު، އެމީހުންނަށް ލިބޭ ދަރިންގެ ސިއްހީ މައްސަލަތަކާއި، އޯޓިޒަމް އާއި އެހެނިހެން ނަފްސާނީ އަދި ޖިސްމާނީ އުނދަގޫތައް މައިންބަފައިން ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ދަރިންނަށް ކުރިމަތިވާކަން ދިރާސާތަކުން ދައްކާއިރު އަދުގެ ޖީލުން ވޭޕާ ދުރުނުވެއްޖެނަމަ މާދަމާގެ ޖީލު މިފަދަ ބަލިތައް ތަހައްމަލު ކުރަންޖެހޭ މިންވަރު އެތައް ގުނައަކުން އިތުރުވެގެން ހިނގައިދާނެ ކަމަށް ބަލާ ވޭޕް ކުރުމާއި ދުންފަތުގެ ވަބާއާއި އެކީ އެކައްޗަކަށް ދުރުހެލިވުމަށް މިއީ ރަނގަޅު ދަޅިވަޅެއް ނޫންތޯއެވެ.

The post ވޭޕް ރާއްޖެ އެތެރެ ކުރުން މަނާކުރުން، އުނދަގޫ އެކަމަކު މުހިންމު ނިންމުމެއް! appeared first on XeeTimes.



More from XeeTimes