ފްލެޓް ލިސްޓު 2-3 ހަފްތާއިން ނިންމަން ބޭނުން، 5 އަހަރު މަޑުކުރަން ނުޖެހޭނެ: ރައީސް

Fri, 29 Mar 2024 03:14 PM

View on this article on Vaguthu

ފްލެޓް ލިސްޓު 2-3 ހަފްތާއިން ނިންމަން ބޭނުން، 5 އަހަރު މަޑުކުރަން ނުޖެހޭނެ: ރައީސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު، ދެ ތިން ހަފްތާގެ ތެރޭގައި ނިންމައި ފްލެޓު ހަވާލު ކުރަން ބޭނުންފުޅުވާ ކަމަށާއި ބޯހިޔާވަހިކަން ނުލިބި ފަސް އަހަރު އިންތިޒާރު ކުރަން ނުޖެހޭނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.



"ވަގުތު" ގެ ނޫސްވެރިން ރައީސް ޑރ. މުއިއްޒުއާ ބައްދަލު ކުރައްވައި ކުރި އެންމެ މުހިންމު އެއް ސުވާލަކީ ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭ ގޮތުންނެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އަދި ސޯލިހްގެ ވެރިކަމުގައި ދޫކުރި ފްލެޓުތަކާއި ގޯތިތައް އެމީހަކަށް ލިބުނު ތަނަކުން ހަވާލުކޮށް ދިނުމަކީ ވެސް އެމަނިކުފާނު ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންނެވި ކަމެކެވެ.

ކުރީގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރެފައި އޮއްވައި ފްލެޓު ހަވާލު ކުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައި އެ މައްސަލަ ތަހުގީގު ކުރިއެވެ. އެކަމަކު، އޭސީސީން ވަނީ ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައެވެ. "ވަގުތު"ން ކުރި ސުވާލުގައި އެ ފްލެޓު ލިސްޓް ނެރޭނެ އިރަކާ މެދުގައި އާއި އަނެއްކާ ވެސް ފަސް އަހަރު ނިމެންދެން އިންތިޒާރު ކުރަންވީތޯ ސުވާލު ކުރީމެވެ.

"ވަގުތަށް" ދެއްވި ހާއްސަ އިންޓަވިއުގައި ރައީސް ވިދާޅުވީ މި ފަސް އަހަރު ނިމޭއިރު، ރާއްޖޭގައި ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް އެކަން ހައްލުކޮށް ދިނުމަކީ އަމާޒެއް ކަމަށާއި އެކަން ކުރައްވާނެ ކަމަށެވެ. މާލެ ސިޓީ ސަރަހައްދުގައި ދިރިއުޅޭ އެއްވެސް ރައްޔިތަކު އަދި މާލޭގެ އެއްވެސް ރައްޔިތަކު މި ފަސް އަހަރު ނިމޭއިރު ގޯތި ގެދޮރުގެ މައްސަލަ ހައްނުވެ ނުހުންނާނެ ކަމަށުގެ ޔަގީންކަން ވެސް ރައީސް ދެއްވެވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު "ވަގުތަށް" ދެއްވި ހާއްސަ އިންޓަވިއު. ---- ވަގުތު އިމޭޖަސް: އަހުމަދު އަލީ

"އަޅުގަނޑުވީ ވައުދާ އެއްގޮތަށް އެ މީހަކަށް ގޯއްޗާއި ފްލެޓް ލިބުނު ތަނަކުން ލިބޭނެ. އެކަން އޮތީ އަދިވެސް އެގޮތަށް. އެކަމަށް ބަދަލެއް ނުގެންނަން. އޭސީސީއިން ފްލެޓް ބަލާފައި ކަމުނުދާކަން ފާހަގަކުރުމަކީ އެއީ އަޅުގަނޑު ކުރިކަމެއް ނޫން. އަޅުގަނޑު ކަންބޮޑުވޭ އެކަން އެގޮތަށް ހިނގީމަ. އެކަމަކު، އޭސީސީގެ ހައްގު، ރައިޓް، ޒިންމާ އެ ބޭފުޅުން އަދާކުރައްވާނެ. އަޅުގަނޑު މި ބަލަނީ އޭސީސީއިން ނިންމި ނިންމުމުގެ ތަފްސީލްތައް. ބަލާފައި ވީހާވެސް އަވަހަކަށް ބޭނުން އެ ލިސްޓަށް ފްލެޓް ހަވާލު ކުރަން ވެސް." ރައީސް ވިދާޅުވިއެވެ.

އޭސީސީން ދިން ލިސްޓާއެކު، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ފަށައިފި

ރައީސް ވިދާޅުވީ ނުގަވައިދުން ކަމެއް ކޮށްފައިވާނަމަ ސަރުކާރުން ސޯޝަލް ހައުސިންގެ މަޝްރޫތަކުން އެ މީހަކަށް ފުރުސަތު ގެއްލިގެންދާ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ސިޔާސަތަކީ އެ ފުރުސަތު އެ ފަރާތަކަށް ދާއިމަށް ގެއްލުވާލުން ނޫން ކަމަށް ވިދާޅުވިއެވެ.

