މަސްވެރިކަން ކުރި ލަންކާގެ އުޅަނދެއް ދައުލަތަށް ނަގަނީ

Fri, 18 Oct 2024 10:20 PM

View on this article on Sun Online

މަސްވެރިކަން ކުރި ލަންކާގެ އުޅަނދެއް ދައުލަތަށް ނަގަނީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ނުގަވައިދުން މަސްވެރިކަން ކުރި ސްރީލަންކާގެ އުޅަނދެއް ކަމަށްވާ "ޕުޝްޕާ ކުމަރަ" ދައުލަތަށް ނެގުމަށާއި އެ އުޅަނދުގެ ވެރި ފަރާތުން ހަތަރު ލައްކަ ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.



ފިޝަރީސް މިނިސްޓްރީން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އެ އުޅަނދުން މަސްވެރިކަން ކޮށްފައި ވާތީ، އުޅަނދުގެ ވެރިފަރާތް ކަމަށްވާ ތަމަންތާ ރުކުމަލް ޕެރޭރާ ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި "ޕުޝްޕާ ކުމަރަ" ކިޔާ އުޅަނދު ދައުލަތަށް ނަގައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

އެގޮތުން، މިދިޔަ ބުދަ ދުވަހު ސިވިލް ކޯޓުން އެ މައްސަލާގައި ހުކުމްކޮށްފައި ވަނީ ތަމަންތާ ރުކުމަލް ޕެރޭރާގެ ޣައިރު ހާޒިރުގައެވެ.

އެ ކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ، ފިޝަރީސް މިނިސްޓްރީން ހުށަހަޅާފައިވާ ޖޫރިމަނާއަކީ ސާބިތު ދަރަންޏެއް ކަމަށާއި އެ ފައިސާ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އުޅަނދުގެ ވެރި ފަރާތުން ދައުލަތަށް ދައްކަން ޖެހޭނެ ކަމަށެވެ.

އޭގެއިތުރުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކޮށްފައިވާ "ޕުޝްޕާ ކުމަރަ" ދައުލަތަށް ނެގުމަށް ވެސް އެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން، ބޭރުގެ މަސްބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މަސްވެރިކަން ކުރަމުން ދަނިކޮށް ކޯސްޓްގާޑުން ހިފަހައްޓައި، މައްސަލަ ބަލައި ޖޫރިމަނާކޮށްފައި ވެސް ވެއެވެ.



More from Sun Online