ކުޑަކުދިންނަށް ޚާއްސަ: ވިސްނުންތެރި މަސް، މިވާހަކަ ކިޔުމަށްފަހު ޖަވާބު ދިނުމަށް!

Tue, 18 Jun 2024 04:12 PM

View on this article on XeeTimes

ކުޑަކުދިންނަށް ޚާއްސަ: ވިސްނުންތެރި މަސް، މިވާހަކަ ކިޔުމަށްފަހު ޖަވާބު ދިނުމަށް!

މިއީ "މާމަގެ ޢިބްރަތްތެރި ވާހަކަތައް 1" މި ފޮތުގައި ހިމެނޭ 15 ވާހަކައިގެ ތެރެއިން ވާހަކައެކެވެ.ވިސްނައިގެން ވާހަކަ ކިޔުމަށް ފަހު ސުވާލުތަކަށް ޖަވާބު ދޭށެވެ!

ރަށެއްގެ ގޮނޑުދަށުގައި ވަރަށް ރީތި މޫދެއް އޮވެއެވެ. އެ މޫދު ރީތިކަމުން އެ މޫދަށް އެރި މަޖާކުރަން ވަރަށް ގިނަ ކުޑަ ކުދިން އެ ހިސާބަށް ކޮންމެ ދުވަހަކު ވެސް ގޮސް އުޅެއެވެ. އެ މޫދުގެ ފުން ހިސާބުގައި ވަރަށް ގިނަ މަސް ވެސް އުޅެއެވެ. އަދި އެ ހިސާބުގައި ވަރަށް އެކުވެރި ތިން މަސް ދިރިއުޅެމުންދިޔައެވެ. މަސްހިފަން އެ މޫދަށް ވަރަށް ގިނަ މީހުން އެރިއުޅެއެވެ. ނަމަވެސް އެ ރަށުގެ އެއްވެސް މީހަކު މޫދުގެ ފުން ހިސާބަށް މަސް ހިފަން ގޮހެއް ނޫޅެއެވެ.

އެއް ދުވަހަކު އެއްކަލަ އެކުވެރި ތިން މަސް ފީނަމުން ފީނަމުން ގޮސް އެ ގޮނޑުދޮށާ ހަމަޔަށް ދެވިއްޖެއެވެ. އާދައިގެ މަތިން އެ ދުވަހަކީ ވެސް އެ ގޮނޑުދޮށަށް ވަރަށް ގިނަ މީހުން ގޮސް އުޅުނު ދުވަހެކެވެ. އެހެންކަމުން އެ މަންޒަރު ފެނިފައި ފެހި މަސް ޙައިރާންވެގެން ބުންޏެވެ. "މިހާ ގިނަ މީހުން ދުވަހަކު ވެސް މަށެއް ނުދެކެން. މި ހިސާބު އަހަރެންނަށް ވަރަށް ކަމުދޭ."  ވައިލެޓް މަސް ބުންޏެވެ. "އަހަރެން ވެސް މި ގޮނޑުދޮށުގައި މީހުން ފެންނަ ހިސާބުގައި އުޅޭހިތް ވަރަށް ވޭ. އަހަރެން މި ތަނުން ދުރަށް ދާ ހިތެއް އެއްގޮތަކަށް ވެސް ނުވޭ." އެކަމަކު އޮރެންޖު މަސް އެ ވަގުތު ވިސްނަމުން ދިޔައީ މުޅިން އެހެން ގޮތަކަށެވެ. އޭތި ވަރަށް ވިސްނާފައި އެންމެ ފަހުން ބުންޏެވެ. "މި ތަނުން އަވަހަށް ދާން ހިނގާ. މިއީ އަހަރެމެންނަށް އެހާ ރައްކާތެރި ތަނެއް ނޫން. މިތާ މި އުޅޭ މީހުން އެ ގެންގުޅޭ ދާތަކުގައި އަހަރެމެން ކޮންމެ ވަގުތަކު ވެސް  ޖައްސަފާނެ. އަވަހަށް އަހަރެމެން ކުރިން އުޅުނު ފުން ހިސާބަށް ދަމާ ހިނގާ! އަހަރެމެން އުޅޭ ހިސާބަށް ދާ އެއްލާމީހުން ވެސް ގޮހެއް ނޫޅޭނެ. އަހަރެމެންނަށް އެ ހިސާބު މާ ރައްކާތެރިވާނެ." އޮރެންޖު މަސް މިހެން ބުނިނަމަވެސް އަނެއް ދެ މަސް ތިބީ މި ޚިޔާލާމެދު ވަރަށް ނުރުހިފައެވެ.

