ގަދަ ހޫނުގައި ހިތްވަރާއެކު ދިވެހި 1149 ހައްޖާޖީން ހައްޖުގެ އަޅުކަން ފުރިހަމަކޮށްފި!

Thu, 20 Jun 2024 07:17 PM

View on this article on XeeTimes

ގަދަ ހޫނުގައި ހިތްވަރާއެކު ދިވެހި 1149 ހައްޖާޖީން ހައްޖުގެ އަޅުކަން ފުރިހަމަކޮށްފި!

ދިވެހިރާއްޖެއިން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައީ 1150 މީހުންނެވެ. މީގެތެރެއިން އުމުރުން ދުވަސްވީ މީހަކު ވަނީ ހައްޖުގެ އަޅުކަން ފެށުމުގެ ކުރިން ނިޔާވެފައެވެ.ހައްޖާޖީންނާއެކު ސައުދީ އަރަބިއްޔާގައި ހުންނެވި ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަކީލު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. " ފަހުގެ ތާރީހެއްގައި ސައުދިއަރަބިއްޔާ ތަޖުރިބާ ކުރަމުންދާ އެންމެ ހޫނުގަދަ ދުވަސްތަކުގައި މަގުއޮޅި ގެއްލިގެން ރިޕޯޓުކުރި 100 އަށްވުރެ ގިނަ ހައްޖުވެރިން ފަހުގެ ޓެކްނޮލޮޖީ އާއި ހައްޖު ކޯޕަރޭޝަންގެ ހީވާގި މުވައްޒަފުންނާއި އެހީތެރިންގެ ބުރަ މަސައްކަތުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހޯދައިގެން ގެނެސް ސިއްހީ ބޮޑު މައްސަލައެއް ކުރިމަތިނުވެ ތަބީއީ މަރަކުން ނިޔާވި އެންމެ ހައްޖުވެރިއެއް ފިޔަވައި އެހެން ހުރިހާ ހައްޖުވެރިންނަށް ސަލާމަތާ ރައްކާތެރިކަމާއެކު ހައްޖުގެ އަޅުކަން ފުރިހަމަކުރުމުގެ ހިދުމަތް ފޯރުކޮށްދެވުނު ކަމަށްޓަކައި ﷲ ސުބުހާނަހޫ ވަތަޢާލާ އަށް ހަމްދު ކުރަން".

މިފަހަރު ހައްޖުގެ އަޅުކަން އަދާކުރި ހައްޖާޖީންތަކެއް/ ފޮޓޯ: ސޯޝަލް މީޑިއާ

ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު 'ޒީޓައިމްސް' އަށް މައުލޫމާތު ދެމުން ހައްޖާޖީއަކު ބުނީ މަގުއޮޅި ގެއްލުނު މީހުންގެ ތެރޭގައި އޭނާވެސް ހިމެނުނު ކަމަށެވެ. އެހެންނަމަވެސް މިފަދަ ކަމެއް ދިމާވެދާނެތީ ދީފައިވާ ޓްރެކިން ޑިވައިސްގެ ސަބަބުން އެނބުރި ދިވެހި ހައްޖާޖީންނާއި ހަމައަށް އޮފިޝަލުންގެ އެހީތެރިކަމާއެކު އާދެވުނު ކަމަށެވެ. 

Advertisement

ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި 22 ގައުމެއްގެ 1.8 މިލިއަން މުސްލިމުން މިއަހަރު ހައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ. އާދަޔާޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން ދިމާވި ސިއްޙީ މައްސަލަތަކުގައި އެހެން ގައުމުތަކުން ސައުދީއަށް ދިޔަ ހައްޖާޖީންގެ ތެރެއިން ބަޔަކު ވަނީ ނިޔާވެފައެވެ. އިންތިހާއަށް ހޫނުގަދަވެފައިވުމުން މިކަމަށް ސަމާލުވުމަށް ކުރިއްސުރެ ސައުދީއިން ދިޔައީ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ދިވެހި ހައްޖުވެރިން އަރަފާތުބިމަށް ދިޔައީ ހައްޖު މަހުގެ 8 ވަނަ ދުވަހު މިނާގައި މަޑުކުރުމަށްފަހު އެވެ. ދިވެހިންނަށް ޚާއްސަކޮށްގެން ދިވެހިބަހުން މިފަހަރު ވަނީ ޚާއްސަ ޚުޠުބާއެއް ވެސް ގެނެސްދީފައެވެ.

އެޑްމިޓްކޮށްފައިވާ ހައްޖާޖީއަކަށް ހައްޖު ކޯޕަރޭޝަންގެ މުވައްޒަފަކު ކާންދެނީ

އުމުރުން ދުވަސްވީ ގިނަ އަދަދެއްގެ ދިވެހި ހައްޖާޖީން ތިބިއިރު މީގެތެރޭގައި ފުރޮޅުލީ ގޮނޑީގައި ހައްޖުގެ އަޅުކަން އަދާކުރި މީހުންނާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ 50 ވަރަކަށް މީހުންވެސް ހިމެނެއެވެ. އަދި ބައެއް މީހުންނަށް ވަނީ އެޑްމިޓް ކޮށްގެން ފަރުވާވެސް ދީފައެވެ. އެހެންނަމަވެސް ސިއްހީ ގޮތުން ދިމާވި ގޮންޖެހުންތަކާއެކުވެސް ހައްޖުގެ އަޅުކަން އަދާކުރެވުނީތީ 1149 ހައްޖާޖީން ތިބީ ހިތްހަމަޖެހިފައެވެ. ހައްޖު ކޯޕަރޭޝަނުން ކުރިން ފާހަގަކުރިގޮތަށް އެހީތެރިން ވަނީ ހައްޖާޖީންނަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ހައްޖާޖީންނަށް ސައުދީ ސަރުކާރުން ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސަވައިދެއްވީތީ އެކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސް ޝުކުރު އަދާކުރެއްވީ ވަލީ އަހްދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އަލް ސައޫދަށް ފޮނުއްވި ސިޓީއެއްގައެވެ.

ހައްޖުގެ އަޅުކަން މިހާރަށްވުރެ ފަސޭހަ އިންތިޒާމްތަކެއްގައި ކުރެވޭނެގޮތް ހަމަޖެއްސުމަށް ކުރެވެންހުރި މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ހައްޖު ކޯޕަރޭޝަނުން ވަނީ ދީފައެވެ. 

މިލިޔުން ކިޔާލުމުން
+1
0
+1
1
+1
1
+1
0
+1
0
+1
0
+1
0


More from XeeTimes