ބޮޑު ކުރިއެރުމެއް: 7 މަސް ދުވަސްތެރޭ މި ސަރުކާރުން 13 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ދީފި

Mon, 24 Jun 2024 08:30 AM

View on this article on XeeTimes

ބޮޑު ކުރިއެރުމެއް: 7 މަސް ދުވަސްތެރޭ މި ސަރުކާރުން 13 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ދީފި

މި ސަރުކާރު އައިއިރު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ މަސްވެރިންނަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި، އަމިއްލަ ކުންފުނިތަކުން ކުރި މަސައްކަތްތަކަށް ސަރުކާރުން ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުލިބި ހުރުމުވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވުމަށްފަހު ޑރ. މުހައްމަދު މުޢިއްޒު ގެންދެވީ މިގޮތަށް ހުރި ދަރަނިތައް އަދާކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ޕީއެންސީގެ މައިޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމަށް ރޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އާމްދަނީ ހޯދައިގެން އެކި ފަރާތްތަކަށް ދައްކަން ހުރި 13 ބިލިއަން ރުފިޔާ މި ސަރުކާރުން ދައްކާފައިވާކަމަށެވެ.
" ދުވަހަކު ރާއްޖޭގެ ސަރުކާރުން ފައިސާ ޗާޕު ނުކުރާ ވަރަށް ޗާޕުކުރި ސަރުކާރެއް މިދިޔަ ސަރުކާރަކީ. އެއީ ޝޯޓްކަޓެއް. ގޮސް ނިމޭނީ އަނެއްކާ އެއަށްވުރެ ފުންއަނދަވަޅަކަށް. ހިތިވިއަސް ނަތީޖާ ރަނގަޅުބޭސް އަޅުގަނޑުމެން ޚިޔާރު ކުރީ. ހަގީގީ ބޭސް އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ޚިޔާރު ކުރީ. ރާއްޖެއަށް ނުކަތާ ވަރުގެ ބޮޑެތި އިންޓަރެސްޓް ރޭޓުގައި ހުންނަ ލޯނުތައް ނުނަގާ މިއަދާއި ހަމައަށް މިއައީ. މިދިޔަ ސަރުކާރުން 9 ބިލިއަން 9 ހާސް މިލިއަން ރުފިޔާގެ ފައިސާ ދިވެހި އެކި ކުންފުނިތަކަށް ދައްކަން ހުރި. ފައިސާ ޗާޕުކުރުން ހުއްޓާލާ އަދި ބޮޑެތި އިންޓަރެސްޓްގައި ލޯނުތައް ނުނަގާ 4 ބިލިއަން ރުފިޔާ ކުންފުނިތަކަށް ދައްކައިފިން. ސަރުކާރުގެ އެކި ކުންފުނިތަކަށް 7 ބިލިއަން ރުފިޔާ ދައްކައިފިން. އާމްދަނީގެ ގޮތުގައި ލިބޭ ފައިސާއިން ތަރައްގީގެ ގިނަ ކަންތައް ކުރަމުން ފައިސާ ދައްކަމުން މިދަނީ. ބޭރުގެ ދަރަނީގެ 2.7 ބިލިއަން ރުފިޔާ ދައްކައިފިން". ރައީސް ވިދާޅުވިއެވެ. 
ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާވެސް މިދިޔަ ސަރުކާރުން ބޭނުންކޮށް 2 މިލިއަން ޑޮލަރަށް އެ ފަންޑުގައި ހުރި ފައިސާ މަދުވެފައިވާކަން ފާހަގަކުރެއްވިއެވެ. އެއީ ބޭރުގެ ދަރަނި ދެއްކުމަށް ރިޒާވްގައި ފައިސާ ބަހައްޓާ ފަންޑެކެވެ.
" 2 މިލިއަން ޑޮލަރު ހުރި ފަންޑަށް އަޅުގަނޑުމެން ފައިސާ ޖަމާކޮށް މިހާރު އެބަހުރި 54 މިލިއަން ޑޮލަރު. މިއީ 7 މަސް ތެރޭގައި. އަޅުގަނޑުމެންގެ ޓާގެޓަކީ މިއަހަރު ނިމޭއިރު 100 މިލިއަން ޑޮލަރަށް އެރުވުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އިގްތިސާދީ އެޖެންޑާ ވައުދުވީ ގޮތަށް މަސައްކަތް މިކުރަނީ".


މިއީ ސަރުކާރާއި ވާދަވެރިން ފޮރުވަން ބޭނުންވާ ހަގީގަތް ކަމަށާއި ވާހަކަ ދައްކާނީ ތެދުބަހުން ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންނަށް ތެދު ހާމަކުރުމަށް ރައީސް ވަނީ އެމަނިކުފާނުގެ ޕާޓީ ޕީއެންސީ އިސްވެރިންގެ ކިބައިންވެސް އެދިވަޑައިގެންފައެވެ.

The post ބޮޑު ކުރިއެރުމެއް: 7 މަސް ދުވަސްތެރޭ މި ސަރުކާރުން 13 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ދީފި appeared first on XeeTimes.More from XeeTimes