ވަޒީފާއިން ދުރުވެފައިވާ ސިވިލް ސާވިސް މުވައްޒަފުންނަށް އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ

Mon, 29 Apr 2024 03:52 PM

View on this article on Vaguthu

ވަޒީފާއިން ދުރުވެފައިވާ ސިވިލް ސާވިސް މުވައްޒަފުންނަށް އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ

ވަޒީފާއިން ދުރުވެފައިވާ ސިވިސް ސާވިސް މުވައްޒަފުންނަށް އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.



އެމަނިކުފާނު އެގޮތަށް ނިންމެވީ އިއްޔެ ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް އޮފީހުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުއެވެ.

ރައީސްގެ އެ ނިންމެވުމާއި ގުޅިގެން، ސިވިލް ސާވިސްގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކުގައާއި، ވަގުތީގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާއަދާކުރުމަށް ޝައުގުވެރިކަންހުރި، އެ ދާއިރާތަކުގައި ވަޒީފާއަދާކޮށް ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވައިލުމަށް ވަނީ ނިންމަވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެގޮތަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަޖެއްސެވުމަށްވެސް ނިންމަވާފައިވެއެވެ.

އެކިއެކި ޓެކްނިކަލަ ދާއިރާތަކުން ތަމްރީނުވެގެން ރާއްޖޭގައި މަސައްކަތްކުރާ ދިވެހީން ސަރުކާރުގެ ވަޒީފާތަކަށް ގެނައުމަށް ބާރުއެޅުމަށްޓަކައި، އެ ފަރާތްތަކަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށްވުމާއެކު، އެފަދަ ފަރާތްތަކަށް ހާއްސަ 'ޕޭ ސްޓްރަކްޗާ' އެއް އެކުލަވާލެއްވުމަށް ވަނީ ނިންމަވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. އޭގެ އިތުރުން ހަޔާ އެޑިޔުކޭޝަން ލޯން ސްކީމަށް ކަނޑައެޅޭ ބަޖެޓުގެ ތެރެއިން އެންމެ މަދުވެގެން 50 އިންސައްތަ ހުރިހާ ދާއިރާއެއްގެ 'ހައިލީ ޓެކްނިކަލް ފީލްޑްތަކަށް' ހާއްސަކުރުމަށް ވެސް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ ރައީސް މުއިއްޒު އެ ނިންމެވުން ނިންމަވާފައިވަނީ ސިވިލް ސާވިސްއަށް މީހުން ރެކްރޫޓްކުރުމުގެ އިޖުރާއަތުތައް ހުރި ގޮތުން މީހުން ލިބުން ދަތިނޫން މަގާމުތަކަށްވެސް މީހުން ހަމަޖެއްސުން ލަސްވާތީ ބައެއް މުއައްސަސާތަކުން ހިދުމަތް ދިނުމުގައި އަދި މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިވާކަމަށް ފާހަގަކުރެވޭތީ ކަމަށެވެ.

ދާއިމީ މަގާމުތަކަށް މީހުން ހޯދުމުގެ އިތުރުން އެކި ސަބަބުތަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީ ނަގާ މުވައްޒަފުންގެ ބަދަލުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ މީހުން ރެކްރޫޓުކުރުމަށް ވެސް ދަތިތަކެއް ހުރިކަން ރައީސް އޮފީހުން ފާހަގަކުރިއެވެ.



More from Vaguthu