މާއިޒް އަށް ފަރުވާދެނީ އައިސީޔޫގައި، އެދެނީ އެހީއަށް!

Mon, 24 Jun 2024 11:00 PM

View on this article on XeeTimes

މާއިޒް އަށް ފަރުވާދެނީ އައިސީޔޫގައި، އެދެނީ އެހީއަށް!

އުފަންވީއިރުއްސުރެ ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުން އަންނަ މާލެއަށް އުފަން އިބްރާހީމް މާއިޒް އަކީ އުމުރުން 19 އަހަރު ވެފައިވާ ޒުވާނެކެވެ. މާއިޒްގެ ބަލިހާލަތު ހުރިގޮތުން ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.



މާއިޒް އާއި ގުޅޭ މައުލޫމާތު

މާއިޒްގެ މަންމަ މާއިޝާ އަހުމަދު 'ޒީޓައިމްސް' އަށް މައުލޫމާތު ދެމުން ފާހަގަކުރި ގޮތުގައި ދަރިފުޅު ބޮޑަށް ބަލިވާންފެށީ މިދިޔަ އަހަރުން ފެށިގެންނެވެ.

" އޮކިސިޖަން ދަށްވެ ފުއްޕާމޭގައި ފެން ހެދެން ފެށީ. ނިއުމޯނިއާވެސް ޖެހިފަ ހުރީ. ނޭފަތުން ލޭއައިސް ދެފައިވެސް ދުޅަވެފައިވަނީ. ދަގަނޑުބައި މަތިވެ ހިތްވެސް ދަނީ ފެއިލްވަމުން. ކިރިޔަކިރިޔާ އޮންނަކަން. ރަނގަޅުވޭތޯ ކުރެވެންހުރި މަސައްކަތެއް ކުރާނެ ކަމަށް ޑޮކްޓަރުން ވިދާޅުވީ. 2 ހަފްތާ މިވީ މިގޮތަށް އެޑްމިޓްކޮށްގެން ފަރުވާދޭތާ". 5 ކުދިންގެ މަންމަ އޭނާގެ އެންމެ ދޮށީ ދަރިފުޅުގެ ހާލަތާއި ގުޅޭގޮތުން ކިޔައިދިނެވެ.

Advertisement

އާސަންދައިގެ އެހީތެރިކަން މިދިޔަ އަހަރުން ފެށިގެން ބޭސްފަރުވާއަށް ލިބޭކަން ފާހަގަކުރަމުން މާއިޝާ ބުނީ އޭޑީކޭއިން ހޯދަމުން އަންނަ ފަރުވާއަށް ވެސް އާސަންދަ ހަމަޖެހޭތޯ މާދަމާ ލިޔުންތައް ހުށަހަޅާނެ ކަމަށެވެ.

މާއިޒްގެ ބަލި ހާލަތާއި ގުޅޭގޮތުން އޭޑީކޭ ހޮސްޕިޓަލުން ދީފައިވާ ލިޔުން

" 3 މަހުން 3 މަހުން ދިޔައީ ފަރުވާއަށް އިންޑިއާ އަށް. މިދިޔަމަހު އިންޑިއާ އަށް ގޮއްސަ މިމަހު 1 ވަނަ ދުވަހު މިއައީ ރާއްޖެއަށް. ބޯންމެރޯ ހަދަން ބޭނުންވާ ޓެސްޓުތައް ހަދާފަ ނަތީޖާ އަދި ނުލިބޭތީ މާލެ އައީ އަންނަމަހު އެނބުރި ދާގޮތަށް. އެކަމަކު އައިތާ 1 ހަފްތާ ވާއިރަށް މިވަރަށް ބަލިވީ. ދުވާލަކަށް 2 ޕެކެޓް ލޭ އަޅައިގެން އެ ހިފަހައްޓަނީ. އޯ ޕޮޒިޓިވް މިއަޅަނީ".

ދަރިފުޅަށް ލޭ ހަދިޔާ ކުރަމުން އަންނަ ހުރިހާ ފަރާތްތަކަށް މާއިޝާ ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މާއިޒް ކުޑައިރުއްސުރެ މިއަދާއި ހަމައަށް ގެންގުޅުމުގައި މާއިޝާގެ މަންމަ އާއި ބައްޕަ ވެދިން އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ.

" މާއިޒްގެ މާމަ (ޤަމަރިއްޔާ އަބްދުލް ޣަފޫރު) ހުރިހާކަމެއްގައިވެސް އެންމެ ބޮޑަށް އެހީތެރިވެދެނީ. މަންމަ އާއި އާއިލާއިން ވެދޭ އެހީތެރިކަން ވަރަށް ފާހަގަކުރެވޭ". މާއިޝާ ކިޔައިދިނެވެ.

މާއިޒް އަށް ހޮސްޕިޓަލުގައި ފަރުވާދެނީ

ދަރިފުޅުގެ ހާލަތު ރަނގަޅުވެ އެނބުރި އާއިލާއާއި ބައްދަލުވެ އެކީގައި އުޅޭނެ ދުވަހަކަށް ދަނީ އިންތިޒާރު ކުރަމުންނެވެ. އެހެންނަމަވެސް ބަލި ހާލަތު ހުރިގޮތުން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށްވެސް ގެންދެވެން މިވަގުތު ނެތް ކަމަށް މާއިޝާ ފާހަގަކުރިއެވެ. އުންމީދު ކުރަނީ މާއިޒްގެ ހާލަތަށް ހެޔޮ ބަދަލެއް އައިސް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންގޮސް ހާލަތު ރަނގަޅުވާނެ ދުވަހަކަށެވެ.

" ނަގާފަ ހުންނަ ލޭވެސް ދަރިފުޅު ގަޔަށް ނެއެޅޭ. ވަގުތުން ލޭ ނަގާފަ އަޅަން ޖެހޭނީ. ދަރިފުޅު ރާއްޖެއިން ބޭރަށް ފަރުވާއަށް ގެންދަންޏާ އެހީތެރިންގެ ގޮތުގައި ނަރުހަކާއި ޑޮކްޓަރެއް ގެންދަންޖެހޭ. އަދި ހޮޅިގުޅައިގެން މެޝިނުގެ އެހީގައި ގެންދާއިރު ފުލައިޓުން 5 ޝީޓުވެސް ބޭނުންވޭ. އެއީ ވަރަށް ބޮޑު ޚަރަދެއް". މާއިޝާ ކިޔައިދިނެވެ. 

މާއިޒް އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ (މާއިޒްގެ މަންމަގެ ނަންބަރު) 7994403 އަދި (މާއިޒްގެ މާމަގެ ނަންބަރު) 9869911

އެކައުންޓް ނަންބަރު: ދިވެހި ރުފިޔާ 7730000171127 (މާއިޝާ އަހުމަދު، މާއިޒްގެ މަންމަ)

ޑޮލަރު އެކައުންޓް ނަންބަރު: 7730000574630 (ޤަމަރިއްޔާ އަބްދުލް ޣަފޫރު، މާއިޒްގެ މާމަ)

މިލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
4


More from XeeTimes