ގެވެށި އަނިޔާއަށް ކެތްކޮށްގެން ހުންނާނީތަ؟ ހޭލުންތެރިވާންޖެހޭ!

Fri, 29 Mar 2024 12:16 PM

View on this article on XeeTimes

ގެވެށި އަނިޔާއަށް ކެތްކޮށްގެން ހުންނާނީތަ؟ ހޭލުންތެރިވާންޖެހޭ!

ގެވެށި އަނިޔާއަކީ ކޮބާ؟



ގެވެށި އަނިޔާއަކީ، އެމީހަކު އުޅޭ މާހައުލުން އެމީހަކަށް ކުރިމަތިވާ ބަހުގެ ހަމަލާތަކާއި ނަފްސާނީ އަނިޔާ، ޖިސްމާނީ އަނިޔާ، ޖިންސީ އަނިޔާ، މާލީގޮތުން ނުވަތަ އިގްތިސާދީ ގޮތުން ދަތިކުރާ ދަތިކުރުންތައް، ބިރުދެއްކުން، އެކަހެރިކުރުން ނުވަތަ ގޯނާކުރުން، ފާރަލުން، މުދަލަށް ގެއްލުންދިނުން، އެނޫންވެސް އަނިޔާވެރި އަމަލެއްކަމަށް ބެލެވިދާނެ އެއްވެސް ކަމެއް ކުރުމަކީ އަނެކާއަށް ދެވޭ ގެވެށި އަނިޔާއެކެވެ. 

ގެވެށި އަނިޔާގެ ބައިތައް

ޖިސްމާނީ ހާނީއްކަ: ގެވެށި އަނިޔާގެ ގޮތުގައި މީހަކަށް ޖިސްމާނީ ހާނިއްކަ ކުރުމަކީ، މީހެއްގެ ފަރާތުން އަނެކާގެ ފުރާނައަށް ނުވަތަ ޖިސްމާނީ ސިއްހަތަށް ގެއްލުންހުރި ކަމެއް ކުރުމެވެ. ނުވަތަ މީހެއްގެ ޖިސްމާނީ ސިއްހަތަށް ގެއްލުން ލިބިދާނެ ފަދަ އަމަލެއް ހިންގުމެވެ.

ޖިންސީ ހާނީއްކަ: ޖިންސީ ހާނީއްކަ އަކީ މީހަކު އޭނާގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ނުވަތަ ބާރުގެ ބޭނުންކޮށްގެން ޖިންސީ ކަންކަމުގައި އިންސާނީ ޖިސްމަށް ސީދާގޮތުންނާއި ނުސީދާގޮތުން ގެއްލުން ދިނުމެވެ. ކުޑަކުދިންނާއި ބޮޑެތިމީހުން އޮޅުވާލައި، ހައްލުވާލައިގެން، ނުވަތަ ގަދަކަމުން ޖިންސީ ކަންކަމުގައި މަސްއޫލު ކުރުވުމާއެކު ޖިސްނީ ގުޅުން ހިންގުމަކީވެސް ގެވެށި އަނިޔާގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ނަފްސާނީ ހާނިއްކަ: ނަފްސާނީ ހާނީއްކަ ކުރުމަކީ ނަފްސާނީ ގޮތުން ކުޑަކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް ގެއްލުން ލިބިދާނެ ފަދަ ގޮތަކަށް މީހަކާއި މެދު ކަންތައްތައް ކުރުމާއި، މުއާމަލާތް ކުރުމެވެ. ނުވަތަ ނަފްސާނީގޮތުން ގެއްލުން ލިބިދާނެފަދަ މަންޒަރު ދެއްކުމާއި، އެފަދަ ލިޔުންތަކާއި ކުރެހުންތައް ދެއްކުމާއި، ބިރުވެރި ވާހަކަ ކިޔައިދިނުމާއި، ބައްޔެއްގެ ސަބަބުން އަސަރުކުރާނެ ކަންތައްތަކުގައި ސީދާގޮތުންނާއި ނުސީދާގޮތުން ޝާމިލުކުރުމާއި، ހަނގާ ކުރުމެވެ. މިފަދަ ކަމެއްގެ ސަބަބުން ނަފްސަށް ކުރާ އަސަރު ވަރަށް ބޮޑުވެގެންދާކަން ފާހަގަކުރެވެއެވެ. މިގޮތުން ނޭނގި ނަމަވެސް އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ އަމަލުތައް އެފަދަ ކަންކަން ތަހައްމަލުކުރާ ފަރާތްތަކުން ކުރެވޭފަހަރު އާދެއެވެ.