ކުރިން ބުނި ފަދައިން އެއްކަލަ ވައިލެޓް މަހާއި ފެހި މަސް އެއްގޮތަކަށް ވެސް އެ ތަނުން އެނބުރި ކުރިން އުޅުނު އެކަނިވެރި ހިސާބަށް ދާހިތް ނުވުމުން، އެންމެ ފަހުން އޮރެންޖު މަސް ވެސް އެކުވެރި ދެ މަސް އެދުނުގޮތަށް ކަންތައްކުރަން އެއްބަސްވެއްޖެއެވެ. ދެން މި ތިން މަސް އެކުގައި އެ ރީތި ގޮނދޮށުގައި އުޅެން ފަށައިފިއެވެ. އެކަމަކު އޮރެންޖު މަސް އަބަދުވެސް އުޅެމުން ދިޔައީ ވަރަށް ފަރުވާތެރިކަމާއެކު މޫދުގައި އުޅޭ ދާއަޅާ މީހުންގެ ޢަމަލުތަކާމެދު ވަރަށް ބޮޑަށް ވިސްނައިގެންނެވެ.

އާދައިގެ މަތިން އެއް ދުވަހަކު ހެނދުނު މި ތިން މަސް ގޮނޑުދޮށުގައި މަޖާ ކުރަމުން ފުމެމުން ދިޔައެވެ. އެއްކަލަ ވައިލެޓް މަހާއި ފެހި މަސް ދިޔައީ މަސްވެރިން ދަމާފައިވާ ދާތަކާމެދު އެއްްވެސް ފަރުވާލެއްނެތި މަޖާ ކުރަމުންނެވެ. ނަމަވެސް އޮރެންޖު މަސް އުޅުނީ މަސްވެރިންގެ ޢަމަލުތަކާ މެދު ވަރަށް ވިސްނައިގެންނެވެ. އެއްކަލަ ދެ މަސް އެއްވެސް ބެލުމެއް ނެތި އުޅެމުން ގޮސް މަސްވެރިން މޫދަށް އެއްލައިގެން ތިބި ދަލުގައިޖެހި ތާށިވެއްޖެއެވެ. އެ ވަގުތު މަސްވެރިއަކު ނިކަންބާރަށް ގޮވައިލި އަޑުއިވުނެވެ. "މި އޮތީ ބޮޑު ދެ މަސް ޖެހިފައި. އަވަހަށް ދާގަނޑު މައްޗަށް ނަގާ!" އެ އަޑަށް އޮރެންޖު މަސް ބަލައިލިއިރު އޭތީގެ އެކުވެރިން ތިބީ މަސްވެރިން މޫދަށް އެއްލައިގެން އުޅުނު ދާގަނޑު ތެރޭގައި ތާށިވެފައެވެ. އޮރެންޖު މަހަށް މި މަންޒަރު ހަމަ ފެނުމާއެކު އަވަސްއަވަހަށް އެ ދެ މަސް ކައިރިއަށް ހިނގައްޖެއެވެ. އަދި މަސްވެރިން ދާގަނޑު މައްޗަށް ދަމައިގަތުމުގެ ކުރިން އޭތީގެ ތޫނު ދަތްތަކުން ދާގަނޑުން ތަންގަނޑެއް ކޮށާލައި ބާގަނޑެއް ހަދައިލައިފިއެވެ. ދެން ވައިލެޓް މަހާއި ފެހި މަސް އަވަސްއަވަހަށް ދާގަނޑުގެ ތެރެއިން ނިކުމެ ސަލާމަތްވެއްޖެއެވެ.

