500 އަށްވުރެ ގިނަ އިމާމުންނާއެކު ރާއްޖޭގެ ފުރަތަމަ މަހާސިންތާ ފަށައިފި

Sat, 21 Sep 2024 11:58 AM

View on this article on ThePress.mv

500 އަށްވުރެ ގިނަ އިމާމުންނާއެކު ރާއްޖޭގެ ފުރަތަމަ މަހާސިންތާ ފަށައިފި

ރާއްޖޭގެ ހުރިހާ އިމާމުންނަށް ހާއްސަކޮށް ކުރިއަށްގެންދާ މަހާސިންތާ މިއަދު ފަށައިފިއެވެ.



500 އަށްވުރެ ގިނަ އިމާމުން ބައިވެރިވާ މި ބިޔަ މަހާސިންތާ ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

މި މަހާސިންތާގައި މާލޭ މިސްކިތްތަކުގެ އިމާމުންގެ އިތުރުން އޮންލައިންކޮށްވެސް އިމާމުން ބައިވެރިވެއެވެ.

ރަސްމިއްޔާތު ފައްޓަވާދެއްވާ ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ އިމާމުކަމުގެ ވަޒީފާއަކީ މުސާރައެއް ލިބޭ ވަޒީފާއަކަށް ކަމުގައިވި ނަމަވެސް ވަޒީފާ އަދާކުރަން ޖެހޭނީ ﷲ އަށްޓަކައި ކަމުގަ އެވެ. އަދި ހުރިހާ އިމާމުން އެކުވެ މި މަހާސަންތާ ބޭއްވުމުގެ އެންމެ ބޮޑު މަގްސަދެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ އިމާމުން އެއް ތަނަކުން ބައްދަލުވެ، އެކަކު އަނެކަކަށް ތައާރަފްވެ، އިމާމުންނަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށެވެ.

"ދުނިޔެވީ ގޮތުން ލިބޭ މުސާރައަކީ ވެސް މުހިންމު އެއްޗެއް. އެހެން ނަމަވެސް އަޅުގަނޑުމެންގެ ހިތުގަ އެކަމަށް އޮތް އެންމެ އިސް މަގާމަކަށްވާން ޖެހޭނީ ﷲ ލޯބިވެވޮޑިގަންނަވާ މަތިވެރި މަގާމަކަށް ވާތީ ކުރާ ކަމެއްގެ ގޮތުގަ" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ޝަހީމް

އިމާމުންނަކީ މުޖުތަމައުއެއް ބިނާކުރުމަށް މުހިންމު ރޯލެއް އަދާކުރާ ބައެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ މި މަހާސިންތާގައި މަޝްވަރާކޮށް ނިމިގެންދާ ކަންތައްތައް ލަސްނުކޮށް ތަންފީޒު ކުރަމުންދާނެ ކަމަށެވެ.

މި މަހާސިންތާގައި މި ސަރުކާރުން އަލަށް ފެށި ޒުވާން ހާތިބުން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ދަރިވަރުން ވެސް ބައިވެރިވެއެވެ. މިއަދުގެ ނިޔަލަށް ކުރިއަށްދާ މި މަހާސިންތާގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން މައުލޫމާތު ހިއްސާކުރައްވައި އެކި ކަންކަމުގައި މަޝްވަރާކޮށް ހައްލު ހޯދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.



More from ThePress.mv