ގެވެށި އަނިޔާގެ ގެއްލުން: ގެވެށި އަނިޔާގެ ސަބަބުން އަނިޔާލިބޭ ފަރާތަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަސަރުކުރެއެވެ. އެގޮތުން އަނިޔާ ލިބޭ ފަރާތަށް ސީދާ ގޮތުން ލިބޭ ގެއްލުންތަކަށް ބަލާއިރު އަނިޔާވާ ފަރާތަށް ލިބޭ ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތަކާއި، އަނިޔާ ކުރާފަރާތް އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އަނިޔާ ލިބޭ ފަރާތަށް ކުރިމަތިވާ ކަންކަން ހިމެނެއެވެ. އަދި ގެވެށި އަނިޔާއިން ލިބޭ އަނިޔާގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބޭ އަނިޔާތައް ގިނަ ދުވަސްތަކަކަށް ދެމިގެންގޮސް ކުރިމަގަށް އެއަށް އަސަރު ކުރެއެވެ. ނުސީދާ ގޮތުން ލިބޭ ގެއްލުންތަކުގެ ތެރޭގައި އުފެއްދުންތެރި މަސައްކަތެއް ނުކުރެވުމާއި އަނިޔާއިން އަޅާ ވޭން ދާއިމަށް ދެމިގެންދިއުން ހިމެނެއެވެ.

ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވައި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ޤާނޫނެއް ފާސްކުރެވި އެ ޤާނޫނަށް ދަނީ އަމަލުކުރަމުންނެވެ. 2012 ވަނަ އަހަރު އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެ ބިލް ތަސްދީޤު ވެގެންދިއުމާއެކު ގާނޫނީ އޮނިގަނޑުގެ ތެރެއިން މިފަދަ މައްސަލަތައް ހުއްޓުވުމަށާއި ފިޔަވަޅު އެޅުމަށާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވަނީ މަގުފަހިވެފައެވެ.

ގެވެށި އަނިޔާއަށް ފިޔަވަޅު އެޅުމުގައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ ޒިންމާ

ވިކްޓިމްސްއަށް އެހީވުމުގައި ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުގެ ދައުރަށް ބަލާއިރު ގެވެށި އަނިޔާގެ ގާނޫނުގެ ދަށުން ގެވެށި އަނިޔާގެ އަމަލެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބޭ ކޮންމެ މީހަކީ އިޖްތިމާއީ ކަންކަމާބެހޭ ވުޒާރާއާއި ފުލުހުންނަށް ރިޕޯޓް ކުރަންޖެހޭ ފަރާތެކެވެ. މި ގާނޫނު ތަންފީޒު ކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރަނީ އިޖްތިމާއީ ކަންކަމާބެހޭ ވުޒާރާއެވެ. އޭގެއިތުރުން ސިއްހީ މަރުކަޒަކަށް ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތެއްގެ މައުލޫމާތު ލިބިއްޖެނަމަ ފުލުހުންނަށް އަދި އިޖުތިމާއީ ޚިދުމަތްދޭ ފަރާތަކަށް އެކަން އެންގުން މި ގާނޫނު ލާޒިމުކުރެއެވެ. މި ގާނޫނު ތަންފީޒުކުރުމަށް ފުލުހުންގެ ދައުރަކީ، އަމަލުގެ ގޮތުގައި ހިމެނޭ ކަންކަމުގެ ތެރެއިން ޖިނާއީ ކުށް ތަހުގީގުކޮށް ދައުވާކުރުމަށް ފޮނުވުމާއި ރައްކާތެރިކަމުގެ އަމުރާ ބެހޭ މައުލޫމާތު އަނިޔާގެ ޝިކާރައަކަށްވީ ފަރާތަށް ހިއްސާކުރުމާއި ޖެންޑަރ މިނިސްޓްރީ އާއި ފެމިލި ޕްރޮޓެކްޝަން އޮތޯރިޓީއަށް މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ރައްކާތެރިކުރުމުގެ އަމުރާއި ޚިލާފުވާ މައްސަލަތައް ތަހުގީގުކުރުމެވެ.

ގެވެށި އަނިޔާގެ މައްސަލަތައް ހުށަހަޅާނީ ކިހިނެއް؟

ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ އެމަރޖެންސީ ނަންބަރު 119 އަށް ގުޅުއްވައި އެ މައްސަލައެއް ރިޕޯޓް ކުރެވިދާނެއެވެ. އަދި އެމަރޖެންސީ ނޫން ހާލަތްތަކުގައި ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނަންބަރަށް ގުޅައި އެ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރެވިދާނެއެވެ. މީގެއިތުރުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންފެ ނަންބަރުތައް ކަމަށްވާ 3000600،  9790163 އަދި ކުޑަކުދިންގެ ހެލްޕްލައިން 1412 އަށް ގުޅުއްވާ އަނިޔާގެ މައްސަލަ ރިޕޯޓް ކުރެވިދާނެއެވެ.

ނޯޓް: މި ރިޕޯޓްގައި ގެނެސްދީފައި މިވަނީ ދިވެހި ފުލުހުންގެ ވެބްސައިޓްގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކެކެވެ. 

The post ގެވެށި އަނިޔާއަށް ކެތްކޮށްގެން ހުންނާނީތަ؟ ހޭލުންތެރިވާންޖެހޭ! appeared first on XeeTimes.



More from XeeTimes