އޮރެންޖު މަސް އޭތީގެ ދެ އެކުވެރިން ގޮވައިގެން ދުރަށް ދަމުން ބުންޏެވެ. ކުރިން ވެސް ކަލޭމެންނަށް މިހެން ވެދާނެކަމުގެ އިންޒާރު އަހަރެން ދިނީމު ނޫންހެއްޔެވެ. އެކަމަކު ކަލޭމެން ގަބޫލު ނުކުރީމު ނޫން ހެއްޔެވެ. ދެން ވެސް އަވަހަށް މިތަނުން ދަމާ ހިނގާށެވެ. އެވަގުތު ވައިލެޓް މަހާއި ފެހި މަސް ވަރަށް ދެރަވެލާފައި ބުންޏެވެ. އެކުވެރިޔާއެވެ. އަހަރެމެންނަށް މާފުކުރާށެވެ. އަހަރެމެންގެ ފުރާނަ ސަލާމަތްކޮށްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. އަދި އަހަރެމެން ހަމަ މޮޔައީއެވެ. ދެން ވެސް އަވަހަށް މިތަނުން ދަމާ ހިނގާށެވެ. ކަލޭ ބުނިފަދައިން އަހަރެމެންނަށް ރައްކާތެރި ސަރަޙައްދަކީ އަހަރެމެން ކުރިން އުޅުނު ފުން ސަރަޙައްދެވެ. ދެން މި ތިން މަސް ހަމަ ވަގުތުން އެ އެއްޗެހި ކުރިން އުޅުނު ސަރަޙައްދަށް ގޮސް އުފަލާއެކު އެތާ ދިރިއުޅެމުންދިޔައެވެ. (ނިމުނީ)

  • ސުވާލުތައް

(1) މި ވާހަކައިގާ ކުދިން މަޖާކުރަން ގޮސް އުޅެނީ ކޮންތަނަކަށް ހެއްޔެވެ؟

(2) އެ ރަށުގެ މީހުން ގޮސް ނޫޅެނީ ކޮން ހިސާބަކަށް ހެއްޔެވެ؟

(3) އެއް ދުވަހަކު އެކުވެރި ތިން މަހަށް ދެވުނީ ކޮން ހިސާބަކަށް ހެއްޔެވެ؟

(4) މަސްތަކަށް ދެވުނު ހިސާބު ކަމުދިޔައީ ކޮން މަސްތަކަކަށް ހެއްޔެވެ؟ އަދި އެއީ ކީއްވެ ހެއްޔެވެ؟

(5) "މިއީ އަހަރެމެންނަށް އެހާ ރައްކާތެރި ތަނެއް ނޫން" މިހެން ބުނީ ކޮން މަހެއް ހެއްޔެވެ؟

(6) ދެ މަސް މަސްވެރިންގެ ދާގަނޑުގައި ޖެހުނީ ކީއްވެ ހެއްޔެވެ؟

(7) ދާގަނޑުގައި ޖެހުނު ދެ މަސް ސަލާމަތްކޮށްދިނީ ކޮންއެއްޗެއް ހެއްޔެވެ؟ އަދި ކިހިނެއް ހެއްޔެވެ؟

(8) ތިޔަ ދަރިވަރަށް މި ވާހަކައިން ލިބުނު ޢިބްރަތަކީ ކޮބައިހެއްޔެވެ؟

ނޯޓް  ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 40 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.

The post ކުޑަކުދިންނަށް ޚާއްސަ: ވިސްނުންތެރި މަސް، މިވާހަކަ ކިޔުމަށްފަހު ޖަވާބު ދިނުމަށް! appeared first on XeeTimes.More from XeeTimes