ހުޅުމާލޭގައި ގާއިމް ކުރާ ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އަޅައިފި

Thu, 28 Mar 2024 08:05 PM

View on this article on Vaguthu

ހުޅުމާލޭގައި ގާއިމް ކުރާ ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އަޅައިފި

ހުޅުމާލޭގައި ގާއިމް ކުރާ ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ މިއަދު އަޅައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ހަފްތާ 14 ގައި ހިމެނޭ ކަމެކެވެ. މިގޮތުން މި މައްސަލައިގެ ހައްލެއްގެ ގޮތުން ޕެޓް ކެއަރ ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.



ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގައި މި ޕެޓް ކެއަރ ފެސިލިޓީއެއް ގާއިމްކުރުމަށް މިއަދު ބިންގާއަޅާފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

މި ޕެޓްކެއަރ ފެސިލިޓީގެ ބައުންޑަރީ ފެންސުގެ މަސައްކަތް ވަނީ ފެށީ މި މަހުގެ 19 ވަަނަ ދުވަހެެވެ.

މި ވަގުތީ ކެޓް ޝެލްޓަރއަކީ މާލެ ސަރަހައްދުގެ ޕާރކްތަކާއި މަގުމަތީގައާއި އަދި މިނޫންވެސް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާތައް ގިނަވެފައިވުމުން އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި ސާފު މާހައުލެއް ގާއިމް ކުރުމަށް ހުޅުވޭ ފެސިލިޓީއެކެވެ. މީގެ އިތުރުން ގޭގޭގައި ގެންގުޅޭ ބުޅާތަކަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ މި ފެސިލިޓީން ލިބިގެންދާނެ ކަމަށް އެ ވުޒާރައިން މައުލޫމާތު ދެއްވައެެވެ.

މި ފެސިލިޓީ ގާއިމްކުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް، ބުޅާތައް ގިނަވެފައިވުމުން ދިމާވެފައިވާ އުނދަގޫތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެ ވުޒާރައިން މައުލޫމާތު ދެއްވައެެވެ. އެގޮތުން މި ފެސިލިޓީ މެދުވެރިކޮށް، ބުޅާތަކަށް ބޭނުންވާނެ ފުރިހަމަ އަޅާލުން ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ބުޅާތައް ކަރަންޓީން ކުރެވޭ ސަރަހައްދަކާއި، ކްލިނިކްއަކާއި، ފާރމަސީއާއި، ލެބޯޓްރީ، އަދި ހިޔާވަހިކަމާއި، އެކަށީގެންވާ ސިއްހީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާއިރު، މި ވަގުތީ ކެޓް ޝެލްޓަރ ގާއިމްކުރުމުގެ ސަބަބުން މާލެ ސަރަހައްދުގެ ބުޅާތައް ގިނަވެފައިވުމުން ކުރިމަތިވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.



More from Vaguthu