ކުރީގައި ނުގަވައިދުން ކަމެއް ކޮށްގެން ގޯއްޗެއް ނުވަތަ ފްލެޓެއް ހޯދާފައިވާ މީހެއް ނަމަ، ސަރުކާރުގެ ސޯޝަލް ހައުސިންއަކަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ނުވަތަ އެއްވެސް ފުރުސަތެއް ނުލިބޭ ގޮތަށް އޮންނަ ކަމަށް ވިދާޅުވިއެވެ. އެއީ ކުރީގެ ސިޔާސަތު ކަމަށާއި އެ އުސޫލު އެމަނިކުފާނު ގަބޫލްނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެފް ޑީ ސީ އަމާން އުދަރެސް ޕްރޮޖެކްޓް -- ވަގުތު އިމޭޖެސް : އާދިން މޫސާ ލަތީފް

"މި ފަސް އަހަރުގެ ތެރޭގައި ހުރިހާ ރައްޔިތުންނަށް ގޯތިގެދޮރު ހަމަޖެއްސުމަކީ އަމާޒެއް. އެހެންވީމަ އެމީހުންނަށް ދެން ކުރިއަށް ގެންދާ ހައުސިން މަޝްރޫއެއްގައި ފުރުސަތު ލިބިގެންދާނެ. އުންމީދަކީ އެހެންވެސް ވާން ނުޖެހޭނެ ކަމަށް. މިހާރު އޮތް ލިސްޓާ އެއްކޮށް ކުރިއަށް ދެވޭނެކަމަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފްލެޓް ލިސްޓް ރިވިއު ކުރުމުގެ މަސައްކަތް ވަކި ކޮމިޓީއަކުން ކުރަމުންދާ ކަމަށާއި އެ ކޮމިޓީގެ މަސައްކަތްތައް ބެލުމަށް މާލެ ރައްޔިތުން ތަމްސީލްކުރާ ކައުންސިލަރުންގެ ކޮމިޓީއެއްވެސް އެކުލަވާލާފައިވާ ކަމަށެވެ. އެހެންކަމުން އެ ލިސްޓު ރިވިއު ކުރަމުންދަނީ މިނިވަން ކަމާއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި ބޭނުންފުޅުވަނީ އެ ލިސްޓު ރަނޅަށް ބެލުމަށް ފަހު ވީހާ ވެސް އަވަހަކަށް ފްލެޓް ހަވާލުކުރުމަށް ކަމަށް ވިދާޅުވިއެވެ.

"ވަރަށް ރަނގަޅަށް ޗެކް އެންޑް ބެލެންސް ގާއިމު ކުރެވިގެން އެ ލިސްޓް ގޯ ތްރޫ އެ ކުރެވެނީ. ކޮށްފައި އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އުންމީދަކީ ބަރާބަރަށް އެންމެން ތުރޫ ވާނެ ކަމަށް ވީހާވެސް އަވަހަކަށް. ދެން އަޅުގަނޑަކަށް ދަންނަވާކަށް ނޭނގޭ (ކިހާ މުއްދަތެއް ހޭދަވާނެ ކަމަށް). އެކަމަކު ބޭނުން ވީހާވެސް އަވަހަށް ދެތިން ހަފްތާގެ ތެރޭގައި އެންމެ ލަސްވެގެން ނިންމަން. އެކަމަކު އަޅުގަނޑަކަށް ތާރީހެއް އެގޮތަށް ދަންނަވަން ނޭނގޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު "ވަގުތަށް" އިއްޔެ އިންޓަވިއު ދެއްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވާ ކަމަށް ނިންމިއެވެ. "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ޝަރުތު ހަމަވި ނަމަވެސް ފުރަތަމަ ދޫކުރާ 4،000 ފްލެޓު ނުލިބޭ މީހުންނަށް ލިޔުމެއް ދިނުމަށެވެ. އަދި އެ ލިޔުން 9،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާނެ ކަމަށް ބުނެފައިވެއެވެ.

އޭސީސީން ހާމަކުރި ގޮތުގައި ތަހުގީގުގައި ޖުމްލަ 4،048 ފޯމެއް ބެލި އިރު، ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތި ޝަރުތު ހަމަވެފައިވަނީ %20.7 ފޯމުގެއެވެ. އަދި %19.7 މީހުންނަކީ ޝަރުތު ހަމަވި ނަމަވެސް މައްސަލަތައް ހުރި ފޯމެވެ. އަދި ޝަރުތު ފުރިހަމަ ނުވާ %59.6 ފޯމް ހުރިކަން ފާހަގަވާ ކަމަށް އޭސީސީން ބުންޏެވެ. އެއީ 2،000 އަށް ވުރެ ގިނަ ފޯމެވެ. ޝަރުތު ހަމަވިނަމަވެސް މައްސަލަތައް ހުރި ފޯމުތަކުން ފާހަގަ ކުރެވުނު ކަންކަމުގެ ތެރޭގައި ފޯމްގައި ދީފައިވާ މައުލޫމާތު ފުށުއެރުމާއި ޕޮއިންޓް ދިނުމުގައި މައްސަލަތައް ހުރުމާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް، އުސޫލާ ހިލާފަށް ޕޮއިންޓް ދިނުން ހިމެނެއެވެ.

 



More from Vaguthu