ޕޯސްޓު ފޮނުވާ އެޑްރެސް ބަދަލުވެފައިވާ ކަމަށްބުނެ ސްކޭމް މެސްޖުތަކެއް ފޮނުވަނީ

Sat, 27 Apr 2024 03:29 PM

View on this article on ThePress.mv

ޕޯސްޓު ފޮނުވާ އެޑްރެސް ބަދަލުވެފައިވާ ކަމަށްބުނެ ސްކޭމް މެސްޖުތަކެއް ފޮނުވަނީ

މޯލްޑިވްސް ޕޯސްޓު އޮފީހުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ދައުރުކުރަން ފަށައިފިއެވެ.



މި މެސެޖުތައް ދައުރު ކުރަމުންދަނީ ޕޯސްޓުން ފޮނުވާ އެޑްރެސްގެ މައުލޫމާތު ނޭނގޭތީ، ޕެކޭޖް ފޮނުވޭނެ ގޮތް ނެތް ކަމަށް ބުނެއެވެ.

ކެނެޑާގެ ނަންބަރުތަކުން ފޮނުވަމުންދާ މި މެސެޖުގައި ބުނެފައި ވަނީ ގުދަނަށް ޕެކޭޖް އައިސްފައިވާ ކަމަށާއި އެޑްރެސްގެ މައުލޫމާތު ރަނގަޅުނުވެގެން ފޮނުވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި އެ މެސެޖުތަކާއެކު ފޮނުވާފައިވާ ލިންކުން ރަނގަޅު މައުލޫމާތު އަލުން ފުރިހަމަކުރުމާއެކު 24 ގަޑިއިރުގެ ތެރޭގައި ޕެކޭޖް ފޮނުވާނެ ކަމަށް ވެސް އެ މެސެޖުތަކުގައި ބުނެފައި ވެއެވެ.

"ވައި އަށް ޖަވާބު ދެއްވައި ދެން ޓެކްސް މެސެޖުން ނުކުމެ އަލުން ހުޅުވައިގެން ލިންކް އެކްޓިވޭޓް ކުރައްވާ. ނުވަތަ ލިންކް ކޮޕީކޮށް ސަފާރީގައި ހުޅުއްވާލައްވާށެވެ. ނުވަތަ ޓީއަށް ޖަވާބު ދީފައި ޕެކޭޖް ޑީލަރަށް އަނބުރާ ދިނުމެވެ." އެ މެސެޖުގައި ބުނެފައި ވެއެވެ.

ޕޯސްޓު އޮފީހުގެ ނަމުގައި ދައުރުކުރަމުންދާ ސްކޭމް މެސެޖު

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އާއި މުދާ ހޯދާ މިންވަރު ރާއްޖޭގައި އިތުރުވެފައިވާއިރު މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިއަހަރުގެ ޖެނުއަރީގެ ނިޔަލަށް ސްކޭމްގެ އެކި މައްސަލަތަކުގައި 27 މިލިއަން ރުފިޔާ އާންމުން އަތުން ގެއްލިފައިވާ ކަމަށް ފުލުހުން ވަނީ ދާދިފަހުން މައުލޫމާތު ދީފައެވެ.

މި ކުޑަ މުޖްތަމައުގައި އާންމުވެފައިވާ މި މައްސަލަ ހުއްޓުވުމަށް ދާދި ފަހުން ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) އާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ. ޑީއެންއާރުން ބުނީ މި އެއްބަސްވުމަކީ ދިވެހިރައްޔިތުންގެ މައުލޫމާތު، ދިރާގާ ހިއްސާ ކުރުމަށް، ދެ ފަރާތުން ގެންގުޅެން ޖެހޭނެ އުސޫލުތަކެއް ބަޔާންކޮށް ވެވިފައިވާ އެއްބަސްވުމެއް ކަމަށެވެ.



More from ThePress.mv