މިއަދު މަޖިލީހުގައި އޮތީ ނިޒާމު ގެއްލުވާލުމާއި ޗޯރު ލަވަޖެހުން!

Mon, 05 Jun 2023 11:59 AM

View on this article on ThePress.mv

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ބުނެ މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ މިއަދު މަޖިިލީހުގައި ކުރިއަށް ގެންދަން ނިންމާފައި ވާއިރު މައްސަލަ ކުރިއަށް ގެންދިއުން ހުއްޓުވައި، "ޗޯރު އިބުރޭ" ލަވަޖަހައި މެންބަރުން މަޖިލީހުގެ ނިޒާމު ގެއްލުވާލައިފިއެވެ.

މިއަދުގެ މަޖިލީސް ފެށުމާއެކު އިދިކޮޅު މެންބަރުން އިހްތިޖާޖު ކުރުމުން މަޝްވަރާއަށް މަޖިލިސް މެދުކަނޑާލައި، މަޝްވަރާއަށް ފަހު މަޖިލިސް ފެށި ނަމަވެސް ސައި ގަޑިއަށް މަޖިލިސް މެދު ކަނޑާލުމާ ހަމައަށް ވެސް މައްސަލަ ހުށަހެޅިފައެއް ނުވެއެވެ.

މަޝްވަރާއަށް ފަހު މަޖިލިސް އަލުން ފަށާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މައްސަލަ ހުށަހަޅަން ފެއްޓެވެމުން ގިނަ މެންބަރުންތަކެއް ނިޒާމީ ނުކުތާ ނަންގަވާފައެވެ. ނިޒާމީ ނުކުތާ ނަންގަވައި މެންބަރުން ވިދާޅުވަމުން ދިޔައީ މިދިޔަ ހަފްތާގައި ޖަލްސާއަށް ރިފްއަތު ވަޑައިނުގެންނެވި ސަބަބު ސާފުވާން ޖެހޭ ކަމަށެވެ.

މަޖިލީހުގެ ނިޒާމު ގެއްލުވާލައި ލަވަ ޖެހުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އެގޮތުން ފޯނު ބޭނުން ކުރަން ނުޖެހޭ ގޮތްގޮތަށް ފޯނު ބޭނުން ނުކުރުމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު ރިފްއަތު މަޖިލީހަށް ވަޑައި ނުގެން ލިޔުމުން ޖަވާބުދާރީ ވެފައިވާއިރު މިއަދު އޭނާ ވަނީ މަޖިލީހަށް ހާޒިރުވެ ވަޑައިގެންފައެވެ. ރިފްއަތު ވިދާޅުވެފައި މިއަދު މަޖިލީހަށް ހާޒިރުވެފައި ވަނީ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ހުށަހެޅުން ބިނާކޮށްފައިވާ މައިގަނޑު މައްސަލައަކީ އޭގައި ގިނަ ވާގިއާތަކެއް އަދި ގާނޫނީ ނުކުތާތަކެއް އެކުލެވޭ މައްސަލައަކަށްވެފައި އެ މައްސަލައިގައި ދިވެހި ދައުލަތް ތަމްސީލު ކުރުމުގެ ވާޖިބު އަދާ ކުރައްވުމަށް ކަމަށެވެ. އަދި ރިފްއަތު އަމަލުކޮށްފައިވާ ގޮތާބެހޭ ގޮތުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ބައެއް ބޭފުޅުން ވާހަކަ ދައްކަވަމުން ގެންގޮސްފައި ވާތީ، އެކަން ހާމަކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

ރާއްޖެ އާއި މޮރިޝަސް އާ ދެމެދު އިން ކަނޑައެޅި މައްސަލައިގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ މި މަހު 11 ވަނަ ދުވަހު، 13 މެންބަރުންގެ ސޮޔާ އެކުގައެވެ. އެ މައްސަލަ މަޖިލީހަށް އިދިކޮޅުން ހުށަހެޅީ ޕްރޮފްރެސިވް ކޮންގްރެސް ކޯލިޝަނާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީގެ އިތުރުން، އެމްޑީޕީން ވަކިކުރި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ސޮޔާއެކުވެ.



More from ThePress.mv