ރާއްޖޭގައި ދަނޑުވެރިކަމުގެ އިކޮނަމިކް ޒޯނެއް ގާއިމުކުރަނީ

Fri, 19 Apr 2024 01:48 PM

View on this article on ThePress.mv

ރާއްޖޭގައި ދަނޑުވެރިކަމުގެ އިކޮނަމިކް ޒޯނެއް ގާއިމުކުރަނީ

ރާއްޖޭގައި ދަނޑުވެރިކަމުގެ އިކޮނަމިކް ޒޯނެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.



އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ރައީސް މުއިއްޒުގެ މުހިންމު ވައުދުފުޅެއްކަމަށާއި އެކަން ހާސިލުކުރުމަށް މި މަސައްކަތަކީ މުހިންމު މަަސައްކަތަކަށް ވާނެ ކަމަށެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި 2023 ވަނަ އަހަރު ރާއްޖޭގައި ދަނޑުވެރިކަން ކުރުމަށް 5900 ހެކްޓަރުގެ ބިން އޮތް ނަމަވެސް ރާޢްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރެވިފައިވަނީ އެންމެ 10 ޕަސެންޓުގެ ބިމެވެ.

މީގެއިތުރުން ދަނޑުވެރިކަމުގެ ޖީޑީޕީ 2005 އަކުން 2022 ވަނަ އަހަރުގެ ނިޔަލަށް 1.5 ޕަސެންޓުގައި ހުރުމުން ދޭހަވަނީ ރާއްޖޭގައި ދަނޑުވެރިކަމަން ކުރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ބޮޑުކަން ކަމަށްވެސް ސްޓެޓިސްޓިކްސް ރިޕޯޓުގައި ވަނީ ބުނެފައެވެ. ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި ރާއްޖޭގައި ދަނޑުވެރިކަން ކުރާ މީހުންގެ އާބާދީ 2013 ވަނަ އަހަރު ވަނީ 23.7 ޕަސެންޓަށް ދަށްވެފައެވެ.

ރައީސް ޑރ. މުއިއްޒު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި އެ އަތޮޅު ކަނޑޫދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ ކަނޑޫދޫ އަކީ ދަނޑުވެރި ރަށެއް ކަމަށާއި ކަނޑޫދޫގެ ދަނޑުވެރިކަމުން މުޅި ރާއްޖެއަށް ފައިދާކުރަމުންދާކަމަށެވެ. އެރަށުގެ ދަނޑު ބިންތައް ފުރިފައި އޮތުމުން ދަނޑުވެރިކަން ކުރުމަށް އިތުރު ބިމެއް ހަމަޖައްސައިދެއްވާނެ ކަމަށެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.



More from ThePress.mv