މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024ގެ ޝަރަފުވެރި އެވޯޑުތައް ރައީސް ހަވާލުކޮށްދެއްވައިފި

Fri, 18 Oct 2024 10:09 AM

View on this article on ThePress.mv

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024ގެ ޝަރަފުވެރި އެވޯޑުތައް ރައީސް ހަވާލުކޮށްދެއްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024"ގެ އެންމެ ޝަރަފުވެރި އެވޯޑްތައް ހަވާލުކޮށްދެއްވައިފިއެވެ.



ރައީސް މި އެވޯޑްތައް ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން، "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024"ގެ ނަމުގައި، ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ހާއްސަ ހަފްލާގައެވެ.

މި ހަފްލާގައި ރައީސް ވަނީ، "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ލިބިވަޑައިގެންނެވި 2 ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ. މިއަހަރު ލައިފްޓައިމް އެވޯޑު ލިބިވަޑައިގެންފައި ވަނީ އަލްމަރްޙޫމް އަހްމަދު ހާފިޒްގެ ހަނދާނަށާއި، އަބްދުއްސައްތާރު ހަސަނަށެވެ.

"ސްޕޯޓްސްވުމަން އޮފް ދަ އިޔާ ގޯލްޑް" ހާސިލުކުރި ފާތިމަތު ދީމާ އަލީ އަށާއި، "ސްޕޯޓްސްވުމަން އޮފް ދަ އިޔަޔާ ސިލްވާ" ހާސިލުކުރި ފާތިމަތު ނަބާހާ އަބްދުއްރައްޒާގަށާއި، "ސްޕޯޓްސްވުމަން އޮފް ދަ އިޔާ ބްރޮންޒް" ހާސިލުކުރި އާމިނަތު ނަބީހާ އަބްދުއްރައްޒާގަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސް މުއިއްޒުއެވެ.

މީގެ އިތުރުން "ސްޕޯޓްސްމަން އޮފް ދަ އިޔާ ގޯލްޑް" ހާސިލުކުރި މުހައްމަދު ޝައްފާން އިސްމާއިލަށާއި، "ސްޕޯޓްސްމަން އޮފް ދަ އިޔާ ސިލްވާ" ހާސިލުކުރި އަޒްނީން ރަޝާދަށާއި، "ސްޕޯޓްސްމަން އޮފް ދަ އިޔާ ބްރޮންޒް" ހާސިލުކުރި ނިބާލް އަހްމަދަށް ވެސް އެވޯޑު ހަވާލުކޮށްދެއްވީ ރައީސް މުއިއްޒުއެވެ.

އެވޯޑު ހަވާލުކުރެއްވުމަށްފަހު ރައީސް ވަނީ މި ޙަފްލާގައި އެންމެ ޝަރަފުވެރި ދެ އެވޯޑު ހާސިލުކުރެއްވި ދެ ބޭފުޅުންނާއެކު ހާއްސަ ހަނދާނީ ފޮޓޯއެއް ނަންގަވައިފައެވެ.

މި ހަފްލާގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެން، ބައެއް ހާއްސަ އެވޯޑުތައް ހަވާލުކޮށްދެއްވާފައިވެއެވެ. އަދި ކުޅިވަރު ދާއިރާގެ ކުރިއެރުމަށް ރާއްވަވާފައިވާ އަދި ފައްޓަވާފައިވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ މި ޖަލްސާގައި ވާހަކަ ދައްކަވައިފައެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް"އަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ހިދުމަތްކޮށްދީފައިވާ އަދި ހިދުމަތްކޮށްދެމުންދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ހާއްސަކޮށްގެން ދިވެހިރާއްޖޭގައި ބާއްވަމުންދާ އެންމެ ޝަރަފްވެރި އިހްތިފާލެވެ.



More from ThePress.mv